17 Mar 2014, 13:22
ކުއާލާ ލަމްޕޫރުން ފުރައިގެން ބެއިޖިންގަށް ދަތުރު ކުރުމުގެ މަގުމަތީގައި، ވީނުވީއެއް ނޭނގި ގެއްލިފައި ވާ މެލޭޝިއާ އެއަރލައިންސްގެ ބޯޓު ހޯދުމަށް ޓަކައި ދެކުނު ސަރަހައްދުގައި ކުރާ މަސައްކަތުގައި އިސް ދައުރެއް އަދާ ކުރާނީ އޮސްޓްރޭލިއާ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ވިދާޅުވެއްޖެއެވެ.
މިއަދު އޮސްޓްރޭލިއާގެ ބަރުލަމާނުގައި ވާހަކަ ދައްކަވަމުން ބޮޑުވަޒީރު ޓޯނީ އެބޮޓް ވިދާޅުވީ، "ދެކުނު ސަރަހައްދުގައި އެމްއެޗް 370 ހޯދުމަށް ކުރެވޭ މަސައްކަތުގައި އިސް ދައުރު އަދާ ކޮށްދިނުމަށް މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބް ރައްޒާޤް އެދިވަޑައިގެންނެވި" ކަމަށެވެ. "އެކަން ކޮށްދޭން އަޅުގަނޑު ވާނީ އެއްބަސް ވެފައި. އަޅުގަނޑުމެން މި މަސައްކަތުގައި މެރިޓައިމް ސަރވެއިލެންސްގެ އިތުރު ވަސީލަތްތައް ވެސް ނެރޭނަން. އަޅުގަނޑުމެންގެ ނިންމުމާ މެދު ބޮޑުވަޒީރު ރައްޒާޤް ވަރަށް ބޮޑަށް ޝުކުރުވެރިކަން ފާޅު ކުރެއްވި." އެބޮޓް ވިދާޅުވިއެވެ.
މެލޭޝިއާގެ ކަނޑުގެ ސިފައިންނާއި ވައިގެ ސިފައިން ވެސް ވަނީ އިންޑިއާ ކަނޑުގެ ދެކުނު ސަރަހައްދު ބެލުމުގެ މަސައްކަތަށް މިއަދު އިތުރު މީހުންނާއި ވަސީލަތްތައް ނެރެފައެވެ.
މެލޭޝިއާގެ އޮފިޝަލުން އެންމެ ފަހުން ވިދާޅުވެފައި ވަނީ އެމްއެޗް 370 ފްލައިޓުގެ މިސްރާބު ގަސްތުގައި ބަދަލު ކޮށްލެވުނީ ކަމަށާއި، އެއަށްފަހު އެއިރު އޮތް ހިސާބުން ދެކުނަށް ނުވަތަ އުތުރަށް ބޯޓު ދަތުރު ކޮށްފައި ވުން އެކަށީގެންވާ ކަމަށެވެ.
މެލޭޝިއާއިން ވަނީ އެމްއެޗް 370 ހޯދުމުގެ މަސައްކަތުގައި ބައިވެރިވެ، ރާޑަރާއި ސެޓަލައިޓް މައުލޫމާތު ބަލައި ދިރާސާ ކުރުމުގައި 25 ގިނަ ގައުމެއްގެ އެހީތެރިކަމަށް އެދި ޑިޕްލޮމެޓިކް ނޯޓު ފޮނުވައިފައެވެ.
މަތިންދާބޯޓުން އެންމެ ފަހުން ކުރި މުއާސަލާތު ވެސް މިހާރު ވަނީ ތަހުގީގުގެ ދާއިރާގެ ތެރެއަށް ލެވިފައެވެ.
މެލޭޝިއާގެ އޮފިޝަލުން އާދީއްތަ ދުވަހު ވިދާޅުވި ގޮތުގައި، ބޯޓުގެ ކޮކްޕިޓުން އެންމެ ފަހުން ކުރި މުއާސަލާތުގައި ބުނެފައި ވާ "އެންމެ ރަނގަޅު، ރަނގަޅު ރޭގަނޑަކަށް އެދެން" މި އިބާރާތް ބުނެފައި ވަނީ ބޯޓުގެ "އެއަރކްރާފްޓް ކޮމިއުނިކޭޝަންސް އެޑްރެސިންގ އެންޑް ރިޕޯރޓިންގ ސިސްޓަމް" (އޭކާރސް) ގަސްތުގައި ނިއްވައިލެވުނު ފަހުންނެވެ. އޭކާރސް އަކީ ވައިގެ ތެރޭގައި ދަތުރުމަތީގައި އޮންނަ ބޯޓާ ބެހޭ ގޮތުން މުހިއްމު މައުލޫމާތުތަކެއް ބިމަށް ފޮނުވައިދޭ ނިޒާމެކެވެ.
މެލޭޝިއާގެ ފުލުހުން ވަނީ މިދިޔަ ހޮނިހިރު ދުވަހު، ބޯޓުގެ ޕައިލެޓް ކެޕްޓަން ޒަހާރީ ޝާހާއި، ކޯ ޕައިލެޓް ފާރިޤް ޢަބްދުލް ޙަމީދުގެ ގެ ވެސް ހޯދައި ފާސް ކޮށްފައެވެ. ފުލުހުން މިހާރު ގެންދަނީ، ކެޕްޓަން ޒަހާރީގެ ގޭގައި ހުރި ފްލައިޓް ސިމިއުލޭޓަރެއް އެމީހުންގެ މަރުކަޒަށް ގެންގޮސް އަލުން ރާވައިގެން، އެ ސިމިއުލޭޓަރު އިމްތިހާނު ކޮށް ބެލުމުގެ މަސައްކަތް ކުރަމުންނެވެ.
