އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީގު ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލު ކުރުމުން ގާނޫނު އަސާސީން ލިބިދޭ ހަނުހުރުމުގެ ހައްގު ބޭނުންކުރައްވައިފި އެވެ.

މިރޭ 9:30ގައި ފުއާދު ފުލުސް އޮފީހަށް ވަޑައިގަތީ އިލެކްޝަންސް ކޮމިޝަންގެ ލީގަލް ސެކްޝަންސްގެ ހެޑް ހަނީފާ ހާލިދާ އެކު އެވެ.

ފުލުހުންގެ މައި އިދާރާ ޝަހީދު ހުސައިން އާދަމް ބިލްޑިންގ އިން ނުކުމެވަޑައިގަތުމުން، ނޫސްވެރިން އެމަނިކުފާނާ ސުވާލު ކުރެއްވުމުން ވިދާޅުވީ "އަޅުގަނޑު މިވަގުތު ދަންނަވާނެއް އެއްޗެއް ނެތް" ކަމަށެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ފުއާދު ފުލުސް އޮފީހަށް ހާޒިރުކޮށްފައި ވަނީ އިލެކްޝަންސް ކޮމިޝަންގެ ރައީސް ކަމުގައި އޭނާ ހުންނެވި އިރު، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅޭ ގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދާ ދެމެދު ދައްކާފައިވާ ކަމަށް ބުނާ ފޯން ކޯލެއްގެ އޯޑިއޯ ސޯޝަލް މީޑިއާގައި ލީކްވެފައި ވާތީ އެ މައްސަލަ ތަހުގީގު ކުރުމަށެވެ.

އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ މާފަންނު ދެކުނު ދާއިރާއަށް ވާދަކުރައްވާ ޕީޕީއެމްގެ ކެންޑިޑޭޓް އަދި ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ ރިފާއު (ބޮޗޭ) އެވެ.