މެލޭޝިއާ އެއާލައިންގެ އެމްއެޗް 370 ނަމްބަރު ފްލައިޓް ގެއްލިފައި ވަނީ އެބޯޓްގައި ހުރި މީހަކު ގަސްދުގައި ކުރިކަމަކުން ކަމަށް މިހާރު ވަނީ ކަނޑައަޅާފަ އެވެ. މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު އިއްޔެ ވިދާޅުވެފައި ވަނީ އެކަމުގެ ހެކި އެބަހުރި ކަމަށެވެ.

ބޯޓް ގެއްލުނު ހާދިސާގެ ތަހުގީގު ޕައިލޮޓުންނަށް ބޮޑަށް އަމާޒުވީ ބޯޓުން ބިމަށް ސިގްނަލް ފޮނުވައިދޭ މުހިއްމު ސިސްޓަމެއް ނިއްވާލާފައި ވަނީ ގްރައުންޑް ކޮންޓްރޯލާ ކޮކްޕިޓުން އެންމެ ފަހުން ދެއްކި ވާހަކައިގެ ކުރިންކަން އެނގުމުންނެވެ. މެލޭޝިއާ އޮފިޝަލުން އިއްޔެ އެކަން ކަށަވަރުކޮށްދީފައިވާ ކަމަށް ގަލްފު ނިއުސް ބުންޏެވެ.

އެމެރިކާގެ ޖާސޫސީ އިދާރާ ސީއައިއޭގެ އިން ވެސް ބޮޑަށް ފޯކަސް ކުރަނީ ބޯޓްގެ ކެޕްޓަން ޒަހަރީ އަހުމަދު ޝާހުއާއި އޭނާގެ ފަސްޓް އޮފިސަރު ފާރިގު އަބުދުލް ހަމީދަށް ކަމަށް އެ އެޖެންސީން ވަނީ ބުނެފަ އެވެ.

"... ހޯމްލޭންޑް ސެކިއުރިޓީ، ނެޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރު އަދި އިންޓެލިޖެންސް ކޮމިއުނިޓީން އަހަރެންނަށް ދީފައިވާ މައުލޫމާތުން އެނގެނީ ޕައިލޮޓާ މެދު ކޮންމެވެސް ކަންތައްތަކެއް ހިނގަމުންދާކަން،" އެމެރިކާގެ ކޮންގްރެސްގެ ހޯމްލޭންޑް ސެކިއުރީ ކޮމިޓީގެ ޗެއާމަން މައިކަލް މެކް ކޯލް ވިދާޅުވި ކަމަށް ނޫހުގައި ވެއެވެ.

މެލޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރު އިއްޔެ ވިދާޅުވެފައި ވަނީ ބޯޓްގެ ކޮކްޕިޓުން އެންމެ ފަހުން އައި އަޑު "އޯލް ރައިޓް، ގުޑް ނައިޓް" މި ދެޖުމްލަ އައިސް ފައި ވަނީ އެއާކްރާފްޓް ކޮމިއުނިކޭޝަންސް އެޑްރެސިން އެންޑް ރެސްޕޮންޑިންސް ސިސްޓަމް (އޭސީއޭއާރްއެސް) ނިއްވާލި ފަހުން ކަމަށެވެ. އޭނާ ވިދާޅުވެފައި ވަނީ އެސިސްޓަމް (ކޮންމެވެސް މީހަކު ) ނިއްވާލީ ގަސްދުގައި ކަމަށެވެ.

އަދި އޭގެ 14 މިނެޓް ފަހުން ޓްރާންސްޕޮންޑާ (ބޯޓް އޮތް ތަނާ ބެހޭ މައުލޫމާތު ފޮނުވައިދޭ ސިސްޓަމް) ނިއްވާލި ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ތަހުގީގުގެ އަމާޒަކަށް ޕައިލޮޓާއި ކޯޕައިލޮޓް ވެގެން އުޅެނީ މިފަދަ ސަބަބުތަކާ ހެދި އެވެ. މެލޭޝިއާ ފުލުހުން މިހާރު ވަނީ އެދެމީހުންގެ ގެ ބަލައި ފާސްކޮށްފަ އެވެ. ކެޕްޓަން ޒަހަރީގެ ގޭގައި އޭނާ ގާއިމްކޮށްފައިވާ ފްލައިޓް ސިމިއުލޭޓާއެއް ވެސް ފުލުހުން ވަނީ ގެންގޮސްފަ އެވެ. ނަމަވެސް އެދެމީހުންގެ ގެ ފާސްކުރުމާ ގުޅިގެން ގޮތެއް ނުނިންމުމަށް މެލޭޝިއާ ސަރުކާރުން ވަނީ ގޮވާލާފަ އެވެ.

މެލޭޝިއާ އެއާލައިންގެ ބޯޓު ގެއްލުނީ މިމަހުގެ އަށް ވަނަ ދުވަހު ކުއާލަލަމްޕޫރުން ޗައިނާގެ ބެއިޖިންއަށް ދަތުރުކުރަނިކޮށެވެ. ކްރޫއިންނާ އެކު އެބޯޓުން ޖުމްލަ 239 މީހުން ދަތުރުކުރި އެވެ.