18 Mar 2014, 11:28
ޖަރުމަނުގެ ރައްޔިތެއް ކަމަށް ތާނިޔާ ޝަރުއާން އާއި އޭނާގެ ފިރިމީހާ ސ. މަރަދޫ، ކަންމަތީގޭ، އަހުމަދު ޝަރުއާން އަށް ލިބިފައިވާ ކުއްޖާ ހޯދަން އުޅޭ މައްސަލައިގެ އަޑުއެހުން ހައި ކޯޓުން މިއަދު ސިއްރު ކޮށްފި އެވެ.
ޝަރުއާން އޭނާގެ ފަސް މަހުގެ ދަރިފުޅު އެ ކުއްޖާގެ މަންމަ އަށް ވަގަށް ރާއްޖެ ގެނައުމުން ތާނިޔާ ރައްޖެ އައިސް ފެމިލީ ކޯޓަށް އެ މައްސަލަ ހުށަހެޅުމުން އެ ކޯޓުން ވަނީ މަންމައާ ކުއްޖާ ހަވާލު ކުރުމަށް އަމުރުކޮށްފަ އެވެ.
ފެމިލީ ކޯޓުގެ އަމުރާ ގުޅިގެން އެ މައްސަލަ ޝަރުއާން ހައި ކޯޓަށް ހުށަހެޅުމުން ފެމިލީ ކޯޓުން ނެރުނު އަމުރަށް އަމަލު ކުރުން ވަގުތީ ގޮތުން ހުއްޓާލުމަށް ހައި ކޯޓުން ވަނީ އަމުރު ކޮށްފަ އެވެ.
ޝަރުއާން ހައި ކޯޓަށް ހުށަހެޅި މައްސަލަ މިއަދު އެ ކޯޓުގައި ބޭއްވުމަށް ހަމަޖައްސާފައި އޮއްވާ އަޑުއެހުމުގެ ވަގުތު ޖެހުމުން ކޯޓުން ބުނެފައި ވަނީ އެ މައްސަލަ ސިއްރު މައްސަލައެއްގެ ގޮތުގައި ކުރިއަށް ގެންދިޔުމަށް ފަނޑިޔާރުން ނިންމަވާފައިވާ ކަމަށެވެ.
ގާނޫނު އަސާސީގެ 42 ވަނަ މާއްދާގެ (ނ) ގައި ބުނެފައި ވަނީ ކޯޓުގައި ހިންގާ ޝަރީއަތްތައް ކުރިއަށް ގެންދަންޖެހޭނީ އާންމުކޮށް ހުޅުވާލައިގެން ނަމަވެސް ހާއްސަ ހާލަތްތަކެއްގައި އަޑުއެހުން ސިއްރު ކުރެވިދާނެ ކަމަށެވެ.
ދަރިފުޅު ހަވާލު ކުރުމަށް ފެމިލީ ކޯޓުން އަމުރު ކުރުމުން ދަރިފުޅު ހޯދުމަށް ފުލުހުން މަސައްކަތްކޮށް ޝަރުއާން ހޯދުމަށް ވެސް އިއުލާން ކުރި އެވެ.