ސާނަވީ އައު އަހަރަށް މާލޭގެ ސްކޫލުތަކަށް ގެންނަ ބަދަލުތަކަށް 4.3 މިލިއަން ރުފިޔާ ހަރަދުވި ނަމަވެސް އެއްވެސް ސްކޫލެއްގައި ޖާގަ އިތުރުވުމުގެ ފުރުސަތު ނެތް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެ އެވެ.


އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ހަވީރު ބޭއްވި ނިއުސް ކޮންފަރެންސްއެއްގައި ސަން އޮންލައިނުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އެޑިއުކޭޝަން މިނިސްޓަރު ޝިފާ ވިދާޅުވީ މާލޭގެ ބޮޑެތި ހުރިހާ ސްކޫލެއްގައި ގްރޭޑް އަކަކުން 10 ކަށް ކިޔައިވައިދިނުމަށް ވާން ޖެހޭ ތައްޔާރީތަކާއި އެއްދަންފަޅިއަކަށް ކިޔަވައިދިނުމަށް ވާން ޖެހޭ ތައްޔާރީތަކުގައި ސްކޫލުތައް ތައްޔާރުކުރުމަށް ގެންނަން ޖެހޭ ބަދަލުތަކަށް 4.3 މިލިއަނަށް ވުރެ ގިނަ އަދެއްގެ ފައިސާ ހަރަދުވި ނަމަވެސް އެއްވެސް ސްކޫލެއްގައި ޖާގަ އިތުރުވުމުގެ ފުރުސަތެއް ނެތް ކަމަށެވެ.


"މިސާލަކަށް އަމީނިއްޔާ ސްކޫލަށް ބަލާއިރު ޖާގައެއް އިތުރެއް ނުވާނެ. ގްރޭޑް ދިހައެއް ނިންމި ކުދިން ނުކުތީމާ އެކެއްގެ ކުދިން މިލީ. އެހެންވީމާ ޖާގަ މާބޮޑުތަނެއް އިތުރުވެގެނެއް ނުދާނެ." ޝިފާ ވިދާޅުވި އެވެ.


ޝިފާ ވިދާޅުވީ މީހާރު އެންމެ މުހިންމު ކަމެއްގެ ގޮތުގައި ކުރިއަށް ދަނީ ގްރޭޑް އެކަކުން ގްރޭޑް 10 ކަށް ކިޔަވައިދޭ ގޮތަށް މާލޭގެ ބޮޑެތި ސްކޫލުތައް ބަދަލުކުރުމުގެ މަސައްކަތް ކަމަށާއި އެ މަސައްކަތްތަކުގެ 90 ޕަސަންޓު މަސައްކަތް މިހާރު ނިމިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ސާނަވީ އައު އަހަރު ފެށެމުގެ ކުރިން ހުރިހާ ސްކޫލެއް މަރާމާތުކޮށް ނިމޭނެ ކަމުގެ ޔަގީން ކަން އެޑިއުކޭޝަން މިނިސްޓަރު ދެއްވި އެވެ.


"އަޅުގަނޑުމެން މިބަލަނީ ދިރާސީ އައު އަހަރުފެށެން ކުރިއަށް އޮތް 18 ވަރަކަށް ދުވަހުގެ ތެރޭގައި މި ހުރިހާ މަސައްކަތެއް ކޮށްނިންމާލެވޭ ނެކަމަށް."


އަންނަ އަހަރުގެ ސްކޫލުތަކަށް ޓީޗަރުންގެ ދަތިކަން ދިމާނުވާނެ ކަމަށާއި މިހިނގާ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހަށް ރާއްޖެ އަށް ގެންނަން ޖެހޭ ހުރިހާ ޓީޗަރުން ވެސް ހަމަވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވި އެވެ. އަދި މިއަންނަ އަހަރަށް އިތުރަށް ގެންނަން ޖެހޭނީ ސަތޭކައެއްހާ ޓީޗަރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.