ބޯޓުގެ ދެ ޕައިލެޓުންގެ އެކުވެރީން، އެ ދެ މީހުންގެ ފަރާތުން އެއްވެސް ގޯހެއް ހިނގައިފައި ނުވާނެ ކަމަށް ތަކުރާރުކޮށް ބުނެއެވެ.
ހާދިސާ ތަހުގީގު ކުރާ އޮފިޝަލުން ގެންދަނީ ބޯޓުން ދަތުރު ކުރި ދަތުރުވެރީންނާއި، ބޯޓު ފުރުވައިލުމުގެ ތެރޭގައި މަސައްކަތް ކުރި އިންޖިނިއަރުންނާއި އެހެން ގްރައުންޑް ސްޓާފުންނާ ބެހޭ ގޮތުން ވެސް ބަލާން ޖެހޭ ކަންތައްތައް ބަލައި، ގްރައުންޑް ސްޓާފުންނާ ސުވާލު ކުރަމުންނެވެ.
239 މީހުންނާ އެކު، އެމްއެޗް 370 ކުއާލާ ލަމްޕޫރުން ބެއިޖިންގަށް ދާން ފުރީ 8 މާރިޗުގައި، ކުއާލާ ލަމްޕޫރު ގަޑިން ދަންވަރު 12:40 ގައެވެ. އެއީ ޖީއެމްޓީ ގަޑީން ހަވީރު 04:40 އެވެ. ކުއާލާ ލަމްޕޫރުގެ އެއަރ ޓްރެފިކް ކޮންޓްރޯލަށް ބޯޓު ގެއްލުނީ، ދެކުނު ޗައިނާ ކަނޑުގެ މަތީގައި ބޯޓު އޮއްވައި، މެލޭޝިއާ ގަޑީން ދަންވަރު 01:20 ގައެވެ.
ހޮނިހިރު ދުވަހު މެލޭޝިއާގެ އޮފިޝަލުން ވިދާޅުވީ، ބޯޓު ގެއްލުނު ވަގުތަށް ފަހު، ބޯޓުގެ މިސްރާބު ބަދަލު ކޮށް، މެލޭޝިއާގެ ސަރަހައްދުގެ މަތީން އުދުހުމަށް ފަހު، ހުޅަނގު އުތުރަށް ދަތުރު ކުރި ކަމަށް އަސްކަރީ ރާޑަރުތަކުން ލިބުނު މައުލޫމާތު ބުނާ ކަމަށެވެ.
މެލޭޝިއާ ގަޑީން އަނެއް ދުވަހުގެ ހެނދުނު 08:11 އާ ހަމަޔަށް، ސެޓެލައިޓަށް ބޯޓުން ސިގްނަލް ނެގުނު ނަމަވެސް، ބޯޓު އޮތް ތަނެއް އެ ސިގްނަލްތަކުގެ އެހީގައި އެނގޭ ގޮތެއް ނުވިއެވެ.
އޮފިޝަލުން މިހާރު ގެންދަނީ ބޯޓު ދަތުރު ކުރި ކަމަށް ލަފާ ކުރެވޭ ދެ ކޮރިޑޯއެއް ހޯދައި ބެލުމުގެ ޕްލޭންތައް އެކަށައަޅައިފައެވެ. އެއް ކޮރިޑޯއަކީ އުތުރުން، ކަޒަކިސްތާނާއި ތުރްކުމާނިސްތާނުން ފެށިގެން އުތުރު ތައިލޭންޑާ ހަމަޔަށް އޮންނަ ސަރަހައްދެވެ. އަނެއް ކޮރިޑޯއަކީ ދެކުނުން، އިންޑިއާ ކަނޑުގެ ދެކުނު ސަރަހައްދުތަކުން ފެށިގެން އިންޑޮނީޝިއާއާ ހަމަޔަށް އޮންނަ ސަރަހައްދެވެ.
ކަޒަކިސްތާނުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނެފައި ވަނީ، ނޭނގި އެ ގައުމުގެ ވައިގެ ސަރަހައްދުގެ ތެރެއަށް ބޯޓު ވަދެފައި ވުމަކީ މުސްތަހީލު ކަމެއް ކަމަށެވެ.
ޕާކިސްތާނުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ފަރާތުން ވެސް ބުނެފައި ވަނީ ރާޑަރުތަކުން ރެކޯޑު ކުރެވިފައި ވާ ހުރިހާ އެއްޗެއް ބަލައި ދިރާސާ ކުރެވިއްޖެ ކަމަށާއި، އެމްއެޗް 370 އާ ބެހޭ "ހިލަމެއް ނުވި" ކަމަށެވެ.
2009 ވަނަ އަހަރު، ބްރެޒިލްގެ ރިއޯ ޑި ޖެނެއިރޯއިން ފަރަންސޭސި ވިލާތުގެ ޕެރިހަށް ދަތުރު ކުރަނިކޮށް އެޓްލާންޓިކް ކަނޑަށް ވެއްޓުނު އެއަރ ފްރާންސް ފްލައިޓް ނަންބަރު 447 ހޯދުމުގައި މަސައްކަތް ކުރި އޮފިޝަލުންގެ ޓީމެއް ވެސް މިހާރު ވަނީ އެހީތެރިކަން ފޯރު ކޮށްދިނުމަށް ޓަކައި މެލޭޝިއާއަށް ގޮސްފައެވެ.