18 Mar 2014, 11:14
"ނިދިން ހޭލިގޮތަށް، އަތް ދަމާލާފައި ފުރަތަމަ ވެސް ބަލައިލީ ފޯނު އަތުގައި ޖެހޭތޯ. ފޯނު ނަގާފައި، ސްކްރީނަށް ބަލައިލިއިރު ކަމަކުދާކަށް ނެތް. މި ވަނީ، މިލިޔަނަރަކަށް ވެފައި،" ރައްޓެއްސެއްގެ ފޯނަށް އައި މެސެޖެއްގެ ވާހަކަ ކިޔައިދެމުން އޭނާ ބުނެލި އެވެ.
އެ ބުނި ގޮތުން، އޭނާއަކީ ނަސީބުވެރިޔެކެވެ. ނަމަވެސް އޭނާ މިލިޔަނަރަކަށް ވީ ވާހަކަ ކިޔައިދިން އިރު މޫނުމަތިން ފެނުނީ ބަދުނަސީބުވެރިކަމެވެ. އެއްވެސް އުޖާލާ ކަމެއް ނެތެވެ. ފެނިގެން ދިޔައީ މާޔޫސް ކަމެވެ. އުފާވެރި ވާހަކައެއް މޮޅިވެރިކަމާ އެކު ކިޔައިދޭތީ އަހަރެން އެކަމަށް ޝައުގުވެރިވި އެވެ.
ހަސަން މުހައްމަދު، 25، (ހަސަނު)އަކީ، އަމިއްލަ ކުންފުންޏެއްގައި ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންދާ ޒުވާނެކެވެ. ރަނގަޅު އާމްދަނީ އެއް ހޯދައި، އަމިއްލަ ފައި މައްޗަށް ތެދުވެ، އާއިލާއެއް ބިނާކުރުމަކީ، ހަސަނު އަބަދު ވެސް ދެކެމުންދާ ހުވަފެނެކެވެ. އެގޮތުން އޭނާ އަކީ މަސައްކަތްކުރާ ކުންފުނީގައި ވެސް ފާހަގަކޮށްލެވޭ މުވައްޒަފެކެވެ.
ހަސަނު ބުނި ގޮތުގައި މީގެ ހަފްތާއެއްހާ ދުވަސް ކުރިން، އެއް ދުވަހަކު އޭނާ ނިދިން ހޭލި ގަޑީގައި ލިބިގެން ދިޔައީ، އާދަޔާ ހިލާފު ހައިރާން ކަމެކެވެ. ބޭރުގެ ނަންބަރަކުން ފޯނަށް އައިސްފައިވާ އިނގިރޭސިން ލިޔެފައިވާ މެސެޖެއްގައި ބުނެފައި ވަނީ " އެޕަލް އައިފޯން ޔޫކޭ އިން ތިބޭފުޅާގެ ފޯނު ނަންބަރަށް އިނާމެއްގެ ގޮތުގައި 1،615،000 ޕައުންޑު ވަނީ ލިބިފައި. ރިފަރެންސް ނަންބަރު: NK115G. އިނާމު ހޯދުމަށް، ތިޔަ ބޭފުޅާގެ ނަން، ގައުމު އަދި ވަޒީފާ އެނގޭނެ ގޮތަށް[email protected]އަށް މެއިލެއް ފޮނުވުން އެދެން،" މިހެން ކަމަށެވެ.
ވެފައި ހުރި ހައިރާނެއްގެ ބޮޑު ކަމުންނާއި ލިބުނު އުފަލެއްގެ ބޮޑު ކަމުން، ހަސަނު އެހެން ހުރިހާ ކަމެއް ދޫކޮށްލާފައި ބެލީ މައުލޫމާތު ފޮނުވަން ބުނެފައިވާ އީމެއިލް އެޑްރެހަށް ބުނެފައިވާ މައުލޫމާތުތައް ފޯރުކޮށް ދިނުމަށެވެ. އަދި އެ މައުލޫމާތު ފޮނުވުމުން ހަސަނުގެ ފޯނަށް ދެން ފޮނުވި މެސެޖުގައި ބުނެފައި ވަނީ، "ފޯނު ނަންބަރާއި ވެރިފަރާތް ޔަގީން ކުރުމަށް، މި ނަންބަރަށް ގުޅާލަ ދިނުން އެދެން،" މިހެންނެވެ. މެސެޖްގައި އެދިފައިވާ ގޮތަށް ހަސަނު އެ ނަންބަރަށް ފޯނު ކުރި އެވެ.
