17 Mar 2014, 13:55
ޖަޕާނު ސަރުކާރުގެ ގްރާންޓް ހިއުމަން ސެކިއުރިޓީ ޕްރޮޖެކްޓް (ޖީޖީޕީ) ސުކީމްގެ ގެ ދަށުން ރާއްޖެ އަށް ދީފައިވާ ހިލޭ އެހީގެ ދަށުން ކ. ދިއްފުށީގައި ގާއިމްކުރާ ސޯލާ ސިސްޓަމްގެ މަސައްކަތް ޖަޕާނުގެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.
ފޮރިން މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ޖަޕާނު ސަރުކާރުން ރާއްޖެއަށް ދޭ 5.5 މިލިއަން ރުފިޔާ (361.254 ޑޮލަރު)ގެ އެ ހިލޭގެ އެއްބަސްވުމުގައި ވަނީ ރަސްމީކޮށް ސޮއި ވެސްކޮށްފަ އެވެ.
ޖަޕާނުން ރާއްޖެ އަށް ދީފައިވާ އެ ހިލޭ އެހީގެ އެއްބަސްވުމުގައި ރާއްޖޭގެ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެންވާރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލް މަތީން މުހައްމަދު އެވެ. ޖަޕާނު ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޖަޕާނުން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ނޮބުހިޓޯ ހޯބޯ އެވެ.
ޖަޕާނު ސަރުކާރުން ރާއްޖެ އަށް ދީފައިވާ އެ ހިލޭ އެހީގެ ދަށުން ދިއްފުށީގައި ގާއިމްކުރާ ސޯލާ ސިސްޓަމް ގާއިމްކުރުމަށް މިއަދު ހަވާލުކޮށްފައި ވަނީ ޖަޕާނުގެ ކުންފުންޏެއް ކަމަށްވާ، ކެންސައި އިލެކްޓްރިކް ޕަވާ ކޯޕަރޭޝަން އިންކޯޕަރޭޝަން (ކެޕްކޯ) އާއި އެވެ.
އެ އެއްބަސްވުމުގައިވެސް ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެންވާރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލް މަތީން މުހައްމަދު އެވެ. އަދި ކެޕްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ ޖެނެރަލް މެނޭޖަރު ޔޮޝިއާކީ މިނޯ އެވެ.
ސޮއިކުރުމުގެ ރަސްމިއްޔާތަށް ފަހު މީޑިއާ އަށް މައުލޫމާތު ދެއްވަމުން މަތީން ވިދާޅުވީ ރާއްޖޭގެ ރަށްތަކުގައި ކަރަންޓް އުފެއްދުމަށް ބޭނުންކުރާ ޑީސަލްއަކީ އަގުބޮޑު އެއްޗަކަށްވެފައި އަދި އެކަމަށް ސަރުކާރުން ބޮޑު ހަރަދެއް ކުރާ ކަމަށެވެ. އެގޮތުން އިއާދަކުރަނިވި ހަކަތައިން ކަރަންޓް އުފެއްދުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ކަރަންޓްގެ ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ދިނުމަށް ޓަކައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޮންމެ ދުވަހެއްގެ ވެސް އެންމެ މައްޗަށް ކަރަންޓް ބޭނުންވާ މިންވަރުގެ 3/1 އެއްބަޔަކީ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ހެދުމަށް ސަރުކާރުގެ ފަސް އަހަރު ތެރޭގައި މަސައްކަތް ކުރާނެ،" މަތީން ވިދާޅުވި އެވެ.
ދިއްފުށީގައި ގާއިމްކުރާ އެ ސިސްޓަމް އާ ގުޅޭ ގޮތުން "ސަން" އަށް މައުލޫމާތު ދެއްވަމުން މަތީން ވިދާޅުވީ އެ ޕްރޮޖެކްޓަކީ ލާރި ހަމަނުޖެހުމުގެ ސަބަބުން ވަރަށް ގިނަ ދުވަސްވަންދެން ނުފެށި އޮތް މަސައްކަތެއް ކަމަށެވެ. އަދި އެ މަޝްރޫއުގައި މިއަދު ސޮއިކުރީ އެކަމަށް ބޭނުންވާ ހުރިހާ ހަރަދެއް ލިބިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މަތީން ވިދާޅުވީ ކ. ދިއްފުށީގައި ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން ގާއިމްކުރާ ސޯލާ ސިސްޓަމްއަކީ 40 ކިލޯ ވޯޓުގެ ސިސްޓަމް މިއަހަރުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ. އަދި އެ ޕްރޮޖެކްޓް ގާއިމްކުރުމުން އެ ޕްރޮޖެކްޓްގެ ދަށުން ރަށަށް ކަރަންޓް ދެވިގެންދާނީ ސްޓެލްކޯގެ ބެލުމުގެ ދަށުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.