17 Mar 2014, 12:55
ވާކްވިސާ، ބިދޭސީންގެ އެމްޕްލޯޔަރުންގެ އަތުގައި ހިފަހައްޓާފައި އޮންނަ ނަމަ އެ ކާޑު ބިދޭސީންނަށް ހަވާލުކުރުމަށް، ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުން އަންގައިފި އެވެ.
އެ ޑިޕާޓްމަންޓުން މިދިޔަ ހަފްތާގައި ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން މަދުކުރުމުގެ ގޮތުން އެ ޑިޕާޓްމަންޓާއި ލޭބަރިލޭޝަންސް އޮތޯރިޓީ ގުޅިގެން ހިންގާ ހަރަކާތްތަކުގައި އެ ޑިޕާޓްމަންޓުން ދޫކުރަމުންގެންދާ ވާކް ވިސާކާޑު ގިނަ ޢަދަދެއްގެ ބިދޭސީންގެ އަތުގައި ނޯންނަކަން ފާހަގަ ކުރެވޭ ކަމަށެވެ.
އަދި ބިދޭސީ މީހާގެ އަތުގައި އޮންނަން ޖެހޭ ވާކްވިސާ ކާޑް ބިދޭސީންގެ އެމްޕްލޯޔަރުންގެ އަތުގައި ހިފެހައްޓާފައިވާ ނަމަ، އެ ކާޑު ބިދޭސީންނަށް ހަވާލުކުރުމަށް އެޑިޕާޓްމަންޓުން ވަނީ އަންގާފަ އެވެ.
ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ބޮޑުވެފައިވާ އިރު، އެކަމަށް ހައްލެއް ގެނައުމަށް އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތުގެ ދަށުން 3،000 އަށް ވުރެ ގިނަ ބިދޭސީން މިހާރު ވެސް ވަނީ އެމީހުންގެ ގައުމުތަކަށް ފޮނުވާލާފަ އެވެ.