17 Mar 2014, 11:30
ހައިޖެކްކުރި ކަމަށް ބެލެވޭ މެލޭޝިއަން އެއާލައިންސްގެ ފްލައިޓް އެމްއެޗް 370ގެ އެންމެ ފަހުގެ މެސެޖު "ހުރިހާ ކަމެއް ރަނގަޅު، ގުޑް ނައިޓް" ލިބުނީ މުވާސަލާތީ ސިސްޓަމް ނިއްވާލި ފަހުން ކަމުގައި މެލޭޝިއާ އޮތޯރިޓީތަކުން ބުނެފި އެވެ.
ބޮއިންގް 777 މަރުކާގެ ފްލައިޓް ރާޑަރުން ގެއްލުވާލުމުގައި ޕައިލެޓެއްގެ އަތެއްވާ ކަމުގައި އެތޯރިޓީތަކުން ބުނަމުންދާ އިރު، ތަހުގީގުކުރާ ފަރާތްތަކުން ވަނީ 239 ފަސިންޖަރުންނާ އެކު ދަތުރުކުރި ފްލައިޓްގެ ޕައިލެޓުންގެ ގެތައް ބަލައި ފާސްކޮށްފަ އެވެ.
ފްލައިޓް ނައްޓާލިތާ 40 މިނެޓް ފަހުން އެ ފްލައިޓްގެ މުވާސަލާތީ ގުޅުންތައް ކަމަށްވާ އެއާކްރާފްޓް ކޮމިއުނިކޭޝަންސް އެޑްރެސިންގް އެން ރިޕޯޓިންގް ސިސްޓަމް (އޭސީއޭއާރްއެސް) ނިއްވާލައިފައިވާ ކަމަށާއި އޭގެ 14 މިނެޓް ފަހުން ރާޑަރު ސިސްޓަމްތައް ވެސް ނިއްވާލައިފައިވާ ކަމަށް އޮތޯރިޓީތަކުން ހާމަކުރެ އެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން މެލޭޝިއާގެ ޑިފެންސް މިނިސްޓަރު ބުނީ، އެންމެ ފަހުން ފޮނުވި މެސެޖް ފްލައިޓުން ފޮނުވީ މުވާސަލާތީ ސިސްޓަމް ނިއްވާލި ފަހުން ކަމަށާއި ފްލައިޓުން ވާހަކަދެއްކި މީހާ ނުރައްކަލެއްގެ ތެރޭގައި އުޅޭ ކަމުގައި ނުބުނާ ކަމަށެވެ. ނަމަވެސް އޮތޯރިޓީތަކަށް ފްލައިޓުން އެންމެ ފަހުން ވާހަކަ ދެއްކީ މީހާގެ އަޑަކީ ކާކުގެ އަޑެއް ކަމެއް ނޭނގެ އެވެ.
މެލޭޝިއާ ފްލައިޓް ހޯދުމުގެ މަސައްކަތަށް އަލިކަމެއް ފެނިފައި ނުވާ އިރު، 11 ގައުމެއްގައި ފްލައިޓް ޖައްސައިފާނެ ކަމަށް ބެލެވޭ ކަމަށް އޮތޯރިޓީތަކުން ބުނެ އެވެ. ފްލައިޓް ހޯދުމުގެ ހާއްސަ އޮޕަރޭޝަންގައި މިހާރު 25 ގައުމަކުން ބައިވެރިވެ އެވެ.