18 Mar 2014, 09:55
ގޭތެރޭގައި މައްސަލަ ވަރަށް ގޯސްވި އެވެ. ހިތްދަތި، ދެކެން ބޭނުން އެތައް ކަމެއް ފެންނަން ފެށި އެވެ. އަޑުއަހަން ބޭނުން ނުވާ އެތައް އަޑެއް އިވެން ފެށި އެވެ. އޭރު އުމުރުން 16 އަހަރުގެ އަހުމަދު ފައިރޫޒް އަށް ކެތެއް ނުވި އެވެ. ވިސްނުންތަކާއި ދުރައްދާން ބޭނުންވި އެވެ. "ކޫލް" ވެލާ ހިތްވި އެވެ. އޭރު ލިބިފައިވާ މައުލޫމާތުތައް ވަރަށް ގޯހެވެ. ކޫލްވެލަން އެންމެ ރަނގަޅު ކަމަށް އެނގިފައި ވަނީ ދެ ދުނިޔޭގެ ވެސް ހަލާކެވެ.
"ފުރަތަމަ މަސްތުވީ ބޭހެއް ބޭނުން ކޮށްގެން. އެންމެ ފަހުން އެޔާ ނުލައި ނޫޅެވުނު. ނުވެސް ކިޔެވުނު. ދެން ޖެހުނީ ސްކޫލުން ވެސް ކެނޑެން. މުޅި ހަޔާތް މަސްތުވުމުގެ ތެރެއަށް ދިޔައީ،" ފައިރޫޒް އޭނާގެ ހިތް ދަތި ހާދިސާތައް ކިޔައިދެމުން ބުންޏެވެ.
ސްކޫލުން ވަކި ވުމަށް ފަހު ވަޒީފާ އަކަށް ދިޔަ އެވެ. އެއީ މޯލްޑިވްސް ނެޝަނަލް ޑިފެންސްފޯސް (އެމްއެންޑީއެފް) އެވެ. ނަމަވެސް އުޅުމަށް ބަދަލެއް ނުގެނެ އެވެ. މަސްތުވުމުގެ ކަންކަން ދިޔައީ ހައްތަހާ މައްޗަށެވެ. އެންމެ ފަހުން އެކުވެރިންތަކަކާޖެހި އެންމެ ބާރުގަދަ މަސްތުވާތަކެތި ވެސް ބޭނުން ކުރަން ފެށުނީ އެވެ. ސިފައިންގޭގައި މާގިނަ ދުވަހަކު ނޫޅެވުނެވެ. ދެ އަހަރު ތެރޭ ސިފައިގެ އިން ވެސް ޖެހުނީ ވަކިވާށެވެ.
"އޭރު ދެން ހުރިހާ ވެސް ކަމަކީ މަސްތުވުން. މަސްތުވެފައި ގިނައިން ހުންނާނީ. މަސްތުން ފިލީމާ ދެން އޮންނާނެ ކަމަކީ އަނެއްކާ ވެސް މަސްތުވާ އެއްޗެއް ހޯދަން މަސައްކަތް ކުރުން. ނޫނީ ފައިސާ ހޯދަން ކޮންމެވެސް ނުލަފާ ކަމެއް ކުރުން. މުޅި 24 ގަޑިއިރު އުޅެނީ އެކަމެއްގަ،" ފައިރޫޒް ބުންޏެވެ.
ފައިރޫޒް ބުނި ގޮތުގައި އޭރު އޭނާގެ މުޅި ހަޔާތް އޮންނަނީ މަސްތުވުމާއި ގުޅިފަ އެވެ. "މުޅިސް ވެސް ސިކު ވެފައި ހުންނާނީ، ސިކް ފިލުވަން މަންމަ އަލަމާރި ފަޅާ ހިސާބަށް ވެސް ދިޔަ" ކަމަށެވެ. އަދި އެއީ ވޭނުން ފުރިފައިވާ ހިތްދަތި ހިތި ތަޖުރިބާތަކެއް ކަމަށް ފައިރޫޒް ބުންޏެވެ. އެތައް ކުށަކަށް އަރައިގަނެވުނު ކަމެއް ކަމަކަށެވެ. އެތައް ފަހަރަކު ފައިރޫޒް ހައްޔަރުކުރި އެވެ. ޖަލުގެ އަނދިރި ބިރުވެރި، ތޭރިތަކުގެ ތެރޭގައި އެތައް ދުވަހެއް ހޭދަ ކުރި އެވެ.
