އައްޑޫ ސިޓީ ހިތަދޫގެ ބޮޑު މަގުގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ސިފައިންގެ މީހަކަށް ސީރިޔަސް އަނިޔާތަކެއް ވެއްޖެ އެވެ.

އެ އެކްސިޑެންޓް ހިނގާފައި ވަނީ މިރޭ 7:30 އެހާކަންހާއިރު ހިތަދޫ ބޮޑު މަގުން ދުއްވާފައި ދިޔަ ދެ ސައިކަލެއް ޖެހިގެނެވެ. އެ ދެ ސައިކަލުން ކުރެ، ކޮންމެ ސައިކަލެއްގައި ވެސް ދެ މީހުން ތިއްބެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވީ ދެ ސައިކަލެއް ޖެހި އައްޑޫގައި މިރޭ ހިނގި އެކްސިޑެންޓުގައި ގެއްލުވި ސައިކަލެއްގެ ފަހަތުގައި އިން މީހެއްގެ ބޯފަޅައިގެން ގޮސްފައިވާ ކަމަށާއި އޭނާއަށް މިހާރު ހިތަދޫ ހޮސްޕިޓަލުގައި ފަރުވާ ދެމުން ގެންދާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ސަންއަށް އެނގިފައިވާ ގޮތުގައި އެ އެކްސިޑެންތުގައި ސީރިއަސް އަނިޔާތަކެއް ވެފައި ވަނީ އެމްއެންޑީއެފް ސަދަން އޭރިއާގެ އިސް އޮފިސަރެއް ކަމަށްވާ ހިތަދޫ، ސަނީ ޑޮރޮޕް، ރިއްފަތުﷲ އަށެވެ.

ފުލުހުންގެ އޮފިޝަލް ވިދާޅުވީ ބޯފަލައިގެން ދިޔަ މީހާގެ ހާލު ސީރިޔަސް ކަމަށާއި ނަމަވެސް ދެން ތިބި ތިން މީހުންގެ ހާލު ސީރިޔަސް ނޫން ކަމަށެވެ. ނަމަވެސް އެކިވަރުގެ ޒަހަމްތައް އޭނާއަށް ވެފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.