21 Dec 2010, 17:23
އެއް ގޭގެ މައްސަލާގައި ހދ. ތިން ރަށެއްގެ މީހުންގެ މެދުގައި މައްސަލަ ޖެހުމަށް ފަހު މައްސަލަ ޖެހުނު ގެ އެއްވެސް ބަޔަކަށް ނުލިބޭ ގޮތަށް ކަނޑައަޅައި ނޮޅުވަރަންފަރު ގުރުއަތުލުން ނިންމާލައިފި އެވެ.
ހދ. ނޮޅިވަރަމްފަރަށް ބަދަލުވުމަށް ކަނޑައަޅާފައިވާ އެ އަތޮޅުގެ ފަރިދު އާއި ކުނބުރުދު އާއި މައިވައިދޫ މީހުންނަށް ނޮޅިވަރަމްފަރުގައި އަޅާފައިވާ ގެތައް ބެހުމުގައި މައްސަލަޖެހި ތިން ރަށުގެ މީހުން ނޮޅިވަރަންފަރު އޮފީސް ދޮށަށް މިއަދު ހެނދުނު އެއްވި އެވެ.
ގުރުއަތުލުމުގައި މައްސަލަ ޖެހުނީ ފަރިދޫ މީހުންނަށް 36 ގެ ދޭނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް ގުރުއަތުލުމަށް ދިޔަ އިރު އެ ރަށު މީހުންނަށް 35 ގެ ލިބެން އޮތުމާ ގުޅިގެނެވެ. ނަމަވެސް މައިވައިދޫ މީހުންނަށް ކުރިން 78 ގެ ދޭނެ ކަމަށް ބުނެފައި އޮތް ނަމަވެސް ގުރުއަލާން ދިޔަ އިރު އޮތީ 79 ގެ ކަމަށް އެ ސަރަހައްދުގައި މަންޒަރު ބަލަން ހުރި ނޮޅިވަރަންފަރު މީހަކު ސަން އޮންލައިނަށް ކިޔައިދިނެވެ.
"އެއްވެސް ބަޔަކު ބޭނުމެއްނުވޭ ގެ ދޫކޮށްލާކަށް. ދެ ރަށު މީހުން ވެސް އެ ގެ ބޭނުންވޭ. އެންމެ ފަހުން ޕްރޮވިންސް އޮފީހުން އައިސްތިއްބެވި ބޭފުޅުން ނިންމެވީ އެއްވެސް ރަށަކަށް އެ ގެ ނުލިބޭ ގޮތަށް މައްސަލަ ނިންމަން." އެ ސަރަހައްދުގައި މަންޒަރު ބަލަން ހުރި ނޮޅިވަރަންފަރު މީހަކު ކިޔައިދިނެވެ.
މިއަދު ހެނދުނު 10:00 ގައި ބާއްވަން އުޅުނު ގުރުއަތުލުން ބޭއްވުނީ ހަވީރު 4:00 އިން 6:00 އަށް ނޮޅިވަރަމްފަރަށް ފުލުހުންގެނެސް އެ މީހުންގެ އެހީތެރިކަމާ އެކު އެވެ.
މިއަދު ހެނދުނު ތިން ރަށު މީހުން ވެސް ނޮޅިވަރަމްފަރަށް ގޮސްފައި ވަނީ ގުރުއަތުލުމުގައި ބައިވެރިވުމަށެވެ.