ޔޫކްރެއިންގެ ކްރައިމިއާގެ ރައްޔިތުން ނެގި ވޯޓުގައި 95 ޕަސެންޓު މީހުން ރަޝިޔާގެ ދަށަށް ދާން ނިންމި ކަމުގައި ވިޔަސް އެކަން ގަބޫލުނުކުރާ ކަމުގައި އެމެރިކާ އިން ބުނެފި އެވެ.

ކްރައިމިއާގެ ރައްޔިތުން ރަޝިޔާގެ ދަށަށް ދިއުމުގެ އެންމެ ބޮޑު މަގްސަދަކީ މިހާރު ހިނގަމުންދާ ދާހިލީ ހަނގުރާމައިގެ ސަބަބުން ހިމާޔަތް ހޯދުމަށް ކަމުގައި އެ ރައްޔިތުން ބުނަމުން ދެއެވެ. ރަޝިޔާގެ އެހީގެ ދަށުން ހަނގުރާމައެއް ކުރިމަތިވެއްޖެ ހާލަތެއްގައި 20،000 މެންބަރުން އެކަމަށް ޓްރެއިންކޮށް ދިނުމަށް ރަޝިޔާއިން އެއްބަސްވެފައިވާ ކަމުގައި ވެސް ބައެއް މީޑިއާ ރިޕޯޓްތަކުން ބުނަމުން ދެއެވެ.

ކްރައިމިއާގެ ނިންމުން ރަޝިޔާއާ ގުޅުމަށް ނިންމި ކަމުގައި ވިޔަސް، އެމެރިކާ އިން އެކަން ގަބޫލު ނުކުރާނެ ކަމަށް އެގައުމުގެ ސެކްރެޓަރީ އޮފް ސްޓޭޓް ޖޯން ކެރީ ވިދާޅުވެފައިވެ އެވެ. ކެރީ ވިދާޅުވީ، މިއީ ރަޝިޔާއަށް ފައިދާވާ ގޮތަށް ރަޝިޔާގެ މެޖޯރިޓީން ނިންމައިފައިވާ ގޮތް ކަމަށެވެ.

މި ނިންމުމުގެ ސަބަބުން ހުޅަނގުގެ ފަރާތްތަކުން ހިތްހަމަ ނުޖެހޭއިރު، އެމެރިކާއިން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަށް މައްސަލަ ހުށަހަޅާނެ ކަމަށާއި ރަޝިޔާ އަށް މިކަމުގެ ސަބަބުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެ ކަމަށް ބުނެ އެމެރިކާ އިން ދަނީ އިންޒާރުތައް ދެމުންނެވެ.

ކްރައިމިއާގެ ހުރިހާ ރައްޔިތުންގެ ހިޔާލު ދާދި އެއްގޮތަކަށް ހުރި އިރު، މި ނިންމުމަކީ ކްރައިމިއާގެ ރައްޔިތުންގެ ނިންމުން ކަމުގައި ބުނެ އެމީހުން ދަނީ މަގުތަކަށް ނުކުމެ އުފާ ފާޅުކުރަމުންނެވެ.

"މިއީ އަހަރެމެންގެ ބިން. މިއީ އަހަރެމެންގެ ކާބައިފައިންގެ ބިން. ކްރައިމިއާގެ ރައްޔިތުން ބޭނުންވަނީ ރަޝިޔާގެ އެހީ. އެހެންނޫންނަމަ، އަހަރެމެންގެ މިބިން ހަލާކުވެގެން ދާނެ. އެއްވެސް މީހަކު ނުބުނޭ އަހަރެމެން ކައިރީ ވަކި ގޮތަކަށް ވޯޓު ދޭކަށް." ކްރައިމިއާގެ ރައްޔިތަކު ބުންޏެވެ.

ކްރައިމިއާގައި ނެގި ފެންނަ ނުފެންނަ ވޯޓުގައި ރައްޔިތުންނަށް އިހްތިޔާރު ދީފައި ވަނީ ރަޝިއާގެ ދަށަށް ދިއުމަށް ނުވަތަ ކްރައިމިއާގެ ދަށުގައި އޮވެ ވެރިކަމުގެ ބާރުތައް މިހާރަށް ވުރެ ބޮޑަށް ފުޅާކުރުމަށެވެ.