18 Mar 2014, 09:39
ބަނގުރަލަކީ އެލްކަހޯލް (އިތަނޯލް) އެކުލެވޭ ބުއިމެކެވެ. ބަނގުރާ ހަދަނީ ބާރލީ އާއި މޭބިސްކަދުރު ފާމެންޓޭޝަން އާއި ޑިސްޓިލޭޝަން ގެ އުސޫލުން ހުތްކޮށް ކަމީރުކޮށްގެންނެވެ. މިނޫން ގޮތްގޮތަށް ވެސް ބަނގުރާ ހަދަ އެވެ. ބަނގުރަލަކީ ސިއްހީގޮތުން އިންސާނާގެ ހަށިގަނޑަށް ވަރަށް ގެއްލުންބޮޑު އަދި އިޖްތިމާއީގޮތުން މުޖްތަމައަށް ނުރައްކާތެރި އަދި އެއަށް ދެވިހިފާ އެއްޗެކެވެ. ނަމަވެސް ދުނިޔޭގެ ގިނަ ގައުމުތަކުގައި ފެނާއި ސަޔަށްފަހު ތިންވަނައަށް އެންމެ މަގްބޫލު ބުއިމެއްގެ ގޮތުގައި ބޭނުންކުރަނީ ބަނގުރެލެވެ. މީގެމާނައަކީ ބަނގުރަލުގެ ނުރައްކާ ކުޑަވުމެއްނޫނެވެ. ދުންފަތަކީވެސް ސިއްހަތަށް ގެއްލުންހުރި އެއްޗެއް ނަމަވެސް އެއީ ދުނިޔޭގެ ގިނަބަޔަކު އާދަޔާ ހިލާފަށް ބޭނުންކުރާ އެއްޗެކެވެ.
ބަނގުރަލަކީ އެ ބޯމީހެއްގެ ސިކުނޑި ހަމައިން ނައްޓާ އެއްޗެކެވެ. ސިކުނޑި ހަމައިން ނެއްޓުމުން ރަނގަނޅުގޮތާއި ނުބައިގޮތް ވަކިކުރަންނޭންގި ހަގީގަތް އޮޅި، ނުބައި ދިމާއަށް އިންސާނާގެ ވިސްނުން ދެއެވެ. ނަތީޖާއަކީ މާތް ﷲ ނަހީކުރެއްވި ފާހިޝް އަމަލުތަކަށާއި އެނޫން ޖަރީމާތަކަށް އަރައިގަތުމަށް މަގުފަހިވެގެން ދިޔުމެވެ. އަދި ފަހުން ދެރަވެ ހިތާމަކުރަންޖެހޭ ފަދަ ނުރައްކާތެރި ކަންތައްތައް މަސްވެފައިވާ ހާލުގައި ކުރެވޭގޮތް ވުމެވެ.
ބައެއްމީހުންގެ ނަޒަރުގައި ބަނގުރަލަކީ ނުވަތަ އެލްކަހޯލްގެ ބުއިންތަކަކީ ރޫޙީ ބުއިންތަކެކެވެ. އޭގެ މާނައަކީ ބަނގުރާ ވަކިމިންވަރަކަށް ބުއިމުން ހަށިގަނޑަށް އާދަޔާ ހިލާފު ޖޯޝަކާއި ހިއްވަރަކާއި ހިތްހަމަޖެހުމެއް ލިބި ހާސްކަން ފިލައި ކަންތައްތަކާ ކުރިމަތިލުމުގެ ހިއްވަރު ލިބިގެންދާކަމަށް ބައެއްމީހުން ދެކެ އެވެ. ނަމަވެސް މިއީ ހަގީގަތެއްނޫނެވެ.
އިލްމީ ދިރާސާތައް ބުނާގޮތުން ބަނގުރާ ބުއިމުން ހަށިގަނޑަށް ލިބޭނީ ސިއްހީ ގޮތުންނާއި ނަފްސާނީގޮތުން ވެސް ފައިދާއަށްވުރެ ބޮޑަށް ގެއްލުމެވެ. އަދި ބަނގުރަލުގެ ސަބަބުން ވިސްނުމުގެ ބާރު ދެރަވެ ރަނގަނޅަށް ކަންކަން ނިންމުމުގެ ފުރުސަތު ކުޑަވެ ނުބައިމަގަށް މީހާ ގެންދެ އެވެ. ބަނގުރާ ބުއިމުން ކުއްލިގޮތަކަށް އިންސާނާ ފިކުރުތަކުން ދުރުކޮށްލައި ކުޑަވަގުތުކޮޅެއްގެ ހިންހަމަޖެހުމެއް ލިބުނުނަމަވެސް އެކަމުގެ ސަބަބުން ދިގުމުއްދަތަކަށް ދެމިގެންދާނެ ސިއްހީ ބޮޑެތި ގެއްލުންތައް މާބޮޑެވެ.