ހަސަނު ފޯނުން ގުޅުމުން އަނެއް ކޮޅުން ވާހަކަ ދެއްކި މީހާ، ހަސަނުގެ ކިބައިން އެދުނީ، ފައިސާ ޖަމާކުރުމަށް ހަސަނުގެ ބޭންކު އެކައުންޓް ނަންބަރާއި، އަދިވެސް އެފަދަ މުހިއްމު މައުލޫމާތުތަކެއް ފޯރުކޮށްދިނުމަށެވެ. އަދި ހަސަނުގެ އެކައުންޓަށް ފައިސާ ޖަމާކުރުމުގެ ކުރިން، އެފަދަ ބޮޑު އިނާމެއް ހަވާލުކުރާ އިރު ސަރުކާރަށް ދައްކަން ޖެހޭ ބައެއް ޓެކުހާއި ހޭންޑްލިން ޗާޖުތައް ދައްކަން ޖެހޭ ކަމަށް ހަސަނަށް މައުލޫމާތު ދިނެވެ. އެގޮތުން 100 ޑޮލަރު އެ ކޮޅުން ފޮނުވާ ބޭންކު އެކައުންޓު ނަންބަރަކަށް ޖަމާކުރުމަށް އެދުނެވެ.
އެއް މިލިޔަން ޕައުންޑަށް ވުރެ ގިނަ ފައިސާގެ އިނާމު ހޯދުމަށް ފުރިހަމަ ކުރަންޖެހުނު ހުރިހައި ކަމެއް ހަސަނު ފުރިހަމަ ކުރި އެވެ. މެސެޖްގެ ހަގީގަތް ހޯދުމަށް އެއްވެސް ވަރަކަށް ވިސްނާ ވެސް ނުލައެވެ. އަދި ފަހުން ލިބިދާނެ ލަނޑު ހިތަށް ވެސް ނުގެނެވެ އެވެ. އާހިރުގައި ކަންތައް ދިމާވީ ހަސަނު ހީކުރިގޮތާ މުޅިން ހިލާފަށެވެ. މިލިޔަނަށް ވުރެ ގިނަ ޕައުންޑުގެ އުއްމީދުގައި އެތައް ވަގުތެއް ހަސަނު ހޭދަކުރި އެވެ. ލޯ ލާރިއެއް ވެސް ނުލިބުނެވެ. އަދި އަތުން ގެއްލުނު 100 ޑޮލަރުގެ އިތުރުން ހަސަނުގެ ފޯނުން އިނާމު ދޭނޭ ކަމަށް ބުނި ބޭރުގެ ނަންބަރަށް ގުޅައިގެން އެތައް ފަހަރަކު ކުރެވުނު މުއާމަލާތްތަކަށް ފަހު ފޯނު ބިލްވެސް ވަނީ، އިންތިހާއަށް ބޮޑު ވެފަ އެވެ. މިއީ މިލިޔަނަރަކަށް ވުމަށް ހަސަނަށް ލިބުނު ދައުވަތުގެ އަވައިގައި ޖެހިގެން ކުރި ހިތި ތަޖުރިބާ އެވެ.
ރާއްޖޭގައި ހަސަނު ނޫނަސް މިފަދަ ތަފާތު އެތައް ތަޖުރިބާތަކެއް ކުރަމުންދާ މީހުން މިހާރު ވެސް މަދެއް ނޫނެވެ. ބައެއް މީހުން މުއްސަނދިވުމުގެ ބޭނުމުގައި މިފަދަ މަޅިތަކުގައި ބެދޭއިރު، އަނެއް ބަޔަކަށް މިފަދަ ލަނޑުތައް ލިބެނީ، ދީލަތި ވާން ހަދައިގެންނެވެ. އަނެއްބަޔަކަށް މިފަދަ ލަނޑުތައް ލިބެނީ، ވިސްނައިލުމެއް ނެތި ކުރެވޭ "ކޫސަނި" ކަންތަތަކާ ހުރެ އެވެ.
މީގެ 10 ވަރަކަށް އަހަރު ކުރިންފެށިގެން ދިވެހިން އަންނަނީ ޒަމާނީ ވަސީލަތްތަކަށް ހޭނެމުންނެވެ. އަދި އަދުގެ ގިނަ ދިވެހިންނަކީ އެންމެ ފަހުގެ މޯބައިލް ފޯނުތަކުން މުށުތެރެ ފުރާލައިގެން ތިބޭ ބައެކެވެ.
