17 Mar 2014, 22:09
އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ކުރީގެ ރައީސް ފުއާދު ތައުފީގާ ގުޅޭގޮތުން ފުލުހުން ތަހުގީގު ކުރަމުން އަންނަ މައްސަލައަކާ ގުޅިގެން އެ ކޮމިޝަންގެ ދެ މެމްބަރަކު މިރޭ ފުލުސް އޮފީހަށް ހާޒިރުކޮށްފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަލީ މުހައްމަދު މަނިކު މިރޭ 8:30 އަށް ފުލުސް އޮފީހަށް ހާޒިރުކޮށްފައިވާއިރު، ކޮމިޝަންގެ މެމްބަރު މުހައްމަދު ފާރޫގު ހާޒިރުކޮށްފައި ވަނީ މިރޭ 9:30 ގައި ކަމަށެވެ.
ތަހުގީގު ކުރިއަށްދާތީ އެ މައްސަލައާ ބެހޭ މައުލޫމާތެއް މީޑިއާ އޮފިޝަލް ވިދާޅެއް ނުވެއެވެ.
ސަން އަށް އެނގިފައިވާގޮތުގައި މަނިކާއި ފާރޫގު ވަނީ ފުލުހުންގެ ތަހުގީގަށް އެއްބާރުލުންދީ ފުލުހުން ކުރި ސުވާލުތަކަށް ޖަވާބުދެއްވާފަ އެވެ.
ފުލުހުން ތަހުގީގު ކުރާ މައްސަލައަކީ އިލެކްޝަންސް ކޮމިޝަންގެ ރައީސް ކަމުގައި ފުއާދު ހުންނެވި އިރު، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅޭ ގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދާ ދެމެދު ދައްކާފައިވާ ކަމަށް ބުނާ ފޯން ކޯލެއްގެ މައްސަލަ އެވެ. އެ އޯޑިއޯ ވަނީ ސޯޝަލް މީޑިއާގައި ލީކްކޮށްލާފަ އެވެ.
ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ ރިފާއު (ބޮޗޭ) ހުށަހެޅުވި އެ މައްސަލައިގެ ތަހުގީގަށް ފުއާދު ތައުފިގު ރޭ ފުލުސް އޮފީހަށް ހާޒިރުކުރުމުން އޭނާ ވަނީ ގާނޫނު އަސާސީން ލިބިދޭ ހަނުހުރުމުގެ ހައްގުގެ ބޭނުން ކުރައްވާފަ އެވެ.