* ބަނގުރާ ބުއިމުން ކުރުމުއްދަތެއްގައި ލިބޭނެ ގެއްލުންތައް:
- ސިކުނޑި ހަމައިން ނެއްޓުން
- ރަނގަނޅުގޮތާއި ނުބައިގޮތް ވަކިކުރަންނޭންގުން
- ހަގީގަތް އޮޅި ނުބައި ދިމާއަށް ވިސްނުންދިއުން
- ބޮޑެތި ޖަރީމާތަކަށާއި ކުށްތަކަށް ނޭނގި (މަސްތުވެފައިވާ ހާލުގައި) އަރައި ގަނެވުން
- ފަހުން ހިތާމަކުރަންޖެހޭފަދަ ކަންތައްތައް ކުރެވޭގޮތްވުން
- ސީދާކޮށް ހިނގުމުގެ ގާބިލްކަން ގެއްލި އަރިއަރިއަށް ހިނގޭގޮތް ދިމާވުން
- ކަންތައްތަކަށް ކޮންސެންޓްރޭޓް ނުކުރެވުން
- އަޅައަޅައިގަނެގެން ވާހަކަ ދެއްކޭގޮތް ދިމާވުން
- މަސްތުވެ ވާނުވާ ނޭންގުން
- މާބޮޑަށް ބަނގުރާ ބޮއިފިނަމަ ފުރާނައަށް ނުރައްކާވެ ކުއްލިއަކަށް މަރުވާގޮތް މެދުވެރިވުން
* ބަނގުރާ ބުއިމުން ދިގުމުއްދަތަކަށް ދެމިގެންދާގޮތަށް ލިބޭ ސިއްޙީ ގެއްލުންތައް:
- ސިކުނޑީގެ ޓިޝޫތަކުގެ ވާންކަން ކެނޑި އެޓިޝޫތައް ދޫވެ ސެލްތަކުގެ ބާރުދެރަވުން
- ހަނދާން ނެތުމުގެ މައްސަލަ ކުރިމަތިވުން
- ވިސްނުމުގެ ބާރުދެރަވުން
- މިޒާޖާއި ސުލޫކު ބަދަލުވެ ޑިޕްރެޝަނަށް މަގުފަހިވުން
- ހިތުގެ މަސްގަނޑުގެ ބާރުދެރަވެ ހާޓް ފޭލިޔާ އަށް މަގުފަހިވުން
- ހިތުގެ ވިންދަށް (ހާޓްބީޓް) ބަދަލުއައުން
- ލޭމައްޗަށް ދިޔުމަށް މަގުފަހިވުން
- ސިކުނޑީގެ ސްޓްރޯކް ޖެހުން
- ޗިސްމޭ ހަލާކުވުން
- ޕެންކްރިޔަސް ހަލާކުވާގޮތް މެދުވެރިވުން
- އަނގައިގެ ކެންސަރަށް މަގުފަހިވުން
- ކަރުތެރޭގެ ކެންސަރަށް މަގުފަހިވުން
- ހަށިގަނޑުގެ ދިފާއީ ބާރުދެރަވުން
- އެސޯފޭގަސްއަށް ކެންސަރު ޖެހުން
- އުރަމަތީ ކެންސަރު ޖެހުމުގެ ފުރްސަތު ބޮޑުވުން
* ރަލުގެ ސަބަބުން މާބަނޑު އަންހެނުންގެ ބަނޑުގައިވާ ދަރިފުޅަށް ލިބޭ ބައެއް ގެއްލުން:
- ދަރިފުޅު އުފެދުމުގައި އައިބުހުރުމަށް މަގުފަހިވުން
- ދަރިފުޅުގެ ލޮލުގެ ފެނުމަށް މައްސަލަތައް ކުރިމަތިވުން
- ދަރިފުޅުގެ އަޑުއިވުމުގެ ހިއްސަށް މައްސަލަތައް ކުރިމަތިވުން
- އޯޓިސްޓިކް ކުއްޖަކަށްވުމުގެ ފުރްސަތު ބޮޑުވުން
- ހިތް އުފެދުމުގައި އައިބެއް ހުރުމަށް މަގުފަހިވުން
- ބޮލުގެ ނާށިގަނޑު ކުޑަވުން
- ހެދިބޮޑުވުމަށް މައްސަލަތައް ކުރިމަތިވުން
- ނަފްސާނީ މައްސަލަތައް ހުންނަ ކުއްޖަކަށްވުމުގެ ފުރްސަތު ބޮޑުވުން
* ރަލުގެ ސަބަބުން މުޖްތަމައަށްލިބޭ ގެއްލުންތައް:
- މަގުމަތީ އެކްސިޑެންޓްތައް ގިނަވުން
- އަމިއްލައަށް މަރުވުމާއި މީހުން މެރުންފަދަ ޖަރީމާތައް ގިނަވުން
- ރަލުގެ ސަބަބުން ކުރިމަތިވާ ސިއްހީ މައްސަލަތަކާ ގުޅިގެން ގައުމުގެ ސިއްހީ ހަރަދުތައް ބޮޑުވުން
