އަންނަ ހޮނިހިރު ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ވޯޓާސް ލިސްޓުގައި ބައެއް ކެންޑިޑޭޓުން ސޮއި ނުކުރާތީ، އެ ކެންޑިޑޭޓުން ކުރިމަތިލައްވާ ދާއިރާތަކުގެ އިންތިހާބު ބޭއްވުމާމެދު ސުޕްރީމް ކޯޓުގެ ލަފަޔަކަށް އިލެކްޝަންސް ކޮމިޝަނުން އެދިއްޖެ އެވެ.

ކެންޑިޑޭޓުން ވޯޓާސް ލިސްޓުގައި ސޮއި ކުރަންޖެހެނީ ރިޔާސީ އިންތިހާބުގެ ތެރޭގައި ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބަޔާން ކުރާ ގައިޑްލައިނާ އެއްގޮތަށް އާންމު އިންތިހާބުތަކުގައި ވާދަ ކުރައްވާ ކެންޑިޑޭޓުން ސޮއި ކުރަންޖެހޭނެ ކަމަށް ބުނެފައި ވާތީ އެވެ.

އިލެކްޝަންސް ކޮމިޝަންގެ މީޑިއާ އޮފިސަރު އައިޝަތު ޝިފާނާ އަހުމަދު "ސަން"އަށް މިއަދު ވިދާޅުވީ ވޯޓާސް ލިސްޓުގައި 16 ކެންޑިޑޭޓަކު ސޮއި ނުކުރާތީ، ސުޕްރީމް ކޯޓުގެ ލަފަޔަކަށް އެ ކޮމިޝަނުން އެދުނީ އިންތިހާބާ ބެހޭ ގައުމީ ކޮމެޓީގެ ލަފާގެ މަތިން ކަމަށެވެ.

ޝިފާނާ ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓުގެ ލަފަޔަކަށް އެދި އެ ކޯޓަށް ސިޓީއެއް ފޮނުވީ އިއްޔެ އެވެ. ނަމަވެސް އެ ސިޓީގެ ޖަވާބެއް އަދި ލިބިފައި ނުވާ ކަމަށާއި އިލެކްޝަންސް ކޮމިޝަނުން ފޮނުވި ސިޓީގައި ބަޔާންކޮށްފައިވާ ކަންތައްތައް މީޑިއާއަށް ހާމަ ކުރެވޭނީ ސުޕްރީމް ކޯޓުން ޖަވާބެއް ދިނުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ގޮތުން ވޯޓާސް ލިސްޓުގައި ސޮއިކޮށްފައި ނުވަނީ އަމިއްލަ ގޮތުން 13 ދާއިރާ އަކަށް ވާދަކުރައްވާ 16 ކެންޑިޑޭޓެކެވެ.