އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން ބަލިވެ، ޔުނައިޓެޑަށް އިތުރު ޕްރެޝަރުތަކަކާއި ކުރިމަތިލާން ޖެހިއްޖެ އެވެ.

ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ޔުނައިޓެޑް ބަލިވީ 3-0 ލަނޑުންނެވެ. މެޗުގައި ލިވަޕޫލް އަށް ތިން ޕެނަލްޓީ ލިބުނު އިރު، ޔުނައިޓެޑްގެ ކެޕްޓަން ނަމެންޔާ ވިޑިޗް އަށް ދެ ރީނދޫ ކާޑު ހަމަވެގެން ރަތް ކާޑު ވެސް ދައްކާފައިވެ އެވެ. ވިޑިޗް އަށް ރަތް ކާޑު ދެއްކީ ޕެނަލްޓީ އޭރިއާ ތެރެއިން ލިވަޕޫލްގެ ޑެނިއެލް ސްޓަރިޖް އަށް ކުރި ފައުލަކާއި ގުޅިގެން މެޗުގެ 77 ވަނަ މިނެޓްގަ އެވެ.

މެޗުގެ 34 އަދި 46 ވަނަ މިނެޓްގައި ލިބުނު ދެ ޕެލަންޓީއިން ލިވަޕޫލްއަށް ފުރަތަމަ ދެ ލަނޑު ކާމިޔާބު ކޮށްދިނީ ކެޕްޓަން ސްޓީވަން ޖެރާޑް އެވެ. މެޗުގެ 78 ވަނަ މިނެޓްގައި ޖަރާޑަށް ހެޓްރިކް ހެދުމަށް ލިބުނު ޕެނަލްޓީ ނާކާމިޔާބު ވެފައިވެ އެވެ. ލިވަޕޫލްގެ ތިންވަނަ ލަނޑު މެޗުގެ 84 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ލުއިސް ސުއަރޭޒް އެވެ.

މެޗަށް ފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުން ޔުނައިޓެޑްގެ ކޯޗު ޑޭވިޑް މޮޔެސް ބުނީ، މި ނަތީޖާ އަކީ ހީނުކުރެވުނު ނަތީޖާއެއް ކަމަށާއި ކުޅުންތެރިން މެޗަށް ނުކުތީ ހިތްވަރާ އެކު މޮޅުވާން ކަަމަށެވެ.

"ހުރިހާ ކުޅުންތެރިން ވެސް މެޗަށް ނުކުތް އިރު، އެމީހުން ހުރީ ރަނގަޅަށް ފިޓްކޮށް. ނަމަވެސް އަހަރެމެންނަށް ލިވަޕޫލް ބަލިކުރެވޭނެ ފެންވަރު ނެތީ. މިއީ އަހަރެން ހީކުރި ނަތީޖާއެއް ނޫން." މޮޔެސް ބުންޏެވެ. "އަހަރެމެންނަށް މެޗު ފަށައިގެނެވުނީ ބޭނުންވި ގޮތަކަށް ނޫން. ފުރަތަމަ ޕެނަލްޓީއިން އަހަރެމެން ޓީމު މުޅިން ބަދަލުވެގެން ދިޔަ."

މި ނަތީޖާގެ ސަބަބުން ޔުނައިޓެޑުން ޔޫރޮޕާ ލީގަށް ކުރަމުން އައި އުންމީދަތަކަށް ވެސް ވަނީ ހުރަސްތަކެއް އައިސްފަ އެވެ. ޔުނައިޓެޑް އޮތީ ލިބުނު 48 ޕޮއިންޓާ އެކު ލީގުގެ ހަތް ވަނައިގަ އެވެ. މި މެޗުން މޮޅުވި ލިވަޕޫލް ވަނީ އެއް ވަނައިގައި އޮތް ޗެލްސީއާ ކައިރި ކޮށްލައިފަ އެވެ. އެއްވަނައިގައި އޮތް ޗެލްސީ އާ ދެވަނައިގައި އޮތް ލިވަޕޫލްއާ ދެމެދު އޮތީ ހަތަރު ޕޮއިންޓްގެ ތަފާތެކެވެ.