17 Mar 2014, 13:45
ރާއްޖޭގެ ކަޅު ބާޒާރުގައި ޑޮލަރު ގަންނަން ލިބޭ އަގު އިންތިހާ އަށް ބޮޑުވެފައި އޮތުމަށް ފަހު، އަގުތައް ދަށަށް ގޮސްފައިވާ ކަމަށް އާންމު ފަރާތްތަކުން ބުނެފި އެވެ.
ރާއްޖޭގެ ސެންޓްރަލް ބޭންކުން އެމެރިކާ ޑޮލަރެއް ވިއްކާ އަގަކަށް، 15.42ރ. ހަމަ ޖައްސާފައިވީ ނަމަވެސް، "ކަޅު ބާޒާރުން" ނުވަތަ، ބޭރުތެރެ އިން އާންމު ގޮތެއްގައި ޑޮލަރު ގަންނަން ލިބެނީ، 17ރ. އާއި 18ރ. އާއި ދެމެދުގެ އަގުތަކެއްގަ އެވެ. އެހެން ނަމަވެސް ވޭތުވެ ދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ޑޮލަރުގެ އަގު ރުފިޔާއެއްހާ މިންވަރު ވެއްޓިފައިވާ ކަމަށް އާންމު ބައެއް ފަރާތްތަކުން ބުނެ އެވެ.
"އަޅުގަނޑުމެންނަކީ، ބޭރުން މުދާ އެތެރެ ކޮށްގެން ވިއްކާ ބައެއް. ކުރިން ވަރަށް އުނދަގުލުން، ޑޮލަރު މިހޯދަނީ. ބޭންކުން ދޫކުރަނީ، ދުވާލެއްގެ މައްޗަށް ވަކި މިންވަރެއް. ދެން މިޖެހެނީ، ބޮޑު އެމައުންޓެއް ހޯދަންޏާ ޑޮލަރުގެ ވިޔަފާރި ކުރާ މީހެއްގެ އަތުން ބޮޑު އަގުގައި ނަގަން. އެގޮތުން މީގެ މަހެއްހާ ދުވަސް ކުރިން އަޅުގަނޑު ޑޮލަރު ގަތިން، 17.50ރ. އެކަމަކު މިހާރު ލިބޭ 16ރ. އަށް،" މަޖީދީ މަގުގައި ކޮމްޕިއުޓަރުގެ ވިޔަފާރި ކުރާ ފިހާރައެއްގެ ވެރިފަރާތުން ސަން އަށް ބުންޏެވެ.
މާލީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ދެކޭ ގޮތުގައި، ރާއްޖޭގައި ޑޮލަރުގެ އަގު ހެޔޮވެގެން ގޮސްފައި ވަނީ، ބޭރުން ވަކިން އިތުރު ޑޮލަރުތަކެއް އިގްތިސާދުގެ ތެރެއަށް ވަދެގެނެއް ނޫނެވެ. އެހެން ނަމަވެސް ބޭންކުތަކުން ވިޔަފާރިތަކަށް ޑޮލަރު ދޫކުރާ މިންވަރު އިތުރުވުމާއި، ކުރިން މީހުން "ކަޅު ބާޒާރު"ގައި ބޮޑު އަގުގައި ވިއްކަން ރައްކާކޮށްފައި ހުރި ޑޮލަރު، ބާޒާރުގައި ގިނަވުމަކީ، ޑޮލަރުގެ އަގު ހެޔޮވާން މެދުވެރިވި ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.
އާންމުންނަށް ގިނަ އަދަދަކަށް ޑޮލަރު ދޫކުރަމުންދާ ރާއްޖޭގެ އިސްލާމިކް ބޭންކުގެ ހެޑް އޮފް މާކެޓިން އެންޑް ސޭލްސް މުހައްމަދު ޝަފާއު ހަސަން ވިދާޅުވީ، ޑޮލަރު ހޯދުމަށް ފަސޭހަވި ސަބަބުތަކުގެ ތެރޭގައި، ސެންޓްރަލް ބޭންކުން ޕަބްލިކް ބޭންކްތަކަށް ޑޮލަރު ދޫކުރާ މިންވަރު އިތުރުކުރުން ވެސް ހިމެނޭ ކަމަށެވެ.