"އޭރުވެސް ކޮންމެވެސް ވަރަކަށް ވިސްނޭ މިއީ ވަރަށް ކަޑަކަމެއްކަން. އެކަމު ސަލާމަތެއް ނުވޭ. ޖަލުން އަންނަ ގޮތަށް އަނެއްކާ ވެސް ބޯން ފެށެނީ،" ފައިރޫޒް ކިޔައިދިނެވެ.
އޭރު އޭނާ އަށް އިހުތިރާމް ކުރާ މީހަކު ނުހުރެ އެވެ. އެތައް ބަޔެއްގެ ފަރާތުން އަނިޔާ އާއި ރަހުމުކުޑަ ބަސްތަކުގެ ޝިކާރައަކަށް ވާންޖެހުނެވެ. ގޭ ދޮށު މީހުންނާ ރަނގަޅު އެކުވެރިން އޭނާ ދޫކޮށްލި އެވެ. އާއިލާއިން ދިން ނަސޭހަތްތައް އަޑު ނޭހުމުގެ ނަތީޖާ އަކަށް ވެގެންދިޔައީ އެންމެ ފަހުން އާއިލާ އިން ވެސް އޭނަ ދޫކޮށްލުމެވެ. މަންމަ ކަމަށް ދެކޭ މާމަ އާއި ބައްޕަ ކަމަށް ދެކުނު ކާފަ ވެސް އޭނާ އަކީ ދަންނަ މީހެއް ކަމަށް ނުހެދި އެވެ. އެންމެ ފަހުން ގެއިން ވެސް ނެރުނެވެ.
"ގެއިން ނެރުނީމަ ވެސް މާހިޔާލެއް ނުހުރޭ. އެތައް މިތާ ބޮއެގެން އުޅެނީ. ނިދަނީ ހަދަމުންދާ އިމާރާތްތަކުގަ. ފުޅިމެދު ފޮށިގަނޑެއް ނޫނީ ގޯންޔެއް ކަހަލަ އެއްޗެއްގެ މަތީގަ،" ފައިރޫޒް ބުންޏެވެ.
މަސްތުގެ ވޭނަކީ ފައިރޫޒް އަށް ވެސް ކެއްވާވަރުގެ ވޭނަކަށް ނުވި އެވެ. އެކަންކަމުން ސަލާމަތް ވާން ބޭނުންވި އެވެ. އާއިލާ މީހުންގެ ލޯތްބަށް ބޭނުންވި އެވެ. އެކުގައި ކިޔަވަން އުޅުނު މީހުން ރަނގަޅު ވަޒީފާތަކުގައި އުޅޭތަން ފެންނަން ފެށުމުން ވިސްނެން ފެށި އެވެ. ނަމަވެސް އޭރު އެންމެ ބޮޑު ދައްޗަކަށް ވެފައި ވަނީ މުޖުތަމައުއިން ސަލާމަތް ވުމަށް ފުރުސަތު ނުލިބުމެވެ. އެންމެ ފަހުން ފައިރޫޒް ނިންމީ ސަލާމަތް ވުމަށެވެ. އެހެން ކަމުން 2005 ވަނަ އަހަރުގެ ޖޫން މަހު އެގޮތަށް ނިޔަތް ގަނެ މަސައްކަތް ފެށި އެވެ.
"ދޮންކާފައަކީ އަހަރެންގެ ބައްޕަ އަނެއްހެން ބުނާއިރު. ކާފަ ފިހާރާގަ ހުއްޓާ އަހަރެން ދިޔާމަ ބުނީ ތީ އަހަރެން ނުދައްނަ މީހެކޭ. އެކަމު މަ ބުނިން މަބޭނުމޭ އިސްލާހުވާން. ރިހެބަށް ދާން ބޭނުމޭ،" ފައިރޫޒް ބުންޏެވެ.