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މުވާސަލާތީ ހިދުމަތްދޭ ބިޔަ ދެ ކުންފުނިން މިހާތަނަށް އައިއިރު ވަނީ، ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް ލިބެމުން އަންނަ ޒަމާނީ މުވާސަލާތުގެ ހުރިހާ ހިދުމަތެއް ރާއްޖޭގައި ވެސް ދޭން ފަށާފަ އެވެ.
ކުރިން މިފަދަ "ހޯކްސް" ނުވަތަ ލަނޑުދިނުމަށް، ހަދާފައިވާ މެސެޖްތައް ފެންނަނީ، ބައެއް ވެބްސައިޓްތައް ހުޅުވުމުގެ ކުރިން، "ޕޮޕްއަޕް" މެސެޖެއްގެ ގޮތުގަ އެވެ. ނުވަތަ އީމެއިލް އިންބޮކްސް އަށް އަންނަ ދައުވަތުގެ މެއިލްއެއްގެ ގޮތުގަ އެވެ. އޭރު އެގޮތަށް ލިބޭ މެސެޖްތަކުގެ ތެރޭގައި، ކޮންމެވެސް ނަސީބު ނަންބަރެއް ދިމާވެގެން އަގުބޮޑު ކާރެއް، ނުވަތަ އެނޫންވެސް އެފަދަ އަގުހުރި އިނާމެއް ލިބޭނޭ ކަމަށްބުނެ މަޅި އަރުވާލަ އެވެ. އެ ނޫނީ، އަހަރަކު އެއްފަހަރު ހޮވާ ކަމަށް ބުނާ ގްރީން ކާޑު ލިބޭ މީހުންގެ ލިސްޓެއްގައި އެ މީހާގެ އީމެއިލް އެޑްރެސް ހިމެނިގެން، އެމެރިކާގެ ރައްޔިތަކަށް ވުމުގެ ފުރުސަތު ލިބިފައިވާ ކަމަށް ބުނާ މެސެޖްތައް ވެސް ފެތުރި އެވެ. އަދި ބައެއް ފަހަރު ވަރުގަދަ "ލޮޓަރީ"ތަކުގައި ލައްވާލި ކަމަށް ބުނެ އެވެ.
ނާޖާއިޒު ގޮތުގައި މަންފާއެއް ހޯދުމަށް އެހެން މީހުންނަށް ލަނޑުދީ، މަކަރު ހަދައި އޮޅުވައިލުމަކީ، މުވާސަލާތީ ޓެކްނޮލޮޖީ އިންތިހާއަށް ތަރައްގީ ވެފައިވާ އަދި ވަމުންދާ މިޒަމާނުގައި މާ ފުރިހަމައަށް ކުރަމުން ގެންދާ ކަމެކެވެ. ހޯކްސް އެސްއެމްއެސް ނުވަތަ މީހުނަށް އޮޅުވާލައިގެން ތަފާތު ބޭނުން ތަކުގައި އަމިއްލަ މީސް މީހުންގެ އަތުފޯނަށް މެސެޖްތައް ލިބެމުންދާ މައްސަލައަކީ އެކަމާ ވަރަށް ބޮޑަށް ފަރުވާތެރި ވާންޖެހޭ އަދި ކަންބޮޑުވާ ކަމެއް ކަމަށް ރާއްޖޭގެ މުވާސަލާތީ ހިދުމަތްދޭ ދެކުންފުނިންވެސް ވަނީ ފާހަގަކޮށްފަ އެވެ.
މިފަހަކަށް އައިސް ރާއްޖޭގައި މޯބައިލް ފޯން ބޭނުންކުރާ ފަރާތްތަކަށް އާންމުކޮށް ލިބޭ ބައެއް ބާވަތްތަކުގެ މެސެޖްތަކަށް ބަލައިލަމާ ހިނގާށެވެ.
