17 Mar 2014, 13:41
ފެނުމުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަށައިގެންވާ ތަންތަނާ ތަކެތި ކިޔައިދޭ “އަލްޓްރާސޮނިކް” މޮބައިލް ފޯން ކަވަރެއް ސެމްސަންގް އިން ތައާރަފް ކޮށްފިއެވެ.
“އަލްޓްރާސޮނިކް ކަވަރ” ގެ ނަން ދެވިފައިވާ މި ކަވަރު ހާއްސަކޮށްފައި ވަނީ ސެމްސަންގް ގެ ގެލެކްސީ ކޯ އެޑްވާންސް ސީރީޒް ގެ ސްމާޓްފޯން ތަކަށެވެ. ކަވަރު ފޯނުގައި އަޅުވާލުމުން ފޯނުގެ ވަށައިން 2 މީޓަރު (3.3 ފޫޓު) ދުރުގައިވާ ތަކެތީގެ ދުރުމިން ވައިބްރޭޝަން ތަކެއްގެ ޒަރިއްޔާއިން ފޯނު ހިފަހައްޓައިގެން ހުންނަ މީހާއަށް އަންގައިދެއެވެ.
ވައިބްރޭޝަންތައް ފޯނަށް އަންނަނީ ކަވަރުގެ މަތީގައި ހަރުކޮށްފައިވާ ޑިވައިސްއެއް ބޭނުންކޮށްގެންނެވެ. މި ޑިވައިސް އިން ފޮނުވާ އަލްޓްރާސޮނިކް އަޑުތަކެއް ގޮސް އެ މީހާގެ ވަށައިގެން ވާ ތަންތާންގައި ޖެހިފައި ފޯނަށް އަނބުރާ އައުމުން ނެވެ. ފޯނު ބޭނުން ކުރާ މީހާ ބޭނުން ނަމަ ވައިބްރޭޝަން ތަކުގެ ބަދަލުގައި ފޯނުގެ ސްޕީކަރުން މައުލޫމާތުގެ އަޑު އިވޭ ގޮތަށްވެސް ސެޓިން ބަދަލުކުރެވިދާނެއެވެ.
އަލްޓްރާސޮނިކް ކަވަރާ އެކު ސެމްސަންގް އިން ވަނީ މިދިޔަ ބުދަ ދުވަހު “އޮޕްޓިކަލް ސްކޭން ސްޓޭންޑް” އަކާ “ވޮއިސް ލޭބަލްސް” ކިޔުނު ސްޓިކާ ތަކެއް ވެސް ތައާރަފް ކޮށްފައެވެ.
އޮޕްޓިކަލް ސްކޭން ސްޓޭންޑް އަކީ އޭގެ މަތީގައި ފޯނު ބާއްވާލާ، އަޑީގައިވާ ޓްރޭއެއް ގައި ގަނޑު އަތުރާ ލެވޭގޮތަށް ހުންނަ ސްޓޭންޑް އެކެވެ. މި ސްޓޭންޑް ގައި ފޯނު ބޭއްވުމުން ގަނޑުތަކުގައި ލިޔެފައިވާ އެއްޗެއް ފޯނުން ކިޔައިދެއެވެ. މިއީ ލޯބޯ ކޮށި، ނުވަތަ އެނޫންވެސް ސަބަބަކާ ހުރެ ކިޔަން އުނދަގޫ މީހުންނަށް ބޭނުންކުރެވިދާނެ ސްޓޭންޑް އެއް ކަމަށް ސެމްސަންގް އިން ބުނެއެވެ.
ވޮއިސް ލޭބަލްސް އަކީ ތަންތާންގައި ތަތްކޮށްލެވޭ ގޮތަށް ހުންނަ ސްޓިކާ ތަކެކެވެ. ގޭގައި ބޭނުންކުރާ ތަފާތު ތަކެތި، ހާއްސަކޮށް އިލްކްޓްރޯނިކް ސާމާނު ބޭނުން ކުރާނެ ގޮތް މި ސްޓިކާތަކަށް ފީޑު ކޮށްދެވެއެވެ. އަދި އެ މައުލޫމާތު އެކުލެވޭ އެއްޗެއް ކައިރީގައި ހިއްޕުމަށްފަހު ފޯނު ކައިރި ކޮށްލުމުންފީޑް ކޮށްފައިވާ މައުލޫމާތު ފޯނުން ކިޔައިދެއެވެ.
މިސާލަކަށް މައިކްރޮވޭވް އަވަން އެއްގެ ޓައިމަރު ޖައްސާނެ ގޮތް، ނުވަތަ ރޭޑިއޯ އެއް ޓިއުން ކުރާނެ ގޮތުގެ ތަފްސީލު މި ސްޓިކާ ތަކަށް ފީޑުކޮށްދީ، ބޭނުންވާ ވަގުތެއްގައި ފޯނު ސްޓިކާ އާ ކައިރިކޮށްލުމުން އޭގައިވާ މައުލޫމާތު ފޯނު މެދުވެރިކޮށް ކިޔާދެއެވެ.
ކުރިއަށް އޮތް ތާންގައި އެހެން ސީރީޒްގެ ފޯނުތަކަށްވެސް އަލްޓްރާސޮނިކް ކަވަރާ، އޮޕްޓިކަލް ސްކޭން ސްޓޭންޑް އަދި ވޮއިސް ލޭބަލްސް ނެރޭނެކަމަށް ސެމްސަންގް އިން ވަނީ ބުނެފައެވެ.