މައިލޯ އިންޓަ ސްކޫލް ވޮލީބޯޅަ މުބާރާތުގެ 19 އަހަރުން ދަށުގެ އަންހެން ބައިގެ ފައިނަލްގައި މަދްރަސަރުލް އަހުމަދިއްޔާ ބަލިކޮށް ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް (ވީއައިއެޗްއެސް) އިން އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

އިއްޔެ ހަވީރު ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ކުޅުނު ފައިނަލުން ވީއައިއެޗްއެސް ޗެމްޕިއަންކަން ހޯދީ ސީދާ ތިން ސެޓުން މޮޅުވެގެންނެވެ. ވީއައިއެޗްއެސް އިން ސެޓުތައް ގެންދިޔައީ 25-14، 2523 އަދި 25-22 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ވީއައިއެޗްއެސްގެ ފާތިމަތު ރާނިޔާ އެވެ.

މުބާރާތުގެ 19 އަހަރުން ދަށުގެ އަންހެން ބައިގެ އެންމެ މޮޅު ހަ ކުޅުންތެރިންގެ މަގާމަށް ހޮވުނީ ސެންޓަ ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަންގެ އާމިނަތު ޝިއާރާ އާއި ވީއައިއެޗްއެސްގެ އައިޝަތު ޝަންނަ އިސްމާއިލް އާއި ވީއައިއެޗްއެސްގެ ފާތިމަތު ރާނިޔާ އާއި ވީއައިއެޗްއެސްގެ ފާތިމަތު މާޔާ އިބްރާހިމް އާއި އަހުމަދިއްޔާގެ އައިޝަތު އަރީކާ އަދި އެ ސްކޫލުގެ އާމިނަތު ޝީނީޒް އެވެ.

މި މުބާރާތުގެ 14 އަހަރުން ދަށުގެ އަންހެން ބައިގެ ޗެމްޕިއަންކަން ބ. ގޮއިދޫ ސްކޫލް ހޯދި އިރު، ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދީ ކަލާފާނު ސްކޫލެވެ. 16 އަހަރުން ދަށުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން މަޖީދިއްޔާ ސްކޫލް ހޯދި އިރު، އަންހެން ބައިގެ ޗެމްޕިއަންކަން ހޯދީ ކަލާފާނު ސްކޫލެވެ.

އިންޓަ ސްކޫލް ވޮލީބޯޅަ މުބާރާތުގައި މިއަދު ކުރިއަށްދާނީ 19 އަހަރުން ދަށުގެ ފިރިހެން ބައިގެ ފައިނަލް މެޗެވެ. ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅޭ ފައިނަލް މެޗުގައި ވާދަކުރާނީ ށ. އަތޮޅު ތައުލީމީ މަރުކަޒާއި އަހްމަދިއްޔާ އެވެ.