17 Mar 2014, 14:42
މާލޭން ބޭރަށް ނުދެވޭ ގޮތަށް ޝަރުތުކޮށްފައި ހުރި މީހަކު ހއ. ހޯރަފުށީ މީހަކާ ކައިވެނި ކުރުމަށް އެރަށަށް ދިއުމަށް ކޯޓުން ހުއްދަ ހޯދައިގެން ގޮސް ހދ. ނޮޅިވަރަމުގައި ހުއްޓައި މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ފަރުވާ ޕްރޮގްރާމްގެ ދަށުން މާލެއިން ބޭރަށް ނުދެވޭގޮތަށް ޝަރުތުކޮށް ދޫކޮށްލާފައި ވަނިކޮށް ކޯޓުން ހުއްދަ ހޯދައިގެން ކައިވެނިކުރުމަށް ހޯރަފުށްޓަށް ދަތުރުކުރި އުމުރުން 27 އަހަރުގެ މީހާ ނޮޅިވަރަމުން ހައްޔަރު ކުރިއިރު، މަސްތުވާ ތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅެއް އޭނާ ލައިގެން ހުރި ބޮކްސާގެ ތެރެއިން ފެނިފައިވާ ކަމަށެވެ.
އިއްޔެ މެންދުރު 12:00 ކަންހާއިރު އޭނާ ހައްޔަރުކޮށްފައި ވަނީ ނޮޅިވަރަމަށް ދިޔަ ބޯޓެއްގައި ހުރި މީހަކު މަސްތުވާތަކެތި ގެންގުޅެ، އެތަކެތީގެ ވިޔަފާރުކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުން ހިންގި އޮޕަރޭޝަނެއްގަ އެވެ.
ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާއަކީ މާރާމާރީ އާއި މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑް ވެސް އޮންނަ މީހެއް ކަމަށެވެ.
ފުލުހުން ބުނީ އެމީހާ ހައްޔަރުކޮށް ކުޑަކަމުދާތަކެތި ޓެސްޓުކުރިއިރު މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި އޭނާގެ ބަންދަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން 15 ދުވަސް ޖަހައިދީފައިވާ ކަމަށެވެ.