"އަޅުގަނޑުމެންނަށް ކުރިން ސެންޓްރަލް ބޭންކުން ޑޮލަރު މި ލިބެނީ ހަފްތާ އަކު، 200،000 އާއި 250،000 އާ ދެމެދުގެ އަދަދަކަށް. އެހެން ނަމަވެސް، މިހާރު އެ އަދަދު ގާތްގަނޑަކަށް 16 ޕަސެންޓަށް ބޮޑުކޮށްފައި މިވަނީ،" މުހައްމަދު ޝަފާއު ހަސަން ވިދާޅުވި އެވެ.
ވިޔަފާރި ވެރިއަކު ބުނީ، މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން ވެސް ޑޮލަރު ގަންނަން ބޮޑު ތަކްލީފެއް އުފުލަން ޖެހުނު ކަމަށާއި އެހެން ނަމަވެސް މިހާރު ކޮންމެވެސް ވަރެއްގެ ލުއިކަމެއް އަތުވެއްޖެ ކަމަށެވެ.
"ކުރިން އަޅުގަނޑުމެން ގޮސް އާދޭސް ކޮށްގެން، 16.50 ރުފިޔާ އަށް ނުވަތަ 17 ރުފިޔާ އަށް ޑޮލަރެއް މިލިބެނީ. އެއީ ވެސް ވަރަށް ބޮޑު އަދަދެއް ނަގަންޏާ. އެކަމަކު މިހާރު އެ ވިއްކާ ފަރާތްތަކުން ގުޅާފައި އެބަ ބުނޭ 16 ރުފިޔާ އަށް ދީފާނަމޭ މިވެނި އަދަދަކަށް ނަގަންޏާ،" ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ބުކްޝޮޕްގެ ވިޔަފާރި ކުރާ ފަރާތަކުން ބުންޏެވެ.
އެމްއެމްއޭ އިން ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ އަދަދު އިތުރުކޮށްފައިވާ އިރު، ދައުލަތުގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި ކަމަށްވާ އެސްޓީއޯ އިން ކުރިން އަމިއްލަ ފަރާތްތަކުގެ އަތުން ހަފްތާ އަކު، ފަސް މިލިޔަން ޑޮލަރު ގަތް ގަތުން މިހާރު ވަނީ، ހުއްޓާ ލައިފަ އެވެ. އެނގިފައިވާ ގޮތުގައި އެސްޓީއޯ އަށް ބޭނުންވާ ޑޮލަރު، މިހާރު ގަންނަނީ ބޭންކުތަކުން އެކަންޏެވެ.
"އެސްޓީއޯ އަށް ކުރިން އާންމުންގެ އަތުން ގަންނަމުން ގެންދިޔަ ޑޮލަރު ގަތުން ހުއްޓައިލުން މިއީ އަޅުގަނޑު ދެކޭ ގޮތުގައި، އާންމު ފަރާތްތަކުން ބޮޑު އަގުގައި ވިއްކަމުން ގެންދިޔަ ޑޮލަރުގެ އަގު ހެޔޮވާން ދިމާވި އެންމެ ބޮޑު ސަބަބު،" ކުރިން ވާހަކަ ދެއްކި ވިޔަފާރިވެރިޔާ ބުންޏެވެ.
ބޭސްފަރުވާ އަށް ބޭރަށް ދާން ބޭނުންވާ ފަރާތްތަކަށް މިހާރު ވެސް ޑޮކްޓަރުގެ ލިޔުން ހުށަހެޅުމުން ބޭންކުތަކުން ވަކި އަދަދަކަށް ޑޮލަރު ދޫކުރެ އެެވެ. އެގޮތުން މޯލްޑިވްސް އިސްލާމިކް ބޭންކަށް ޑޮކްޓަރުގެ ލިޔުން ހުށަހެޅުމުން 500 އާއި 1000 އާއި ދެމެދުގެ އަދަދަކަށް ޑޮލަރު ދޫކުރެ އެވެ. އަދި ރާއްޖެ އިން ބޭރުގައި ކިޔަވާ ކުދިންގެ ޓިއުޝަންފީ ދެއްކުމަށް ވެސް ބޭންކުތަކުން، ކުރިއާ ހިލާފަށް، މިހާރު ފައިސާ ޓްރާންސްފާކޮށްދެ އެވެ.