17 Mar 2014, 09:58
ހިފާފައިވާގުދްސު (މާޗް 17) : އިސްރާއީލުގެ އިސްތިޢުމާރީ ސިފައިން މާތްވެގެންވާ މަސްޖިދުލްއަޤްސާގެ ހުރުމަށް ކަނޑައި އެތާގައި އަޅުކަންކުރަންތިބި މީހުންނަށް އަނިޔާކޮށްފި އެވެ.
އިސްރާއީލުގެ އިސްތިޢްމާރުގެ ދަށުގައިވާ މުސްލިމުންގެ ފުރަތަމަ ގިބްލަ އަދި ތިން ވަނަ ހަރަމްފުޅު ކަމަށްވާ މާތްވެގެންވާ މަސްޖިދުލްއަޤްސާގެ ތެރެ އަށް އިސްރާއީލު ސިފައިން ހަތިޔާރާ އެކު ވަދެ އެމުގައްދަސް ބިނާގެ ހުރުމަށް ކަނޑާލުމުގެ ހަރުކަށި ޢަމަލުތަކެއް ހިންގައިފި އެވެ. މަސްޖިދުލްއަގްސާގައި އަޅުކަންކުރުމަށް ޓަކައި އިޢުތިކާފަށް ތިބި ފަލަސްތީނުގެ ބައެއް މީހުންނާ ޙަވާލާދީ އަލްޖަޒީރާ ޚަބަރުދޭ ގޮތުގައި އިސްރާއީލު ސިފައިން އިއްޔެ ވަނީ މަސްޖިދުލްއަގްސާގެ ބާބުއްސިލްސިލާ ދޮރުކޮޅުން މިސްކިތުގެ އެތެރެއަށް ވަދެ އެމިސްކިތުގައި ގުރުއާން ކިޔެވުމަށާއި ނަމާދުކުރުން ފަދަ އަޅުކަންތައް ކުރަންތިބި އެތަށްބަޔަކު ހިސާރުކުރުމަށް ފަހު ލަޓިބުރިން އެމީހުންގެ ގައިގައި ތަޅައި ކޮޅުފައިން ޖެހުން ފަދަ އަނިޔާވެރި އަމަލުތައް ހިންގާފަ އެވެ.
އިސްރާއީލު ސިފައިންގެ މިޙަމަލާތަކުގައި އެތަށް ބަޔަކަށް އަނިޔާވެފައިވާ އިރު މަސްޖިދުލްއަގްސާގައި އިޢުތިކާފަށް ތިބި އަޅުވެރިންގެ ތެރެއިން އަންހެނަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ޚަބަރުލިބެ އެވެ. އިސްރާއީލު ސިފައިން، މިޖަރީމާތައް ހިންގާފައިމި ވަނީ އިސްރާއީލުގެ ހަރުކަށި ވަޒީރެއް ކަމަށްވާ އޫރީ އެރިޔަލް މުސްލިމުންނަށް ޖެއްސުން ކުރުމަށް ޓަކައި މަސްޖިދުލްއަޤްސާގެ ބާބުލްމަޣާރިބާ ދޮރުކޮޅުން އެމިސްކިތުގެ ތެރެއަށް ވަނުމުން އިސްރާއީލުގެ އަނިޔާވެރިކަމާއި އިސްތިޢުމާރާ ދެކޮޅަށް ހަރަކާތްތެރިވަމުން ދިޔަ ފަލަސްތީނުގެ ޒުވާނުންތަކެއް އޭނާއާ ދެކޮޅަށް އަޑުއުފުލައި އޭނާގެ ކާރަށް އޮއްގާ އުކުމުން ކަމަށް ޚަބަރުތައް ބުނެ އެވެ. އިސްރާއީލު ސިފައިން މީގެކުރިން ވެސް އެތަށްފަހަރަކު ވަނީ މާތްވެގެންވާ މަސްޖިދުލްއަޤްސާގެ ހުރުމަށް ކަނޑައި އެތާގައި އަޅުކަންކުރަންތިބި މީހުންނަށް އަނިޔާކުރުމުގެ ހަރުކަށި އަމަލުތައް ހިންގާފަ އެވެ. (އަލްޖަޒީރާ)