ރިހެބަށް ގޮސް އުޅުނު އިރު ފައިރޫޒްގެ ހިތްވަރު ވަރަށް ގަދަކުރި އެވެ. އެގޮތުން 2006 ވަނަ އަހަރުގެ ޖޫން މަހު ރިހެބުން މާލެ އަންނަން ދެން އޭނާ ހިތްވަރާ އެކު ސަލާމަތް ވުމުގެ މަސައްކަތުގައި ފުރިހަމައަށް ބައިވެރިވި އެވެ. ކުށްތައް ކުރުން ދޫކޮށްލުމުގެ އަޒުމް އާކުރި އެވެ.
"ރިހެބުން އައި ދުވަހު ހިތައް އެރި މަ ބަލާ އަންނާނެ މީހަކު ނުވާނޭ. އެހެންވެ ވަރަށް ދެރަވެފަ ހުއްޓާ މާމަ އައުމުން އެނގުނު އެމީހުން އަޅާލާނެކަން. ލޯބި ވެސް ވާނެކަން."
ފައިރޫޒް މާލެ އައުމުން އޭނާގެ ދިރިއުޅުން މުޅިން ބަދަލުކުރި އެވެ. ކުރީގެ މަގުމަތީ ދިރިއުޅުން ދޫކޮށް ނަމާދުކުރާ ﷲ ގެ އަޅަކަށްވި އެވެ. ނަމަވެސް ފުރަތަމަ ދުވަސްވަރު އޭނާއަށް ޖެހުނީ ހިތް ދަތި ދުވަސްވަރެކެވެ. އެއީ ގޭދަށު މީހުންގެ ނަފުރަތުގެ ބަސްތަކެވެ. ނަމަވެސް ދުވަސް ވީވަރަކަށް އެކަން ކަންކަން ރަނގަޅުވެ، ކުރިން ނަފުރަތު ކުރި މީހުންގެ ލޯތްބާއި އަޅާލުން ލިބުނެވެ.
"ނަސީބަކުން އެއް ވެސް ހުކުމެއް ނުކުރޭ، ދެން ފުރުސަތެއް ލިބުނީ އެފަހަރު ދެ އަހަރު ވަންދެން ކުށެއް ނުކޮށް ފިއްޔާ ކުށުގެ ރިޕޯޓްތައް ފުހޮވޭނެކަން، އެހެންވެ ދެ އަހަރުވީ އިރު ވެސް އަދި މިހާރު ވެސް ކުށެއް ނުކުރާތީ ކުށުގެ ރިޕޯޓް ފޮހިވިގެން ދިޔައީ."
ފައިރޫޒް ހުސްވަގުތުތަކުގައި ކުރާނެ ކަމެއް ހޯދި އެވެ. އެންމެ ރަނގަޅު ކަމަކަށް ފެނުނީ ފުޓް ބޯޅަ ކުލެން ދިއުމެވެ. ނަތީޖާ އަކަށް ވެގެންދިޔައީ 2009 ވަނަ އަހަރު އޭވައިއެލްއިން ފުރަތަމަ ޑިވިޝަންގެ ފުޓް ބޯލަ ކުޅެން ފެށުމެވެ. ފައިރޫޒް އަކީ މިއަދު ވެސް ވިކްޓްރީ ސުޕޯޓުސް ކުލަބުގެ ގޯލްކީޕަރެވެ. އޭނާ ވަނީ އީގަލްސް އާއި ވީބީ އަށް ވެސް ކުޅެފަ އެވެ. އަނބުރާ މުޖުތަމައުއަށް އާދެވޭނެ ކަމުގެ ނަމޫނާ ދައްކާފަ އެވެ.
ފައިރޫޒް އަކީ ކުޑައިރުން ސުރެވެސް ކިޔުންތެރިކަމާއި ލިޔުން ތެރިކަމުގެ ހުނަރު ލިބިފައިވާ މީހެކެވެ. ފައިރޫޒްގެ ނަސީބަކަށް ވެގެންދިޔައީ ފިލްމް ފެއާ އެވޯޑެއް ހޯސްޓް ކުރުމަށް ފުރުސަތު ލިބުމެވެ. އެރޭ ފައިރޫޒްގެ ހުށައެޅުން ފެނި އޭނާއަށް ވީޓީވީ އިން ފުރުސަތު ލިބުނެވެ. އަދި އެއަށް ފަހު އޭނާ ވަނީ ހާމަ ނޫހާއި ދިއެފްއެމްގައި މަސައްކަތްކޮށްފަ އެވެ. އޭނާ އަކީ މިހާރު ރާއްޖެ ޓީވީގައި މަސައްކަތްކުރާ މަޝްހޫރު ޕްރެޒެންޓަރުންގެ ތެރެއިން އެކަކެވެ.
