މާލޭ އިންޓަނޭޝަނަލް އެއާޕޯޓް (އިބުރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް)އާއި ރާއްޖޭގެ ދެކުނުގައިވާ އެމެރިކާގެ ކަނޑުގެ ސިފައިންގެ ބޭހެއް ކަމަށްވާ ފޯޅަވަހި (ޑިއަގޯގާސިއާ) އަށް ޖައްސަން އެމްއެޗް 370 ބޯޓުގެ ކެޕްޓަން ޒަހަރީ އަހުމަދު ޝާހު ފަރިތަކޮށްފައިވާ ކަމަށް މެލޭޝިއާ ނޫހަކުން ބުނެފި އެވެ.

ބޯޓު ގެއްލުނު ހާދިސާ ތަހުގީގުކުރަމުން އަންނަ އޮފިޝަލުންގެ ތެރެއިން ނަން ހާމަނުކުރާ އޮފިޝަލަކު ބުނިކަމަށް މެލޭ ޑެއިލީ ނޫހުން ބުނީ ކެޕްޓަން ޒަހަރީގެ ގޭގައި އޭނާ އަމިއްލައަށް ގާއިމްކޮށްފައިވާ ފްލައިޓް ސިމިއުލޭޓާގައިވާ ސޮފްޓްވެއާ ތަކުގެ ތެރޭގައި ރާއްޖެއާއި ފޯޅަވަހީގެ އިތުރުން ސްރީލަންކާ އާއި އިންޑިއާގެ އެއާޕޯޓްތައް ވެސް ހިމެނޭ ކަމަށެވެ. އެނޫހުން އަދި ބުނީ ސިމިއުލޭޓާގައިވާ ފަސް އެއާޕޯޓަކީ 1000 މީޓަރުގެ ރަންވޭ ހުރި ތަންތަން ކަމަށެވެ.

ޑިއަގޯގާސިއާއަށް ފްލައިޓް ޖައްސާފައި ވެދާނެ ކަމަށް ދެކެވޭ ވާހަކަތައް މެލޭޝިއާގެ ޑިފެންސް މިނިސްޓަރު ހިޝާމުއްދީން ހުސައިން ވަނީ ދޮގުކުރައްވާފަ އެވެ. ނަމަވެސް މެލޭ ޑެއިލީން ބުނީ ޑިއަގޯ ގާސިއާއަށް ޖައްސާފައިވެދާނެ ކަމަށް ބެލެވޭ ބެލެވުން ވެސް ތަހުގީގު ކުރަމުން އަންނަ ކަމަށް އެނޫހަށް މައުލޫމާތު ދިން އޮފިޝަލް ބުނިކަމަށެވެ.

ކެޕްޓަން ޒަހަރީ ޝާހުގެ ފްލައިޓް ސިމިއުލޭޓަރު މެލޭޝިއާ ފުލުހުން ގެންދިޔައީ މިދިޔަ ހޮނިހިރު ދުވަހު އޭނާގެ ގެ ބަލައި ފާސްކުރުމަށް ހިންގި އޮޕަރޭޝަނެއްގަ އެވެ.

މެލޭޝިއާ އެއާލައިންގެ އެމްއެޗް 370 ނަމްބަރު މަތިންދާބޯޓް މިމަހުގެ އަށް ވަނަ ދުވަހު ގެއްލުނީ ކުއާލަލަމްޕޫރުން ބެއިޖިންއަށް ދަތުރުކުރަނިކޮށެވެ. އެބޯޓުން 239 މީހުން ދަތުރުކުރި އެވެ. އެބޯޓު ހޯދުމަށް 26 ގައުމެއްގެ ކަނޑާއި ވައިގެ ސިފައިން ގުޅިގެން ކުރަމުން އަންނަ މަސައްކަތް އަދި ހުއްޓައެއް ނުލައެވެ.