17 Mar 2014, 13:19
އޭއެފްސީ ކަޕްގައި އިންޑޮނޭޝިއާގެ ޕެރްސިޕޫރާ ޖަޔަޕޫރާއާ ދެކޮޅަށް ކުޅޭ މެޗުގައި ވަރުބަލިކަން އިހްސާސް ކުރެވުނު ނަމަވެސް ބޭނުންވަނީ ރަނގަޅު ނަތީޖާއެއް ކަމުގައި ނިއު ރޭޑިއަންޓްގެ އެސިސްޓަންޓް ކޯޗު އިސްމާއިލް އަނިލް ބުނެފި އެވެ.
އިންޑޮނޭޝިއާގައި ކުޅޭ އޭއެފްސީ ކަޕަށް ދަތުރު ފެށި ނިއު އިން 26 ގަޑިއިރަށް ފަހު، މިހާރު ހުރީ އިންޑޮނޭޝުއާގަ އެވެ. ގްރޫޕް އީގެ އެއް ވަނައިގައި އޮތް ޕެރްސިޕޫރާއިން އޭއެފްސީ ކަޕްގައި ކުޅުނު އެއްވެސް މެޗަކުން ބަލިވެފައި ނުވާ އިރު، ތިން ވަނައިގައި އޮތް ނިއު ކުޅުނު ދެ މެޗުގެ ތެރެއިން ބަލިވީ އިންޑިއާގެ ޗާޗިލް ބްރަދާސް އަތުންނެވެ.
"ޕެރްސިޕޫރާ އަކީ ވަރުގަދަ ޓީމެއްކަން. އެހެންކަމުން އަޅުގަނޑުމެން މިދަނީ އެމެޗަށް ރަނގަޅަށް ތައްޔާރުވަމުން. އަޅުގަނޑުމެން އެންމެ ކަންބޮޑުވާ އެއް ކަމަކީ ދިގު ދަތުރެއް ކޮށްފައި މިހާ ހިސާބަށް އައުން. ޓީމުގެ ކުޅުންތެރިންނަށް ވަރުބަލިކަން އިހްސާސް ކުރެވުނަސް، އަޅުގަނޑުމެން ބަލާނީ ރަނގަޅު ނަތީޖާ އެއް ހޯދޭތޯ. ޕެރްސިޕޫރާގެ ކެޕްޓަންއަށް ނުކުޅެވުމުން އެކަމުގެ ފައިދާ ނެގޭތޯ މަސައްކަތް ކުރާނަން." އިންޑޮނޭޝިއާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަނިލް ބުންޏެވެ.
އޭއެފްސީ ކަޕްގައި މިދިޔަ އަހަރު ނިއު އަށް ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އިންޑޮނޭޝިއާގެ ޕެރްސިބޯ ބޮޖޮނެގޮރޯ އަތުން 7-0 ލަނޑުން ކުޅުނު މެޗެވެ. ނިއުގެ ކެޕްޓަން އަދި ގޯލްކީޕަރު އިމްރާން މުހައްމަދު ބުނީ، ނިއުގެ އަޒުމަކީ ބޮޑު ތަފާތަކުން މޮޅުވުން ނޫން ކަމަށެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ 7-0 ލަނޑުން ނުވަތަ 10-0 ލަނޑުން މޮޅުވުމެއް ނޫން. އެކަހަލަ ނަތީޖާއެއް ނެރެވޭނީ ހުރިހާ ކަމެއް ރަނގަޅަށް ދިއުމުން. އަޅުގަނޑުމެން ހަމައެކަނި ބޭނުންވަނީ މެޗުން މޮޅުވާން." އިމްރާން ބުންޏެވެ.
އޭއެފްސީ ކަޕްގެ ގްރޫޕް އީގައި ޕެރްސިޕޫރާއާ ދެކޮޅަށް ނިއު ނުކުންނާނީ މާދަމާ ރާއްޖޭ ގަޑިން މެންދުރު 12:00 ގަ އެވެ.