17 Mar 2014, 15:08
ރައްޔިތުންނަށް ހެޔޮ އަގެއްގައި އިމާރާތް ކުރުމުގެ ސާމާނު ފޯރުކޮށްދިނުމުގެ ބޭނުމުގައި އެސްޓީއޯއިން ވިއްކާ ހިލަ އަދި ހިލަވެލީގެ އަގު މިއަދު ހެޔޮކޮށްފި އެވެ.
އެސްޓީއޯއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ހިލަ އަދި ހިލަވެލީގެ އަގަށް އެބަދަލު ގެނައީ އިންޑިއާ އިން ރާއްޖެއަށް އެތަކެތި އެކްސްޕޯޓް ކުރުން މަނާކޮށްފައި އޮތް އޮތުން އެގައުމުން ނިމުމަކަށް ގެނައުމުގެ ސަބަބުން އެތަކެތި އިންޑިއާއިން ރާއްޖެއަށް އިމްޕޯޓް ކުރެވޭނެ މަގު ފަހިވެ، އެބާވަތްތަށް ގެންނަން ކުރަންޖެހޭ ހަރަދު ކުޑަވުމުން ކަމަށެވެ.
އެގޮތުން އެސްޓީއޯ އިން ވިއްކާ ހިލަ އަދި ހިލަވެލީގެ އަގަކީ މިހާރު ރާއްޖޭގެ މާކެޓުން އެތަކެތި ލިބޭނެ އެންމެ ހެޔޮއަގު ކަމަށާއި އިންޑިއާއިން ރާއްޖެއަށް އެތަކެތި އިމްޕޯޓް ކުރަން ފެށުމުން އިމާރާތްކުރުމުގެ އިންޑަސްޓްރީއަށް ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތަށް ހައްލުވެގެން ދިޔުމަށް މަގުފަހި ވެގެން ދާނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
އެސްޓީއޯއިން ކޮންސްޓްރަކްޝަންގެ މެޓީރިއަލްތަށް ވިއްކުމަށް އަމީނީމަގުގައި ހުންނަ އެކުންފުނީގެ ކޮންސްޓްރަކްޝަން މެޓީރިއަލްސް ވެއާހައުސް އިންނާއި، މާފަންނު މީރުބަހުރު ބަނދަރު ކައިރީގައި ހުންނަ ކޮންސްޓްރަކްޝަން މެޓީރިއަލްސް 158 ނަންބަރު ފިހާރައިންވެސް ހިދުމަތް ދެމުން ގެންދާކަމަށް އެ ކުންފުނިން ބުނެއެވެ.
އެސްޓީއޯއިން ހިލަ އަދި ހިލަވެލީގެ އަގު 45 ރުފިޔާ އާއި ހަމައަށް ހެޔޮކޮށްފައި ވާއިރު އެއީ މީގެ ކުރިން އެބާވަތްތަށް ވިއްކި އަގަށްވުރެ 40 އިންސައްތަ ހެޔޮ އަގެއްކަމަށް ވެސް އެކުންފުނިން ބުންޏެވެ.