އައްޑޫގައި ރޭ ހިނގި އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބުނު ސިފައިންގެ މީހާ އިތުރު ފަރުވާއަށް ސްރީލަންކާއަށް ފުރުވާލައިފި އެވެ.

ހިތަދޫ ބޮޑުމަގުން ދުއްވާފައިދިޔަ ދެ ސައިކަލު ޖެހި ރޭ 7:30 ހާއިރު ހިނގި އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބިގެން އިތުރު ފަރުވާ އަށް ލަންކާއަށް ފޮނުވާލާފައިވަނީ އެމްއެންޑީއެފް ސަދަން އޭރިއާގެ އިސް އޮފިސަރެއް ކަމަށްވާ ހިތަދޫ، ސަނީ ޑޮރޮޕް، ރިއްފަތުﷲ އެވެ.

ސަން އަށް މައުލޫމާތު ދިން މީހަކު ބުނީ ރޭ މެންދަމު 3:20 ހާއިރު ރިއްފަތު މާލެ ގެނެސް އައިޖީއެމްއެޗު ހޮސްޕިޓަލުން އޭނާ ބެލުމަށްފަހު ސިކުނޑީގެ ތަންކޮޅެއްގައި ލޭގަނޑުވެފައި ހުރި ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ. އަދި މިއަދު ހެނދުނު ރިއްފަތު ސްރީލަންކާ އަށް ފުރުވާލިއިރު ވެސް ހޭނާރާ ކަމަށް ސަން އަށް މައުލޫމާތު ދިން މީހާ ބުންޏެވެ.

ދެ ސައިކަލު ޖެހި އެކްސިޑެންޓް ހިނގިއިރު، ކޮންމެ ސައިކަލެއްގައި ވެސް ދެ މީހުން ތިއްބެވެ. ނަމަވެސް ރިއްފަތު ފިޔަވައި އިތުރު މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައެއްނުވެ އެވެ.