ފުލުހުންގެ ތަހުގީގަށް ހަނު ހުންނެވި "އިލެކްޝަންސް ކޮމިޝަންގެ ބޭފުޅުން" ފެއިލް ވެއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ސަރުކާރު ކޯލިޝަންގެ ފަރާތުން މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އާންމު ފަރުދުން ހަނު ހުންނަވާ އުސޫލުން ގާނޫނު އަސާސީން އެތަކެއް މަސްއޫލިއްޔަތުތަކެއް ހަވާލުކޮށްފައިވާ ބޭފުޅުންނަށް ހަނު ނުހުރެވޭނެ ކަމަށެވެ.
~
ރައީސް ވިދާޅުވީ އިންތިޚާބީ ހައްގުތައް ހިމާޔަތް ކުރެވިފައިވާ މިންވަރާ ގުޅޭ ގޮތުން "އިލެކްޝަންސް ކޮމިޝަންގައި ހުނެވި ބޭފުޅަކާ" ސުވާލު ކުރުމުން ހަނު ހުރުމުގެ ހައްގު އިޚްތިޔާރު ނުކުރެވޭނެ ކަމަށާއި ހަނު ހުންނެވި ބޭފުޅުން ވަނީ ފެއިލްވެފައި ކަމަށެވެ.

"އެއީ އެމަނިކުފާނު އެބަޖެހޭ އެކަން ސާފުކޮށްދެއްވަން ދިވެހި ރައްޔިތުންނަށް. އެއީ ހަނުހުރުމުގެ ހައްގު އިޚްތިޔާރު ކުރެވޭނެ މަގާމެއްގައި ނޫން އެހެރީކީ. އެހެންވީމަ އެކަމުގައި އިލެކްޝަންސް ކޮމިޝަންގައި ތިއްބެވި ބޭފުޅުން ހަނު ހުންނެވި ބޭފުޅުން ފެއިލް ވެއްޖެ ކަމަށް އަޅުގަނޑު ކަނޑައަޅަން އަޅުގަނޑުގެ އަމިއްލަ ވިސްނުމުގައި،" ރައީސް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ރައީސް ޔާމީން ވިދާޅުވީ ގާނޫނު އަސާސީން މަތިކޮށްފައިވާ ޒިންމާ އަދާކުރުމަށް ރައްޔިތުންގެ މަޖިލީހުން ބޭނުންނުވާ ކަމަށެވެ.

ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނަށް ދެ މެމްބަރަކު އައްޔަން ކުރަން ޖެހިފައި ވަނިކޮށް މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާއި އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް މެމްބަރުން "ހަރު އަޑުން ވިދާޅުވަމުން ގެންދަވަނީ އެކަން ނުކުރައްވާނަމޭ" ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ފުލުހުންގެ ތަހުގީގުގައި ހަނުހުންނެވި އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން ފެއިލް ވެފައިވާ ކަމަށް ރައީސް ވިދާޅުވިއިރު، އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީގު ރޭ ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލު ކުރުމުން އޭނާ ވަނީ ހަނު ހުންނަވާފަ އެވެ.