- މަސްތުވެފައިވާ ހާލުގައި ހިންގާ ޖަރީމާތައް ގިނަވުން
* ބަނގުރަލުގައި އެއްވެސް ފައިދާއެއްވޭހެއްޔެވެ؟
ބަނގުރަލުގެ ސަބަބުން ކާބޯތަކެތި ހަޖަމުވުމަށް ކޮންމެވެސް ފަސޭހަތަކެއް ލިބިގެންދާކަމަށް ބައެއް ދިރާސާތައް ބުނެ އެވެ. ނަމަވެސް ކިރިތީ ގުރްއާނުގައިވާ ފަދައިން ބަނގުރަލަކީ އޭގެ ފައިދާއަށްވުރެ ގެއްލުން މާބޮޑު އެއްޗެކެވެ. އަދި ބަނގުރަލަކީ ކުރު މުއްދަތަކަށް ކްރޮނަރީ ހާޓް ޑިޒީޒް ނުވަތަ ހިތުގެ ބައެއް ބަލިތައް ކުޑަކޮށްދީފާނެ އެއްޗެއް ކަމަށް ސިއްހަތާބެހޭ ބައެއް ތަޖްރިބާކާރުން ބުނެފައި ވެއެވެ. ނަމަވެސް އެއްވެސް ދިރާސާއަކުން މިކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ. ފަހަރުގައި މިއީ ތެދަކަށްވެފައި ކުރުމުއްދަތަކަށް ހިތުގެ ބައެއް ބަލިތައް ކުޑަކޮށްދިންނަމަވެސް ދިގު މުއްދަތަކުން އެއިން ހަށިގަނޑަށް ލިބޭ ގެއްލުން އެތަށް ގުނައެއް ބޮޑުކަން ސިއްހަތާބެހޭ ދިރާސާތަކުން ވަނީ ކަށަވަރު ވެފައެވެ.
ބަނގުރަލުގައި ކުޑަވަރެއްގެ ފައިދާއެއް ހުރުމުގެ މާނައަކީ އެ ބުއިމަށް ހިއްވަރުލިބެންޖެހޭ ކަމެއްނޫނެވެ. އެއީ އޭގެފައިދާއަށްވުރެ ގެއްލުން ބޮޑުވެފައި އެއީ މާތްވެގެންވާ އިސްލާމް ދީނުގައި ވަރަށްބޮޑަށް ހަރާމް ކުރައްވާފައިވާ އެއްޗަކަށް ވާތީއެވެ. އަދި މަދުންނަމަވެސް ބަނގުރަލުގެ ބޭނުންކުރުމަކީ ޗިސްމޭ އާއި ޕެންކްރިޔަސް ހަލާކުވުމުގެ އިތުރުން ސިކުނޑިއަށްވެސް ގެއްލުންވާ ކަމެއްކަން އެތަށް ދިރާސާއަކުން ހާމަވެފައި ވެއެވެ.
މީގެއިތުރުން ބަނގުރަލަކީ ރޫޙީ (ހަށިގަނޑަށް ވަގުތީ ބާރެއްދޭ) ބުއިމެއް ކަމަށް ބައެއްމީހުން ސިފަކުރާއިރު މިއީވެސް ކަނޑައެޅިގެން ދޮގެއްކަން ދިރާސާތަކުން ހާމަވެފައި ވެއެވެ. ސަބަބަކީ ބަނގުރާ ބުއިމުން އިންސާނާއަށް ހެޔޮނުބައި ވަކިކުރަން ނޭންގުމާއި ކަންކަން ރަނގަނޅަށް ދެނެގަތުން އުނދަގޫވުމާއި ކަންކަން ރަނގަނޅަށް ނިންމަން ދަތިވާތީ އެވެ.
އެހެންކަމުން ބަނގުރަލަކީ އޭގެ ގެއްލުމާއި ހަލާކު ވަކިވަކި ފަރުދުންނަށާއި މުޅި މުޖްތަމައަށް ވަރަށްބޮޑު ވިހައެކެވެ. އެހެންނަމަވެސް މި ވިހަ ބުއިމަކީ ފެނާއި ސަޔަށްފަހު ދުނިޔޭގައި އެންމެ ގިނައިން ބޭނުންކުރާ ބުއިމެވެ. މިހާ ގިނައަދަދަކަށް ބަނގުރަލުގެ ބޭނުން އިންސާނުން ކުރަނީ އެއީ އެއްގޮތަކަށްވެސް ރަނގަނޅު އެއްޗަކަށް ވާތީއެއްނޫނެވެ. މިސާލަކަށް ދުންފަތަކީވެސް ސިއްހަތަށް ވަރަށް ބޮޑަށް ގެއްލުންހުރި އެއްޗެކެވެ. ނަމަވެސް އޭގެ ބޭނުންކުރާމީހުން މަދެއްނޫނެވެ.
(ޑރ. އުސާމާ އަބުއްރައްބު ކުރައްވާފައިވާ ދިރާސާއެއްގެ ތަރްޖަމާ)