17 Mar 2014, 15:46
މަސްތުވާތަކެތި ގެންގުޅުނު ދެ މީހަކު އެއްލައްކަ ރުފިޔާ އިން ޖޫރިމަނާ ކުރުމާއެކު އުމުރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
އެ ހުކުމް ކޮށްފައި ވަނީ ލ. މާވަށް އެވާބްލޫ އަހްމަދު ވިސާން އާއި ހދ. ވައިކަރަދޫ، މަލަ، އަހްމަދު ޝިފާއުގެ މައްޗަށެވެ.
އެ ދެ މީހުންގެ މައްޗަށް އިއްޔެ އެ ހުކުމް ކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން މ. ޏަމްޏަމްގެ ފުލުހުން ބަލައި ފާސްކުރި އިރު އެ ދެ މީހުންގެ އަތުން މަސްތުވާތަކެތި ފެނުނުކަން ޝަރީއަތަށް ސާބިތުވުމާ ގުޅިގެންނެވެ.
ކްރިމިނަލް ކޯޓުގެ ހުކުމްގައި ބުނެފައި ވަނީ ފުލުހުން އެގޭތެރެއަށް ވަތް ވަގުތު އެގޭ ސިޑިމަތީގައި ބާޒާރު ކޮތަޅަކާއި ބިސްކޯދު ފޮއްޓެއް ހިފައިގެން ވިސާން ހުއްޓައި ފުލުހުން އޭނާގެ ފަހަތުން ދާން ފެށުމުން އެގޭ ފުރަތަމަ ފަންގިފިލާ އަށް އަރައި ދޮރުމައްޗަށް ބިސްކޯދު ފޮށި ވައްޓާލި ކަމަށެވެ.
އެ ބިސްކޯދު ފޮށީގެ ތެރެއިން ފެނުނު ހަ ޖޫސްޕެޓީ ކޮތަޅުގައި ހުރި ތަކެތި ތަހުލީލު ކުރި އިރު 490.3137 ގްރާމް ޑައިމޯފިން (ހެރޮއިން) ހުރިކަމަށް އެތަކެތީގެ ތަހުލީލު ރިޕޯޓުން ދައްކާ ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ. އަދި އެ ފޮށިން ނެގި ފިންގާ ޕްރިންޓު ޝިފާއުގެ ކަނާތު މެދު އިނގިލީގެ ނިޝާނާއި ކަނާތު ކަށި އިނގިލީގެ ނިޝާނާ ދިމާވާ ކަމަށް ފިންގާ ޕްރިންޓް ކޮންޕެރިޝަން ރިޕޯޓުން އެނގެން އޮންނަ ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ.
އެ ދެ މީހުން ދައްކަންޖެހޭ ޖޫރިމަނާގެ ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓަށް ދައްކައި ޚަލާސް ކުރުމަށް ވެސް އެ ހުކުމްގައި ވަނީ އެ ދެ މީހުންނަށް އަންގާފަ އެވެ.