ފައިރޫޒް ރިހެބްގައި އުޅުނު ދުވަސްވަރު ވެސް އަދި މިހާރު ވެސް އޭނާ ބުނަމުން ދާ އެއް ވާހަކައެއް އޮވެ އެވެ. އެއީ "މިފައިރޫޒް މަސްތުވެގެން ދެން ނުފެންނާނެ" ކަމަށެވެ.
"ފައިރޫޒް މިހާރު އަށެއްކަ އަހަރު ވެދާނެ އޭނަ ވަރަށް ރަނގަޅަށް އުޅެނީ. އޭނާ އަކީ އަހަރެންގެ ކުލައިންޓުންގެ ތެރެއިން އެންމެ ރަނގަޅު އެކަކު. ރިހެބުގައި ހުރި އިރު ވަރަށް އުނދަގޫވި ކުލައިންޓެއް އޭނާ އަކީ. ހިޔެއް ނުކުރަން އޭނަ އެހާ ރަނގަޅު ވާނެ ކަމަކަށް. އެކަމު ހަގީގަތުގައި ފައިރޫޒް ވަރަށް ކެތްގަދަ ވަރަށް ރަނގަޅު،" ނެޝަނަލް ޑްރަގް އެޖެންސީގެ ސީނިއާ ކައުންސެލާ އިބްރާހިމް މުހައްމަދު ވިދާޅުވި އެވެ.
އިބްރާހިމް ވިދާޅުވީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންގެ ތެރެއިން ސަލާމަތްވުމަށް އެދޭ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަމަކީ މުޖުތަމައުއުގެ އަޅާލުން ކަމަށެވެ. އަދި އަލަށް މީހުން އެވަބާގެ ތެރެއަށް ވަނު ނުދިނުމަށް އެކަމަށް އަހލުވެރިކުރުން މުހިންމު ކަމަށް ވިދާޅުވި އެވެ.
"ބޭނުންވީ މުޖުތަމައުއަށް ޕުރޫފް ކޮށްދޭން މަސްތުވާތަކެތި ބޭނުންކުރާ ބަޔަކީ އިސްލާހުވެދާނެ ބަޔެކޭ. ފަތްބޯ މީހުންނަކީ ހަރުކަށި އަބަދު ދޭންޖެހޭ މީހުންނެއް ނޫން. މުޖުތަމައުއިން އެމީހުންނަށް ދެ ވަނަ ފުރުސަތު ބޭނުންވޭ. އަލާލުމާއި ލޯބި ލިބިގެން އަނބުރާ ގެނެވިދާނެ ބަޔެއް އެއީ. ދެ ވަނަ ފުރުސަތު އެކަމް ދޭން ވާނީ ވަރަށް ހިންގުން ތެރި ރޭވުންތެރި ގޮތަކަށް،" ފައިރޫޒް ބުންޏެވެ.
ރާއްޖޭގެ ޒުވާން ޖީލަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުން ކަމުގައިވާ މަސްތުވާތަކެތީގެ ވަބާ އަކީ ސަލާމަތް ވެވިދާނެ ކަމެއްކަން ފައިރޫޒްގެ ނަމޫނާއިން އެނގެ އެވެ. އޭނާ އަކީ މިއަދު އެމަސްތުވުމުން ދުރުވެފައިވާތާ އަށް އަހަރު ވެފައިވާ ހިތްވަރު ގަދަ މީހެކެވެ. މިއަދު އުޅެމުންދަނީ އަބުރުވެރި ދިރިއުޅުމެއްގައި މީހުންގެ ލޯތްބާއި އަޅާލުމާ އެކު އެވެ.