ބޭރު ގައުމެއްގެ ނަންބަރަކުން ފޯނުކުރުމަށް ބުނެ ފޮނުވާ އެސްއެމްއެސް މިއީ ވަރަށް އާންމު މެސެޖެކެވެ. މިފަދަ އެސްއެމްއެސްތަކުގައި ވަކި ނަންބަރަކަށް ގުޅުމަށް އެދި އިޝާރާތްކޮށްފައި ހުރެ އެވެ. ނުވަތަ ކޮންމެވެސް ލަކީ ޑްރޯ އަކުން ހޮވި ބޮޑު ފައިސާގެ އިނާމެއް ލިބުނުކަމަށް ބުނެ ވަކި ނަންބަރަކަށް ގުޅުމަށް އިޝާރާތްކޮށްފައި ހުރެ އެވެ.
ދެން ފާހަގަކޮށްލެވޭ އަނެއް މައްސަލައަކީ، ނުދަންނަ ނަމްބަރުތަކުން އަންނަ މިސް ކޯލްތަކެވެ. ނުވަތަ ކްރެޑިޓް ހުސްވެފައިވާ ކަމަށް ބުނެ، ވަރަށް އަވަހަށް ކްރެޑިޓް އަޅާލަ ދިނުމަށް ބުނެ ފޮނުވާ މެސެޖްތައް ވެސް ހިމެނެ އެވެ.
މިހެން އެސްއެމްއެސް ލިބުމުން ބައެއް ފަރާތްތަކުން އަމަލުކުރާ ގޮތަކީ ކުރިން ބުނެވުނުހެން ހަސަނު ހެދިގޮތަށް ނަސީބެއް އަތުން ދޫވެދާނެތީ ދީލަތި ކަން ހިތަށް ވެރިވެގެން ނަމަވެސް މާބޮޑު ވިސްނުމަކާ ނުލައި، ވަގުތުން ބައެއް އެ ނަންބަރަށް ފޯނުކޮށްލަނީ އެވެ. ނުވަތަ ކްރެޑިޓް ފޮނުވަނީ، އެވެ.
މިފަދަ އެސްއެމްއެސް ގިނަ ފަހަރަށް އަންނަނީ އެފްރިކާގެ ގައުމުތަކުގެ ނަންބަރު ތަކުންނާއި، ދެކުނު އެމެރިކާގެ ނަންބަރުތަކުންކަން ފާހަގަ ކުރެވިފައި އެވެ. އަދި ގިނަފަހަރު ދިމާވެފައި އޮންނަނީ، މިފަދަ މެސެޖް ލިބޭ ގައުމު ތަކަކީ، ރާއްޖެއިން އައިޑީޑީ ކޯލް ނަގަން އެންމެ އަގުބޮޑު ގައުމުތަކުގެ ތެރޭގައި ވެސް ހިމެނުމެވެ. އެހެން ކަމުން ނޭނގި ހުއްޓައި ގިނަ އަދަދެއްގެ ފައިސާ ފޯނުން ހޭދަވާން މެދުވެރި ވެއެވެ.
އުރީދޫ މޯލްޑިވްސްގެ ސްޕެޝަލިސްޓް ޕަބްލިކް ރިލޭޝަން މެނޭޖަރު މަރިޔަމް އަހުމަދު ދީދީ (މަރީ) ވިދާޅުވީ މީގެ ދުވަސްކޮޅެއް ކުރިން އެކުންފުނީގެ ކަސްޓަމަރުން ވެސް މިފަދަ މައްސަލަތަކެއް ފާހަގަކުރަމުން ގެންދިޔަ ކަމަށެވެ.
"އަޅުގަނޑުމެންގެ ބައެއް ކަސްޓަމަރުން ވެސް، އެފަދަ ބައެއް މެސެޖްތަކާއި އަދި ކޯލްބެކް ކުރަން އަންނަ ކަމަށް ފާހަގަކުރި. އެކަމަކު މިހާރު އެފަދަ ކަމެއް ފާހަގައެއް ނުކުރެވޭ،" މަރީ ވިދާޅުވި އެވެ.
ދިރާގުގެ ސީނިއާ މާކެޓިން ކޮމިއުނިކޭޝަންސް އެންޑް ޕަބްލިކް ރިލޭޝަންސް އެގްޒެކެޓިވް އިބްރާހީމް އިމްޖާދު ޖަލީލު ވިދާޅުވީ، އެގޮތަށް ތަފާތު އެސްއެމްއެސް މެދުވެރިކޮށް ތަފާތު އޮޅުވާލުންތައް ހުންނަ އެ ކުންފުންޏަށް ވެސް ވަރަށް ބޮޑަށް ފާހަގަ ކުރެވެމުންދާ ކަމަށެވެ. އަދި ކަސްޓަމަރުން އެފަދަ އޮޅުވާލުން ތަކުން ރައްކާތެރިކުރުމަށް ކުރަންޖެހޭ ކަންކަކަން ހާމަކޮށް ހޭލުންތެރިކުރުމުގެ ކަންތައްތައް މިހާރުވެސް ކުރިއަށް ގެންދާކަމަށް އިމްޖާދު ވިދާޅުވި އެވެ.
