ސްޕެނިޝް ލަލީގާގައި ރޭ އޮސަސޫނާ އަތުން 7-0 ލަނޑުން ބާސެލޯނާ މޮޅުވި މެޗުގައި އާޖެންޓީނާ ފޯވަޑް ލިއޮނެލް މެސީ ކާމިޔާބުކުރި ހެޓްރިކާ އެކު، އެކުލަބުގެ އެންމެ ގިނަ ލަނޑު ކާމިޔާބުކުރި ކުޅުންތެރިޔާގެ ރެކޯޑް މެސީ މުގުރާލައިފި އެވެ.

މީގެ ދެ އަހަރު ކުރިން ރަސްމީ މެޗުތަކުގައި ބާސާ އަށް އެންމެ ގިނަ ގޯލް ކާމިޔާބުކުރި ރެކޯޑް މެސީ ހެދި އިރު، ރޭ ހަމަކުރި 371 ގޯލާއެކު އެކުވެރިކަމުގެ މެޗުތަކާ އެކު މެސީ ވަނީ ރެކޯޑު މުގުރާލައިފަ އެވެ. ރޭގެ މެޗުގެ ކުރިން ބާސާ އަށް އެންމެ ގިނަ ލަނޑު ކާމިޔާބުކުރި ކުޅުންތެރިއެއްގެ ގޮތުގައި ހުރީ ޕައުލީނިއޯ އަލްކެންޓްރާ އެވެ.

ބާސާގެ ތާރީހުގައި ކުރިން އެންމެ ގިނަ ގޯލް ކާމިޔާބުކުރި ރެކޯޑް އޮންނަ ފިލިޕީންސް އަލްކެންޓްރާ ވަނީ 1912 އިން 1927 އަށް އެކްލަބަށް ކުޅުނު 357 މެޗުން 369 ގޯލް ކާމިޔާބުކޮށްފަ އެވެ. ނަމަވެސް ރޭގެ ހެޓްރިކާއެކު މެސީ ވަނީ އަލްކެޓްރާގެ ނަން ލިސްޓުގެ އެންމެ ކުރިން ފުހެލައިފަ އެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގައި އެންމެ ގިނަ ލަނޑު ކާމިޔާބު ކުރި ކުޅުންތެރިޔާގެ ރެކޯޑާއި ވެސް މެސީ ވަނީ ކައިރިކޮށްފަ އެވެ. ޗެމްޕިއަންސް ލީގުގެ ތާރީހުގައި މެސީ 67 ލަނޑު ކާމިޔަބު ކޮށްފައިވާ އިރު، މިހާރު އެ ރެކޯޑް އޮތް ރެއާލް މެޑްރިޑްގެ ކުރީގެ ތަރި ރައުލް ގޮންޒާލޭޒް ކާމިޔާބުކޮށްފައި ވަނީ 71 ލަނޑެވެ.

އުމުރުން 26 އަހަރުގެ މެސީ ވަނީ މިހާތަނަށް މިސީޒަނުގެ ލަލީގާގައި ކުޅުނު 21 މެޗުން 18 ގޯލް ކާމިޔާބު ކޮށްފަ އެވެ.