16 Mar 2014, 23:44
ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ހިންގި "ދޯސްތީ- އެކުވެރިކަން" ހަފުތާގެ ތެރޭގައި ބޭއްވި ކުރެހުމުގެ މުބާރާތުގެ ކުރެހުންތައް ހިމެނޭ އާޓް އެގްޒިބިޝަނެއް މިރޭ ހުޅުވައިފިއެވެ.
ނެޝަނަލް އާޓް ގެލެރީގައި މިރޭ ބޭއްވި ހަފުލާއެއްގައި އެގްޒިބިޝަން ހުޅުއްވައިދެއްވީ އިންޑިއާ ހައިކޮމިޝަނަރު ރާޖީވް ޝަހާރޭ އެވެ. ކުރެހުމުގެ މުބާރާތުން ވަނަ ވަނައަށް އައި ދަރިވަރުންނަށް އިނާމު ދިނުން ވެސް މިރޭގެ ހަފުލާގައި އޮތެވެ.
ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ޝަހާރޭ ވިދާޅުވީ ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް ފާހަގަ ކުރި ދޯސްތީ-އެކުވެރިކަން ހަފުތާއަށް ދެގައުމުގެ ރައްޔިތުންގެ ބޮޑު ތަރުހީބެއް ލިބުނު ކަމަށެވެ. އެގޮތުން ކުރެހުމުގެ މުބާރާތުގައި 20 ސްކޫލަކުން 1600 ކުރެހުން ބައިވެރިކުރިން އޭނާ ފާހަގަ ކުރެއްވި އެވެ.
މިދިޔަ ޖެނުއަރީ މަހުގެ 20 އިން 27 އަށް ފާހަގަ ކުރި އެކުވެރިކަމުގެ އެ ހަފުތާގެ ހުރިހާ ކަމަށް ދިވެހިންނާއި ރާއްޖޭގައި ދިރިއުޅޭ އިންޑިއާ މީހުންގެ ބޮޑު ތަރުހީބެއް ލިބުނުކަން ފާހަގަކުރައްވައި އެމީހުންނަށް އޭނާ ޝުކުރު އަދާކުރެއްވި އެވެ. އަދި އެކަމުގައި ދިވެހި ސަރުކާރުގެ އިސް ބޭފުޅުންގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނު ކަމަށް ވިދާޅުވެ، ސަރުކާރަށް ވެސް ޝުކުރުއަދާކުރެއްވި އެވެ.
އެކުވެރިކަމުގެ ހަފުތާގައި ކާބޯތަކެތީގެ ފެސްޓިވަލަކާއި ފިލްމް ފެސްޓިވަލަކާއި ޔޯގާ ވޯކްޝޮޕްތަކަކާއި ސަގާފީ ހަވީރަކާއި މިޔުޒިކް ފެސްޓިވަލެއް އަދި ކުއިޒެއް ވެސް ބޭއްވި އެވެ. އަދި އިންޑިއާގެ ހަތަރު ޑޮކްޓަރުންގެ ޓީމަކުން އައިޖީއެމްއެޗާއި ހުޅުމާލޭ ހޮސްޕިޓަލުގައި އައި ކޭމްޕެއް ބާއްވައި، އައިނު ހެއްދުމާއި ލޮލުގެ ކުދި އޮޕަރޭޝަންތައް ހިލޭ ކޮށްދީފައިވެ އެވެ.