ކްރައިމިއާގެ ވޯޓްގެ ނިންމުމާއި މެދު ހިތްހަމަ ނުޖެހުން ފާޅުކޮށް އެމެރިކާ އާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ރަޝިޔާ އާއި ޔޫކްރޭނުގެ ބައެއް އޮފިޝަލުންނަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ނިންމައިފި އެވެ.

މިދިޔަ އާދީއްތަ ދުވަހު ޔޫކްރޭނުގެ ކްރައިމިއާގައި ބޭއްވި ވޯޓުން ދައްކީ ރަޝިޔާއާ ގުޅުމަށެވެ. އޮފިޝަލުން ބުނާ ގޮތުގައި، ވޯޓުން ދެއްކީ ރަޝިޔާގެ އަތްދަށަށް ކްރައިމިއާ ދިއުމަށް 97 ޕަސެންޓް މީހުން ވޯޓްލާފައިވާ ކަމަށެވެ. ކްރައިމިއާގެ ރިފަރެންޑަމަކީ ގާނޫނާއި ހިލާފަށް ނިންމި ނިންމުމެއް ކަމުގައި އެމެރިކާ އާއި އީޔޫ އިން ބުނެ އެވެ.

ޔޫކްރޭނުގައި ހިނގަމުންދާ ދާހިލީ ހަނގުރާމަ އަކީ މިދިޔަ މަހުގެ 22 ވަނަ ދުވަހު ރައީސް ވިކްޓާ ޔަނުކޮވިޗް މަގާމުން ދުރުކުރުމުގެ ސަބަބުން ހިނގަމުން ހަމަނުޖެހުންތަކެކެވެ. މި މައްސަލައާއި ގުޅިގެން ޔޫކްރޭނުގެ މަސްރަހު ގޯސްވެ، އެގައުމުގެ އެކި މަގުތަކުގައި މުޒާހަރާތައް ހިނގަމުން ދެއެވެ.

ޔޫކްރޭނުގެ މައްސަލައާ ބެހޭގޮތުން އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވިދާޅުވީ، ރަޝިޔާ އިން ޔޫކްރޭނަށް އަތްގަދަ ކުރުމަށް މަސައްކަތް ކުރުމުން، ރަޝިޔާއާ މެދު ފިޔަވަޅު އެޅުމަށް ފަސްނުޖެހޭނެ ކަމަށެވެ.

އެމެރިކާގެ މަސައްކަތާއެކު އީޔޫ އިން ވަނީ ފިޔަވަޅު އަޅާނެ ރަޝިޔާ އާއި ޔޫކްރޭނުގެ 21 އޮފިޝަލެއްގެ ލިސްޓެއް ތައްޔާރުކޮށްފަ އެވެ. މި ލިސްޓްގައި ކްރައިމިއާގެ ބޮޑު ވަޒީރާއި، ކްރައިމިއާގެ ޕާލިއަމެންޓް ލީޑަރާއި، ތިން ރަޝިޔާ ކޮމާންޑަރުންގެ އިތުރުން ރަޝިޔާ ޕާލިއަމެންޓްގެ ސީނިއާ އޮފިޝަލުން ވެސް ހިމެނެ އެވެ.