"މިފަދަ އެސްއެމްއެސް އައުމުން ނުދަންނަ ނަންބަރެއްނަމަ އަޅާ ނުލައި ދޫކޮށްލުން. އަދި ސްމާޓް ފޯނުތަކުގައި ހުންނަ ނަންބަރު ބްލޮކު ކުރުމަށް ހުންނަ އެޕްލިކޭޝަންގެ ބޭނުން ހިފިދާނެ. އިތުރަށް އުނދަގޫ ވާނަމަ ކޮމިއުނިކޭޝަން އޮތޯރިޓީ ނުވަތަ ޕޮލިހަށް މައްސަލަ ހުށަހެޅުން ވެސް މުހިއްމު،" އިމްޖާދު ވިދާޅުވި އެވެ.
ނުދަންނަ ނަންބަރަކަށް ކްރެޑިޓް ފޮނުވުމަށް ބުނި ނަމަވެސް އެކަން ކޮންމެހެން ކުރާކަށް ނުޖެހެ އެވެ. އަދި ދަންނަ ނަމްބަކުން އެފަދަ މެސެޖެއް ލިބުނު ނަމަވެސް އޭގެ ހަގީގަތް ބަލައިލުމަކީ ނެތްކަމެއް ވެސް ނޫންތާ އެވެ.
"މިސާލަކަށް ދަނަން ނަންބަރަކަށް އެގޮތަށް ކްރެޑިޓް ފޮނުވަން އެދި މެސެޖެއް ލިބުނު ނަމަވެސް ކްރެޑިޓް ފޮނުވުމުގެ ކުރިން އެއީ ރަގަޅު ރިކުއެސްޓެއްތޯ ފުރަތަމަ ފޯނުކޮށް ބެލުމަކީ މުހިއްމު ކަމައެއް. އަދި މިފަދަ އުނދަގޫތައް ފާހަގަ ވާނަމަ އަޅުގަނޑުމެންގެ ކަސްޓަމަރުން އެކަން ދިރާގަށް އެންގުން ވެސް ވަރަށް މުހިއްމު،" ހޯކްސް އެސްއެމްއެސް ފަދަ ކަންކަމަށް އާންމުން މިހާރަށްވުރެ ބޮޑަށް ހޭލުންތެރި ވާން ވެއްޖެ ޖެކަން ފާހަގަ ކުރައްވައި އިމްޖާދު ވިދާޅުވި އެވެ.
މުވާސަލާތީ ހިދުމަތުގައި ދިމާވާ މިފަދަ ބޮޑެތި މައްސަލަތައް ދިރާސާކުރާ ފަރާތްކުން ބުނާގޮތުގައި، ހޯކްސް އެސްއެމްއެސް ނުވަތަ، މަކަރުހަދައި އޮޅުވާލަން ފޮނުވާ މިފަދަ މެސެޖު ފޮނުވާ ފަރާތްތަކުން، ހީވެސް ނުކުރާކަހަލަ ބޮޑެތި ޖަރީމާތައް ހިންގުމަށްއެފަދަ މަޅިތަކުގައި ބެދޭ، މީހުންގެ ތަފާތު މައުލޫމާތުތައް ބޭނުންކުރެ އެވެ. ބްލެކްމެއިލް ކުރުމާއި އެނޫންވެސް ގޮތްގޮތަށް މިފަދައިން ޝިކާރައަކަށްވާ ފަރާތްތަކުގެ މައުލޫމާތު އެފަރާތްތަކުން ބޭނުންކުރާ ކަމަށްވެ އެވެ. އެހެން ވީމާ ތިމާ ނުދަންނަ ނަމްބަރަކުން މެސެޖެއް އަޔަށް އަދި މިސްޑްކޯލެއް އަޔަށް އެއާ ދޭތެރޭގައި ވަރަށް ބޮޑަށް ފާރަވެރިވާން އެބަ ޖެހެ އެވެ.