17 Mar 2014, 13:30
ހިއުމަންރައިޓްސް ކޮމިޝަނުން ނެރުނު ރިޕޯޓެއްގައި ހުރި ހަގީގަތާ ޚިލާފު ވާހަކަތަކާ ގުޅޭ ގޮތުން ޖަވާބުދާރީވާން ޖުވެނައިލް ކޯޓުން އެ ކޮމިޝަންގެ މެމްބަރުންނަށް އިތުރު ފުރުސަތެއް ދީފި އެވެ.
ޖުވެނައިލް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ މިއަދު ހެނދުނު 9:30 އަށް ކޮމިޝަންގެ މެމްބަރުން އެ ކޯޓަށް ހާޒިރުވީ ޝަރީއަތުގެ އަޑުއެހުމަކަށް ތައްޔާރުވެގެން ގާނޫނީ ވަކީލަކާ އެކު ކަމަށެވެ.
އޮފިޝަލް ވިދާޅުވީ ކޮމިޝަންގެ މެމްބަރުންނަށް އޮޅިވަޑައިގަތީ ކަމަށާއި އެބޭފުޅުންގެ މައްޗަށް ޝަރީއަތް ހިންގުމަށް ކޯޓުން ނޫޅޭ ކަމަށެވެ. އަދި ވިދާޅުވީ އެ ބޭފުޅުން ހާޒިރުކުރީ ކޮމިޝަނުން ނެރުނު ރިޕޯޓުގައި ހުރި ހަގީގަތާ ޚިލާފު ވާހަކަތަކާ ގުޅޭ ގޮތުން ސުވާލުކޮށް، ކަންހިގާފައިވާ ގޮތް އޮޅުންފިލުވުމަށް ކަމަށެވެ.
ހިއުމަންރައިޓްސް ކޮމިޝަންގެ މެމްބަރުނާ ކޯޓުން ސުވާލުކުރަން އުޅުމުން ލިޔުމުން ޖަވާބު ހުށަހެޅުމުގެ ފުރުސަތަކަށް އެ ބޭފުޅުން އެދިވަޑައިގެންނެވި ކަމަށާއި ނަމަވެސް އެ ފުރުސަތު ދެވެން ނެތް ކަމަށާއި ޖަވާބުދާރީވާން ޖެހޭނީ އަނގަބަހުން ކަމަށް ކޯޓުން އެބޭފުޅުންނަށް އެންގި ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އަދި އެގޮތަށް އެންގުމުން ހިއުމަންރައިޓްސް ކޮމިޝަންގެ ގާނޫނުގެ 27 ވަނަ މާއްދާގެ (ހ) އާއި (ށ) ގެ ދަށުން ޖަވާބުދާރީވާން އުޒުރުވެރިވާ ކަމަށް އެބޭފުޅުން ދެންނެވި ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ އެބޭފުޅުން ޖަވާބުދާރީވާން އުޒުރުވެރިވުމުން ހިއުމަންރައިޓްސް ކޮމިޝަންގެ ގާނޫނުގެ 27 ވަނަ މާއްދާގެ (ށ) އާއި ގާނޫނު އަސާސީގެ 141 ވަނަ މާއްދާގެ (ރ)ގެ ދަށުން ކޯޓުން ކުރާ ސުވާލުތަކަށް، ކޯޓުން އަންގާ ގޮތެއްމެމަތިން ޖަވާބުދާރީވާން ޖެހެނޭ ކަމަށް އެންގުމުން ކޯޓަށް އެއްބާރުކުންދޭން އެބޭފުޅުން އެއްބަސްވި ކަމަށެވެ. އެގޮތުން ޖަވާބުދާރީވުމަށް 10 ދުވަހުގެ ފުރުސަތެއް ބޭނުންވާކަމަށް އެބޭފުޅުން ދެންނެވި ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.
އެ ރިޕޯޓަކީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަސް ވަނަ ދުވަހު އެ ކޮމިޝަނުން ޖުވެނައިލް ކޯޓަށް ފޮނުވާފައި ވަނީ ށ. ފޭދޫ 15 އަހަރުގެ ކުއްޖަކަށް ލިބިފައިވާ ޖިންސީ އަނިޔާގެ މައްސަލައާ ގުޅިގެން ދައުލަތުގެ މުއައްސަސާތަކުން މަސައްކަތްކޮށްފައިވާ ގޮތުގެ މައްޗަށް ބަލައި އެ ކޮމިޝަނުން އެކުލަވާލާފައިވާ ރިޕޯޓެކެވެ.