ވޮޝިންޓަން (މާޗް 18) : އިސްރާއީލާއި ފަލަސްތީނާ ދެމެދު ސުލްޙަގާއިމް ކުރުމަށް ޓަކައި އުނދަނގޫ ނިންމުންތަކެއް ނިންމަންޖެހިފައިވާ ކަމަށާ މިނިންމުންތައް ފަލަސްތީނުން ނިންމައިދިނުމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ، ފަލަސްތީނުގެ ރައީސް މަހްމޫދު ޢައްބާސް އަށް އިލްތިމާސް ކުރައްވައިފި އެވެ.

އޮބާމާ މިކަމަށް އިލްތިމާސް ކުރައްވާފައި މިވަނީ ފަލަސްތީނުގެ ރައީސް މަހްމޫދު ޢައްބާސްއާ ވައިޓް ހައުސްގައި ރޭ ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކުގަ އެވެ. މިމަޝްވަރާތަކަށް ފަހު ދެއްވި ބަޔާނެއްގައި އޮބާމާ ވިދާޅުވީ އަވަށްޓެރި ދެ ގައުމުގެ ގޮތުގައި އިސްރާއީލާއި ފަލަސްތީނަށް ދިރިއުޅެވޭނީ އެދެގައުމުގެ ދެމެދުގައި ސުލްޙަ ގާއިމް ކޮށްގެން ކަމަށާ ސުލްޙަގާއިމް ކުރެވޭނީ އެކަމަށް ޓަކައި ފަލަސްތީނުން ވެސް އުނދަނގޫ ނިންމުންތަކެއް ނިންމައި އެކަމަށް ޓަކައި ގުރްބާނީތަކެއް ވެގެންކަމުގަ އެވެ.

އެހެންކަމުން އިސްރާއީލާއި ފަލަސްތީނާ ދެމެދު ކުރިޔަށްދާ ސުލްހައިގެ ވާހަކަތައް ކާމިޔާބު ކުރުމަށް ޓަކައި ފަލަސްތީނުން ބޮޑެތި ދޫތައް ދިނުމަށް ޢައްބާސްއަށް ބާރުއަޅުއްވައި އޮބާމާ ވާހަކަ ދައްކަވާފައިވެ އެވެ. އޮބާމާ މިމޭރުމުން ވާހަކަ ދައްކަވާފައިވާ އިރު އިސްރާއީލު ހިފާފައިވާ ފަލަސްތީނުގެ ބިންތަކުން ފޭބުމަށް ގޮވާލާ އދ.ގެ ގަރާރުތައް ތަންފީޒުކުރުމަށް އިސްރާއީލު ދެކޮޅުހަދާ މައްސަލާގައި އޮބާމާ އިޝާރާތް ކުރައްވާފައެއްނުވެއެވެ.މީގެއިތުރުން ފަލަސްތީނުގެ ހިފާފައިވާ ބިންތައް ދާއިމީ ގޮތަކަށް އަތްދަށުލުމަށް ޓަކައި ހުޅަނގު އައްސޭރީގައި އިސްރާއީލު ކުރިޔަށްގެންދާ ޔަހޫދީން ވަޒަންވެރިކުރުވުމުގެ ޣައިރު ގާނޫނީ މަޝްރޫއު ހުއްޓުވުމަށް ޓަކައި އިސްރާއީލާ ދެކޮޅަށް އެއްވެސް ވަރެއްގެ ފިއްތުންތަކެއް ކުރިމަތި ކުރުމަށް ވެސް އެމެރިކާ ގެންދަނީ ދެކޮޅު ހަދަމުންނެވެ.

އަދި އިސްރާއީލުން ނިގުޅައިގަނެފައިވާ ފަލަސްތީނުގެ ހައްގުތައް އަނބުރައި ހޯދުމަށް އިސްރާއީލަށް ބާރުއެޅުމަށާއި ފަލަސްތީނާ ދެކޮޅަށް އިސްރާއީލު ހިންގަމުން ގެންދާ އަނިޔާވެރި އަމަލުތައް ކުށްވެރިކޮށް އދ.ގެ ސަލާމަތީ މަޖިލީހުން ފާސްކުރަން މަސައްކަތްކުރާ ގަރާރުތަކާ ދެކޮޅަށް ޚުދު އެމެރިކާ ގެންދަނީ އިސްރާއީލުގެ ދިފާއުގައި ވީޓޯކުރަމުންނެވެ.

ފަލަސްތީނުން އިސްރާއީލާ އެކު ސުލްޙައިގެ ވާހަކަތައް ދައްކަމުންގެންދާތާ 18 އަހަރަށް ފަހު 2009 ގައި ސުލްޙައިގެ ވާހަކަތައް ހުއްޓާލީ ފަލަސްތީނުގެ ބިންތަކުން ފޭބުމަށާއި ފަލަސްތީނުގެ ހައްގުތައް އަނބުރައި ދިނުމުގައި އެއްވެސް ދުލެއްދިނުމަށާއި މިކަމާބެހޭ އދ.ގެ ގަރާރުތައް ތަންފީޒުކުރުމަށް އިސްރާއީލުން ތަކުރާރުކޮށް ދެކޮޅު ހަދަމުންގެންދިޔުމާ ގުޅިގެންނެވެ. އެއަށް ފަހު 2012 ގައި އިސްރާއީލާއެކު ފަލަސްތީނުން ފަށައިގެން ކުރިޔަށްގެންދާ ސުލްޙައިގެ ވާހަކަތައް ނިންމާލުމަށް ކަނޑައަޅާފައިވާ މުއްދަތު މިމަހު ހަމަވާ އިރު އިސްރާއީލުގެ ހަރުކަށިކަމާއި ގޮތްދޫނުކުރުންތަކުގެ ސަބަބުން މިވާހަކަތަކަށްވެސް ކުޑަވެސް ކުރިއެރުމެއް ލިބިފައެއްނުވެ އެވެ. (އަލްޖަޒީރާ)