18 Mar 2014, 11:30
މަޝްހޫރު ލިޔުންތެރިޔާ އަދި ގާނޫނީ ވަކީލު އަހްމަދު ނަޖީބު މަރާލި މައްސަލަ ތަހުގީގު ކުރި ފުލުހުން ހައި ކޯޓަށް ހާޒިރުކޮށް ދިނުމަށް އޭނާ މަރާލުމުގެ ކުށުގައި މެރުމަށް ހުކުމް ކޮށްފައިވާ މ. މަސްރޫރާ އަހްމަދު މުއްރަތު ބުނެފި އެވެ.
ހައި ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ނަޖީބު މަރާލި މައްސަލަ ތަހުގީގު ކުރި ފުލުހުން ޝަރީއަތަށް ހާޒިރުކުރަން މުއްރަތު އެދުމުން ފަނޑިޔާރުންގެ ބެންޗުން ވަނީ އެކަމާ ބެހޭ ގޮތުން ސުވާލުކޮށްފަ އެވެ. އެގޮތުން ފުލުހުން ހާޒިރު ކުރަންވީ ކީއްވެގެންތޯ ދެންނެވުމުން އެކަން ސާފުކޮށް މުރައްތު ކިޔައިދީފައެއް ނުވެ އެވެ.
މުއްރަތުގެ ގާނޫނީ ވަކީލު އަބްދުލް ހަކީމް މުހައްމަދު ރަޝާދު ވެސް ވަނީ ދައުލަތުން ކުރިން ހުށަހެޅި ބަޔާނާ ގުޅޭ ގޮތުން ވާހަކަ ދައްކާފަ އެވެ. އޭނާ މިއަދު ޝަރީއަތަށް އިއްވި ބަޔާނުގައި ދައުލަތުގެ ވާހަކަތަކަށް އެކަށީގެންވާ ގޮތެއްގައި ރައްދުދެވިފައެއް ނުވެ އެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ވަކީލު އެސިސްޓެންޓް ޕަބްލިކް ޕްރޮސެކިއުޓާ އާދަމް އާރިފް ވިދާޅުވީ ތުހުމަތު ކުރެވޭ މީހާ ބުއްދި ސަލާމަތުން ހުރެ ޝަރީއަތުގެ މަޖިލީހުގައިވާ އިއުތިރާފު ފިޔަވައި އެހެން އިއުތިރާފުތަކަކީ ހެއްކެއްގެ ގޮތުގައި ނުބެލެވޭނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައިވާ ކަމަށެވެ. އަދި ވިދާޅުވީ ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި މުއްރަތު އިއުތިރާފުވެފައި ވަނީ ގާނޫނު އަސާސީގައި ބުނެފައިވާ ގޮތަށް ކަމަށެވެ.
ވަކީލު ވިދާޅުވީ ބުއްދި ސަލާމަތުން ހުރި މީހަކު އޭނާގެ ނަފްސުގެ މައްޗަށް ދޮގު ހަދައި ބޮޑު އަދަބެއް ލިބިގަތުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ދައުވާ އަށް އިއުތިރާފުވެ ކަން ހިނގައިދިޔަގޮތް ޝަރީއަތުގެ މަޖިލީހަށް މުއްރަތު ކިޔައިދީފައިވާ ކަމަށާއި އެ މައްސަލައާ ގުޅިގެން ދައުލަތުން ހުށަހެޅި ހެކިތަކަށް އޭނާވި އިއުތިރާފަށް ބާރުދޭއިރު، އެއިން އެއްވެސް ހެއްކަކަށް އޭނާ އިއުތިރާޒުކޮށްފައި ނުވާ ކަމަށް ވެސް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ވިދާޅުވީ ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި އޮންނާނީ ފަނޑިޔާރުންގެ ބެންޗުން ސާފުކުރަން ބޭނުންވާ ކަންތައްތަކާ ގުޅޭގޮތުން ސުވާލުކުރުން ކަމަށެވެ. އަދި ވިދާޅުވީ ދެ ފަރާތުން ވެސް ކޯޓަށް ހާޒިރުވާން ވާނީ ޝަރީއަތުން ކުރާ ކޮންމެ ސުވާލަކަށް ޖަވާބުދާރީވެވޭ ވަރަށް ތައްޔާރުވެގެން ކަމަށެވެ.