17 Mar 2014, 15:16
ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީ (ބީއައިއޯޓީ) ގެ ބައެއް ކަމަށްވާ ފޯޅަވަހި ނުވަތަ ޑިއާގޯ ގާސިއާ އަކީ ދުނިޔޭގެ އެންމެ ރީތި ފަޅުތަކުގެ ތެރެއިން އެއް ފަޅު އޮތް އަތޮޅެވެ. އެއަތޮޅަކީ ތިމާވެށީގެ ގޮތުން ހިމާޔަތްކޮށްފައިވާ ސަރަހައްދެން ކަމަށް އިނގިރޭސިވިލާތުން ވަނީ 2004 ވަނަ އަހަރު ކަނޑައަޅާފަ އެވެ.
އިނގިރޭސި ނޫހަކުން ހޮނިހިރު ދުވަހު ބުނެފައި ވަނީ، ފޯޅަވަހީގެ ފަޅަށް އެމެރިކާގެ ކަނޑުގެ ސިފައިން އެތައް އަހަރެއް ވަންދެން ނަޖިސް އެޅުމުގެ ސަބަބުން އެތަން ނުރައްކަލުގެ ތެރޭގައި ވާކަމަށެވެ.
އިނގިރޭސިވިލާތުގެ މަޝްހޫރު ނޫހެއް ކަމަށްވާ " ދަ އިންޑިޕެންޑެންޓް" އިން ބުނީ ފޯޅަވަހީގެ ފަޅުތެރެއަށް އެމެރިކާ ސިފައިން އެތައް ސަތޭކަ ޓަނެއްގެ ނަޖިހާއި ނަޖިސް ފެން އަޅާފައިވާ ކަން އެނޫހަށް އެނގިފައިވާ ކަމަށެވެ.
" ... އެނގިފައިވާ ގޮތުގައި ، 1980 ގެ އަހަރުތަކުގައި ޑިއަގޯ ގާސިއާގައި ނޭވަލް ސަޕޯޓް ސްޓޭޝަނެއް ގާއިމްކުރި ފަހުން، ސާފު ފަޅުގެ ތެރެއަށް އެމެރިކާގެ ކަނޑުގެ ސިފައިންގެ އުޅަނދުތަކުން ދަނީ ޓްރީޓްކޮށްފައިވާ ނަޖިސް ހިމެނޭ ގޮތުން ނަޖިސްފެން އަޅަމުންނެވެ. ސައިންސްވެރިން ބުނާ ގޮތުގައި ނަޖިހުގެ ސަބަބުން ނައިޓްރޯޖަންއާއި ޕޮސްފޭޓް، ފަޅުގައި އާއްމުކޮށް ހުންނަ ވަރަށް ވުރެ ހަތަރުގުނައަށް ވަނީ އިތުރުވެފަ އެވެ. އަދި އޭގެ ސަބަބުން ގާތަށް ހަލާކުވާނެ ކަމަށް ބެލެވެއެވެ.،" ދަ އިންޑިޕެންޑެންޓްގައި ވެއެވެ.
ޑިއަގޯގާސިއާގައި އަޅައިގެން ތިބޭ އެމެރިކާގެ ކަނޑުގެ ސިފައިންގެ އުޅަނދުފަހަރުން ފަޅުތެރެއަށް ނަޖިސް އަޅާކަން އެނގުނީ މިދިޔަ އަހަރު ކަމަށާއި އެހެން ނަމަވެސް އިނގިރޭސި ސަރުކާރުން އެމައްސަލަ ޕާލަމެންޓަށް ހުށައެޅީ އަދި ކިރިޔާ ކަމަށް ވެސް އިންޑިޕެންޑެންޓްގެ ރިޕޯޓްގައި ވެއެވެ.
އިނގިރޭސިވިލާތުގެ ފޮރިން އެންޑް ކޮމަންވެލްތު އޮފީސް (އެފްސީއޯ) އިން މިހާރު ވަނީ އެމައްސަލައާ ބެހޭ ލިއުމެއް ޕާލަމެންޓަށް ހުށައަޅާފަ އެވެ. އެކަމާ ގުޅިގެން އެމެރިކާއަށް އެއްވެސް ނޯޓިސް އެއް ދީފައި ވޭތޯ ދަ އިންޑިޕެންޑެންޓުން އެފްސީއޯއާ ސުވާލު ކުރި ކަމަށް ވެސް ރިޕޯޓްގައި ވެއެވެ.
" ޔޫކޭގެ ގާނޫނާ ހިލާފުވުމުން އެމެރިކާގެ ކަމާ ބެހޭ ފަރާތްތަކަށް ނޯޓިސްއެއް ދީފައި ވޭތޯ، ނުވަތަ ދައުވާކޮށްފައި ވޭތޯ ނުވަތަ ޖޫރިމަނާކޮށްފައި ވޭތޯ ދަ އިންޑިޕެންޑެންޓުން ސުވާލުކުރުމުން އެފްސީއޯއިން ބުނީ މިދިޔަ އަހަރު އޭޕްރިލްމަހު އެމައްސަލަ ފާހަގަވުމުން އެމެރިކާގެ ބައިވެރިންނާ އެކު މައްސަލައިގެ ކުޑަބޮޑުމިން ބަލަން މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި ރައްކާތެރި ކުރުމުގެ މަސައްކަތް ކުރަން އެއްބަސްވެ، އެކަން ފަށާފައިވާ ކަމަށެވެ،" ރިޕޯޓްގައި ވެއެވެ.