އިޓާލިއަން ސެރީއާގައި ރޭ ގެނޯއާ އަތުން ހަނި ތަފާތަކުން މޮޅުވި ނަމަވެސް، ޔުވެންޓާސް މޮޅުވީ މޮޅު ޓީމެއްގެ ގޮތުގައި ކުޅެގެން ކަމަށް އެޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.

ސެރީއާގައި ރޭ ކުޅުނު މެޗުން ޔުވެންޓާސް އަށް ތިން ޕޮއިންޓް ލިބިގެންދިޔައީ މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް އިޓަލީ މިޑްފީލްޑަރު އަންދްރޭ ޕިރްލޯ ކާމިޔާބުކޮށްދިން ލަނޑުންނެވެ. މެޗުގެ 72 ވަނަ މިނެޓްގައި ގެނޯއާ އަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް ޔުވެންޓާސްގެ ގޯލްކީޕަރު ޖިއަންލުއިޖީ ބުފަން ވަނީ އެމަނުއެލް ކަލައިއޯ ފޮނުވާލި ހަމަލާ ދިފާއު ކޮށްފަ އެވެ.

"ކުޅުންތެރިންގެ ފަރާތުން ވަރުބަލިކަން ފެނިގެން ދިޔަ. ނަމަވެސް އެ ވަރުބަލިކަމާ އެކުވެސް މެޗުން މޮޅުވާނީ މޮޅު ޓީމު." ކޮންޓޭ ބުންޏެވެ. "އިދިކޮޅު ޓީމުގެ ޑިފެންޑަރުން ވަރަށް ވަރުގަދަ އަށް ކުޅުނު. އަދި އެ ޓީމުން މެޗުގެ ކޮންޓްރޯލް ހޯދައި ކުޅެން ވެސް މަސައްކަތްކުރި."

ކުރިން ލީގުގެ 50 ޕަސެންޓް ކާމިޔާބު ކުރެވިއްޖެކަން ކަށަވަރުވީ ކަމަށް ކޮންޓޭ ބުނި ނަމަވެސް، ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ބުނީ، ޕަސެންޓޭޖަށް ބެލުމަކީ މުހިންމު ކަމެއް ނޫން ކަމަށެވެ.

"މުހިންމީ ޕަސެންޓޭޖަށް ބެލުމެއް ނޫން. މުހިންމީ ވަރުގަދަ ޓީމެއްގެ ގޮތުގައި ކުޅޭ ގެނޯއާ ކަހަލަ ޓީމުތަކުގެ އަތުން މޮޅުވުން،" ކޮންޓޭ ބުންޏެވެ. "އަދިވެސް ލީގުގައި ދާންވީ ކުރިއަށް. ލީގުގައި 75 ޕޮއިންޓު ލިބުމަކީ ވަރަށް ރަނގަޅު ކަމެއް."

އިޓާލިއަން ސެރީއާގެ އެއްވަނައިގައި އޮތް ޔުވެންޓާސް އާއި ދެވަނައިގައި އޮތް އޭއެސް ރޯމާއާ ދެމެދު 17 ޕޮއިންޓްގެ ތަފާތެއް އެބަ އޮތެވެ.