ޢިރާޤުގައި އެކުލަވާލެވުނު އާސަރުކާރަށް ބަރުލަމާނުގެ ތާއީދު ލިބުމާއެކު ވެރިކަމުގެ ޤާނޫނީ ހުވާކޮށްފި އެވެ. ޢިރާޤުގައި ޢާންމު އިންތިޚާބު ބާއްވައި އެއިންތިޚާބުގެ ނަތީޖާ އިޢްލާންކުރިތާ ނުވަމަސް ފަހުން އެކުލަވާލެވުނު މި އާސަރުކާރުގެ ބޮޑުވަޒީރަކީވެސް ކުރީ ސަރުކާރުގެ ބޮޑުވަޒީރު ކަމުގައި ހުންނެވި ނޫރީ އަލްމާލިކީއެވެ. މާލިކީގެ އާ ސަރުކާރުގެ ކެބިނެޓްގައި ސާޅީސް ދެ ވުޒާރާ ހިމެނެ އެވެ. މީގެތޭރެއިން ތިން ވުޒާރާއެއް ފިޔަވައި އެހެން ވުޒާރަތަކަށްވަނީ ވަޒީރުން ޢައްޔަންކޮށްފަ އެވެ. ވަޒީރުން ޢައްޔަން ނުކުރެވޭ ވުޒާރާތަކަކީ ދިފާޢީ ވުޒާރާ، ދާޚިލީ ވުޒާރާ، އަދި ޤައުމީ ސަލާމަތާބެހޭ ވުޒާރާ އެވެ. މިތިން ވުޒާރާއަށް ވަޒީރުން ޢައްޔަން ކުރެވެންދެން އެވުޒާރާތައް ހިންގަމުން ގެންދާނީ މާލިކީގެ ސީދާ ބެއްލެވުމުގެ ދަށުންނެވެ.


އިއްޔެ ބޭއްވި ބަރުލަމާނުގެ ޚާއްސަ ޖަލްސާއެއްގައި ބަރުލަމާނުގެ މެންބަރުންގެ ކުރިފުޅުމަތީގައި މާލިކީ އާއި އޭނާގެ އާ ސަރުކާރުގެ 39 ވަޒީރުން އެބޭފުޅުންގެ މަޤާމުތަކާގުޅޭ ޤާނޫނީ ހުވާކުރެއްވި އެވެ. އާ ސަރުކާރުގެ ޚާރިޖީ ވަޒީރަކީ ކުރީ ސަރުކާރުގެވެސް ޚާރިޖީ ވަޒީރު ކަމުގައި ހުންނެވި ކުރުދީ ދަރިކޮޅުގެ ބޭފުޅެއް ކަމަށްވާ ހޫޝިޔާރު ޒީބާރީ އެވެ. ޢިރާޤުގައި އަލަށް އެކުލާވި ސަރުކާރަކީ އިދިކޮޅު ފަރާތްތަކާވެސް ގުޅިގެން އެކުލަވާލި ވަތަނީ އެއްބައިވަންތަ ކަމުގެ ސަރުކާރެކެވެ. މިސަރުކާރު އެކުލަވާލެވުނީ އިދިކޮޅު ފަރާތްތަކާއި މާލިކީގެ ކޯލިޝަނާ ދެމެދު ޤާއިމްކުރެވުނު އެއްބަސްވުންތަކެއްގެ ދަށުންނެވެ. މިއެއްބަސްވުންތަކުގެ ދަށުން ޢިރާޤުގެ ރައީސްކަމުގެ މަޤާމުގައި އިތުރު ދައުރަކަށް މިހާރުގެ ރައީސް ޖަލާލް އައްތަލަބާނީ ހުންނަވާގޮތަށްވަނީ ހަމަޖެހިފަ އެވެ.