މ. ދިއްގަރާއި އެ އަތޮޅު މުލަކުގައި ގާއިމްކުރާ ފެނާއި ނަރުދަމާ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން މާލޭ ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިއުއެސްސީ) ހަވާލުކޮށްގެން ކުރިއަށްގެންދާ އެ ދެ މަޝްރޫއު އިފްތިތާހު ކޮށްދެއްވީ އެ ރަށްތަކުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އުމަރު ނަސީރު އާއި ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު އާއި އެންވާރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން ޝާހްގެ އިތުރުން މުލަކު ދާއިރާގެ ގޮނޑިއަށް ވާދަ ކުރައްވާ މޫސާ ރަމީޒު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އެންވާރަމަންޓް މިނިސްޓްރީން ބުނީ ސަރުކާރުގެ ބަޖެޓުން 84 މިލިއަން ރުފިޔާ ހަރަދުކޮށްގެން މުލަކުގައި ގާއިމްކުރާ ފެނާއި ނަރުދަމާގެ މަޝްރޫއު އާއި 54 މިލިއަން ރުފިޔާ ހަރަދުކޮށްގެން ދިއްގަރުގައި ގާއިމް ކުރާ ފެނާއި ނަރުދަމާގެ މަޝްރޫއުގެ ތެރެއިން ދެ ރަށުގެ ފެނުގެ މަސައްކަތް މި އަހަރުގެ ޑިސެމްބަރު މަހަށް ނިންމަން ހަވާލުކުރެވިފައިވާ އިރު، ދެ ރަށުގެ ނަރުދަމާގެ މަސައްކަތް ނިންމުމަށް ހަވާލުކުރެވިފައި ވަނީ އަންނަ އަހަރުގެ ސެޕްޓެމްބަރު ނިޔަލަށް ކަމަށެވެ.

މުލަކުގަ އާއި ދިއްގަރުގައި ގާއިމްކުރާ ފެނާއި ނަރުދަމާގެ މަޝްރޫއުގެ ދަށުން އެ ރަށްތަކުގައި ރިވާސް އޮސްމޯސިސް (އާރްއޯ) ޕްލާންޓް ބެހެއްޓުމާއި އާރްއޯ ސްޓޯރޭޖް ޓޭންކު ބެހެއްޓުމާއި ވާރޭފެން ރައްކާކުރާ ޓޭންކް ބެހެއްޓުމުގެ އިތުރުން މުޅި ރަށުގައި ފެން ހޮޅި އަޅައި ގޭގެއަށް ކަނެކްޝަން ގުޅާނެ އެވެ. މީގެ އިތުރުން ފާހާނާ ހޮޅިއެޅުމާއި ސްވޭޖް ޕަމްޕް ސްޓޭޝަންތައް ބެހެއްޓުމާއި ސީއައުޓްފޯލް ސިސްޓަމްއެއް ގާއިމް ކުރުމަށްވެސް ވަނީ ނިންމައިފަ އެވެ.