ދިވެހިރާއްޖޭގެ މިހާރުގެ ހާލަތަށް ބަލާ އިރު ބާރުވެރި ވަޒީފާތަކުގައި އަންހެނުން އުޅޭ މިންވަރު މަދެވެ. މާ ކުރިއްސުރެ ވެސް ކަންތައް އޮތީ މިހެންނެވެ. ސުވާލަކީ ދިވެހިން މިކަން ބަދަލު ކުރަންޖެހޭ ހެއްޔެވެ؟ ޖެހޭ ނަމަ އެއީ ކީއްވެގެންތޯ އެވެ؟

ދިވެހި އަންހެނުންގެ ތެރެއިން 15 އަހަރާއި 49 އަހަރާ ދެމެދުގެ އަންހެނުންގެ ތެރެއިން ކޮންމެ ތިން މީހަކުން އެކަކީ ޖިންސީ ނުވަތަ ޖިސްމާނީ އަނިޔާ ލިބިފައިވާ މީހެކެވެ. މީގެ ތެރެއިން 12 ޕަސެންޓު އަންހެނުންނަކީ އެމީހުންގެ އުމުރުން 15 އަހަރުވުމުގެ ކުރިން ޖިންސީ އަނިޔާ ލިބިފައިވާ ކުދިންނެވެ.

އެނގޭތޯ އެވެ؟ މިފަދަ އަނިޔާވެރި ހާލަތެއްގައި އަންހެނުން ތިބެނީ އެމީހުން ބާރުވެރިނުވުމުންނެވެ. ނުވަތަ ބާރުވެރި ވަޒީފާތަކުގައި ނުތިބުމުންނެވެ.

"މި ހުރިހާ ކަމަކީ ވެސް އަސްލު ޖިންސުގެ ހަމަހަމަކަމާ ގުޅިފައިވާ ކަންކަން،" އަންހެނުން ބާރުވެރި ކުރުވުމަށް މަސައްކަތް ކުރާ ސިކްސް ފޯ ތްރީގެ ފަރާތުން ތައްޔިބް އިބްރާހިމް ވިދާޅުވި އެވެ.

ފިރިހެނުންނާ އަންހެނުންނާ ދޭތެރޭގައި އޮންނަން ޖެހޭ ހަމަހަމަކަން ގާއިމު ކުރުމަށް އެ ހަމަހަމަ ކަމަކީ ކޮބައިތޯ ވެސް އެނގެންޖެހެ އެވެ.

"ސެކްސްއަކީ މީހާ ބަޔޮލޮޖިކަލީ އަންހެނަކަށް ނުވަތަ ފިރިހެނަކަށްވާ ވުން. އޭގެ ބަދަލުގައި ޖެންޑާއަކީ މުޖްތަމައުގެ ތެރޭގައި އަންހެނުންނާއި ފިރިހެނުން ޑިފައިން ކުރެވޭ ގޮތް. މުޖްތަމައުގެ ތެރޭގައި އަންހެނުންނާއި ފިރިހެނުންނަށް ކަނޑައެޅޭ ރޯލު،" ތައްޔިބް ވިދާޅުވި އެވެ.

އެހެންވީމާ ދިވެހިންގެ ތެރޭގައި އަންހެނުންނާއި ފިރިހެނުންނަށް ކަނޑައަޅާފައި ހުންނަ ވަކި ރޯލުތަކެއް ނުވަތަ ޒިންމާތަކެއް ހުރޭތޯ އެވެ؟

"އަހަރުމެންގެ މުޖްތަމައުގެ ތެރޭގައި ވެސް ވަރަށް ބޮޑަށް ކަނޑައެޅިފައި މި އޮންނަނީ އަންހެނުންގެ ރޯލަކީ ވަރަށް ކެއާ ޓޭކިން ރޯލެއްގެ ގޮތުގައި. ފިރިހެނުންނަކީ އަބަދުވެސް ޕްރޮވައިޑް ކޮށްދޭ ބަޔެއްގެ ގޮތުގައި މި އޮންނަނީ. ގޭ ތެރޭގައި ކަންތައް ބެލެހެއްޓުމަށް ހޯދަންޖެހޭ ފައިސާ ހޯދާ ބައެއްގެ ގޮތުގައި."

އަންހެނުންނާއި ފިރިހެނުންގެ ތެރޭގައި ހަމަހަމަކަން ނެތުމުން ޖުމްލަ ގޮތެއްގައި ގައުމުގެ ހުރިހާ ދިމާލަކަށް ވެސް އޭގެ އަސަރު ކުރާ ކަމަށް ތައްޔިބް ދެކެ އެވެ. އެގޮތުން އިގްތިސާދަށް ވެސް އޭގެ ނޭދެވޭ އަސަރު ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވަރަށް ގިނަ އަންހެނުންނަކީ ގޭގައި ވެސް މަސައްކަތް ކުރާ މީހުން. ކޭކު ހެދުން ނުވަތަ މިކަހަލަ ކަންތައް. އެކަމަކު މިފަދަ ވަޒީފާތަކަކީ ރަސްމީ ވަޒީފާއެއްގެ ގޮތުގައި ނުބަލާ. އެމީހުންނަކަށް ޕެންޝަނެއް ވެސް ނުލިބޭނެ. ދެން އަދި އެފަދަ ވަޒީފާތަކުން ލިބޭ ފައިސާ ހަރަދުކޮށްލަން ޖެހިފައި. އެހެންވީމާ އިގްތިސާދުން ބޭރުގައި އެނބުރޭ ފައިސާއެއްގެ ގޮތުގައި މި ފައިސާވެގެން މި ދަނީ."

