17 Mar 2014, 14:08
ފަރަންސޭސި ވިލާތުގެ ވެރިރަށް ޕެރިހުގައި އިންޖީނު ލީ ދުއްވާ ތަކެތި ގިނަ ވެ، އޭގެ ސަބަބުން ވައި ތަގައްޔަރު ވުމުގެ މައްސަލަ ބޮޑު ވެފައި ވާތީ، ވަގުތީ ހައްލުތަކެއް ހޯދުމަށް ޓަކައި، އޮޑް ނަންބަރަކުން ނިމޭ ނަންބަރު ޕްލޭޓް ޖެހި އުޅަނދުތައް ފިޔަވައި އެއްވެސް އުޅަނދެއް ހޯމަ ދުވަހު ޕެރިހުގައި ނުދުއްވޭ ގޮތަށް ހަމަޖައްސައިފިއެވެ.
ވަގުތީ ގޮތުން އެޅި މި ފިޔަވަޅު ދެމިއޮވެއްޖެ ނަމަ، އަންގާރަ ދުވަހު، ޕެރިހުގެ މަގެއްގައި އީވެން ނަންބަރަކުން ނިމޭ ނަންބަރު ޕްލޭޓެއް ޖެހި އެއްވެސް އުޅަނދެއް ނުދުއްވޭނެއެވެ.
މި ފިޔަވަޅާ ގުޅިގެން ޕެރިހުގައި މަގުތަކުގައި މިއަދު އެތައް ސަތޭކަ ޓްރެފިކް ޕޮލިހުން ފޯރި މަރަމުން ދާ ކަމަށް ބީބީސީން ޚަބަރު ދެއެވެ.
ވަގުތީ ހައްލެއް ހޯދުމަށް ޓަކައި އާދަޔާ ޚިލާފު ފިޔަވަޅެއް އެޅުމަށް އޮފިޝަލުން ނިންމީ، ޕެރިހާއި ކައިރި ހިސާބުތަކުގެ ވައި ސިއްހަތަށް ގެއްލުން ހުރި މިންގަނޑެއްގައި ހުންނަތާ ފަސް ދުވަސް ވުމާ ގުޅިގެންނެވެ.
ޕެރިހާއި ކައިރި ހިސާބުތަކުގެ ވައި މާބޮޑަށް ތަގައްޔަރު ވެފައި ވަނީ ރޭތައް މާބޮޑަށް ފިނި ވެފައި، ދުވާލު ހޫނުކޮށް އޮންނަ ހާލަތެއްގެ ސަބަބުން، ދުއްވާ ތަކެތީން ބޭރު ކުރާ ވައި ތަގައްޔަރު ކުރާ މާއްދާތައް ގުދުރަތީ ގޮތުން ވައިގެ ތެރެއިން ފިލައިދިޔުން ހުއްޓުމާ ގުޅިގެންނެވެ.
ޕެރިހުގެ ވައި މާބޮޑަށް ތަގައްޔަރު ވުމާ ގުޅިގެން 1997 ވަނަ އަހަރު ވެސް މި ފިޔަވަޅު އެޅިފައި ވެއެވެ. ޕެރިހުގެ ވައިގެ ހާލަތު ދިރާސާ ކުރާ "އެއަރޕެރިފް" އިދާރާގެ އޮފިޝަލުން ބުނެފައި ވަނީ އެ އަހަރު ނަތީޖާ ނުކުތް ކަމަށެވެ.
ޕެރިހުގައި އެޅުނު ފިޔަވަޅުން، 3 މީހުން ނުވަތަ އެއަށްވުރެ ގިނަ ދަތުރުވެރީން ގޮވައިގެން ދުއްވާ ކާރާއި، އިލެކްޓްރިކް ބޭނުން ކުރާ އުޅަނދުތައް އިސްތިސްނާ ވާނެއެވެ.
ވަގުތީ ގޮތުން އެޅުނު ފިޔަވަޅާ ޚިލާފަށް އުޅަނދެއް ދުއްވައިފި ނަމަ، ދުއްވާ ފަރާތެއް ވަގުތުން ޖޫރިމަނާ ކުރެވޭނެއެވެ. އޮފިޝަލުން ބުނެފައި ވަނީ، މިއަދު ދުއްވުން މަނާ އުޅަނދުތަކަށް، މިއަދު ހިލޭ ޕާކު ކުރެވޭނެ ކަމަށެވެ.
މުދާ އެކި ތަންތަނަށް ގެންގޮސްދޭ ކުންފުނިތަކުން ވަނީ މި ފިޔަވަޅާ މެދު ޝަކުވާތައް ކޮށްފައެވެ. އެމީހުން ބުނެފައި ވަނީ މީގެ ސަބަބުން އެމީހުންގެ ވިޔަފާރިއަށް ބޮޑެތި ގެއްލުންތަކެއް ވާނެ ކަމަށެވެ. ޕެރިހުގެ މޭޔަރު އިންތިޚާބު ކުރުމުގެ އިންތިޚާބު އަންނަ ހަފުތާގައި އޮންނަ އިރު، މި ފިޔަވަޅުގެ ސަބަބުން އިންތިޚާބުގެ ނަތީޖާއަށް ވެސް އަސަރު ކުރުން އެކަށީގެންވާ ކަމަށް މުރާސިލުން ބުނެއެވެ.