ވަޒީފާއަށްދާ އަންހެނުންނަށް ބެލި ނަމަވެސް އެމީހުން އުފުލަން ޖެހޭ ޒިންމާ ހާސްބައި ބޮޑެވެ. ވަޒީފާ ނިންމާފައި އައިސް ގޭ ތެރޭގައި މަސައްކަތް ކުރުމާއި ދަރިން ބެލުމާއި ގެޔަށް ގަންނަން ޖެހޭ ތަކެތި ފިހާރަތަކަށް ގޮސް ގަތުން މިއޮތީ އަންހެނުންގެ ޒިންމާއަކަށްވެފަ އެވެ.

"އަންހެނުން މަސައްކަތް ނިންމާފައި އައިސް އަނެއްކާ ވެސް މަސައްކަތް ކުރާ އިރު ގިނަ ފަހަރު ފިރިހެނުން އުޅޭނީ ބޭރުގަ ކޮފީއެއްގައި، ނަމަވެސް އޭގެ ބަދަލުގައި ފިރިހެނުން ވެސް އެބަޖެހޭ ގޭ ތެރޭގައި ކަންތައްތަކާ ދަރިން ބެލުމުގައި ވެސް އުޅެން. ދެ މީހުންގެ ދަރިއެއް، އެހެންވީމާ ދެ މީހުން ބަލަން ވެސް ޖެހޭނެ."

އަންހެނުން ބާރުވެރި ކުރެވޭނީ އެމީހުންނަށް ކަންކަން ނިންމާ ލެވެލްގައި މަސައްކަތް ކުރެވިގެންނެވެ. ސިޔާސީ މަގާމުތަކުގައި ތިބެގެންނެވެ. އެކަމަކު ސިޔާސީ މަގާމަކަށް ކުރިމަތިލާން ބެލި ނަމަވެސް އަންހެނަކަށް ވެއްޖެ ނަމަ އެތައް ހުރަހެއް ގިރާ ކުރަންޖެހެ އެވެ.

"ސިޔާސީ މަގާމުތަކަށް ވާދަ ކުރާ އިރު ވަރަށް ބޮޑަށް ބެލެވިފައި މި އޮންނަނީ ފިރިހެނުންގެ ދައުރެކޭ ގާނޫނު ހެދުމަކީ. ދެން އެހެން އޮތް މުޖްތަމައުއެއްގެ ތެރޭގައި މި ބުނަނީ އަންހެނުންނާ ފިރިހެނުން ވެސް ކުރިމަތިލާށޭ. އެ ދެވުނީ އަނެއްހެން ބަލާ އިރު ހަމަހަމަ ފުރުސަތެއް. އެކަމަކު އަންހެނަކު ސިޔާސީ މަގާމަކަށް ކުރިމަތިލާން ބަލާއިރު އޭގެ ފަހަތުގައި އެބަހުރި ބައިވަރު ހުރަސްތައް."

ހަމަހަމަކަމާއި އިންސާފުވެރި ހަމަހަމަކަމާ ވެސް ތަފާތެވެ. ތައްޔިބް ދެކޭ ގޮތުގައި ދިވެހިންގެ ފަރާތުން އަންހެނުންނަށް ކޮށްދޭންޖެހިފައިވާ ކަމަކީ އިންސާފުވެރި ހަމަހަމަކަން ދިނުމެވެ. އަދި މިފަދަ ހާލަތެއްގައި ގައުމު އޮތުމުން އޭގެ ސަބަބުން ތަރައްގީ އަށް ވެސް ބޮޑު ހުރަސްތަކެއް އެޅޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިކަންތައްތައް އިސްލާހު ކުރުމަށް ޑިޒިޝަން މޭކިން ލެވެލްގައި އަންހެނުންގެ ބައިވެރިވުން މުހިންމު. ސިޔާސީ ހަރަކާތްތަކުގައި އުޅޭ. އެކަމަކު އެވަރަކުން އަދި އަންހެނުން ބާރުވެރި ކުރުވުމަށް އެހީއެއް ނުވޭ. މިފަދަ ފުރުސަތުތައް އަންހެނުންނަށް ދީފި ނަމަ އެމީހުންގެ ބައިވެރިވުމާ އެކު ގައުމު މާ ބޮޑަށް ތަރައްގީ ވެސް ވާނެ."

ހިއުމަން ރައިޓްސް ކޮމިޝަނުން ރާއްޖޭގައި ކުރި ދިރާސާއަކުން ދައްކާ ގޮތުގައި އަންހެނުންގެ ހައްގުތަކަށް ދިވެހިން ސަޕޯޓް ކުރާ މިންވަރު ނިސްބަތުން ބޮޑެވެ. ވަޒީފާ އާއި ސިޔާސީ ކަންކަމުގައި ހަރަކާތްތެރިވާން އަންހެނުންނަށް ވެސް ފުރުސަތު ލިބެންޖެހޭކަން އަޅުގަނޑުމެން ގަބޫލު ކުރަމެވެ. އެކަމަކު އަމަލީ ގޮތުން އެކަން ދައްކަން ވެސް ޖެހެ އެވެ.