ރާއްޖޭގެ ތަރައްގީއަށް ކުރާނެ ގިނަ ކަންތައްތަކެއް މުއްދަތާއެކު ރައީސް އަބުދުﷲ ޔާމީން އިއުލާން ކުރައްވައިފި އެވެ.

ދ. މީދޫ ބިންހިއްކުމުގެ ރަސްމިއްޔާތު ފެއްޓެވުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އޮގަސްޓް މަސް ނިމުމުގެ ކުރިން ސީ އެމްބިއުލާންސް ގެ ހިދުމަތް ތައާރަފް ކުރެވިގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެން ވަރަށް ބޮޑު އިސްކަމެއް ދެން ސިއްހީ ހިދުމަތް ތަރައްގީކުރުމަށް، އެގޮތުން ﷲ އިރާދަފުޅުން އޮގަސްޓް މަހުގެ ތެރޭގައި ސީ އެމްބިއުލާންސް ތައާރަފް ވެގެން ދާނެ" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާން ވިދާޅުވީ ރާއްޖޭގެ އުތުރާއި ދެކުނުގައި ބޭރުގެ ބޯޓްތަކަށް ހިދުމަތްދޭ "ޓުރާންސްޝިޕް" ބަނދަރެއްގެ މަސައްކަތް ކުރިއަށް އޮތް އަހަރެއްގެ ތެރޭގައި ފެށިގެންދާނެ ކަމަށެވެ. އަދި ތެޔޮ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ. ހުޅުމާލެ އާއި މާލެ އާއި ދެމެދު ބުރިޖް އެޅުމާއި ހުޅުމާލެ ޒުވާނުންގެ ސިޓީއަކަށް ހެދުމުގެ މަސައްކަތް ވެސް ފެށިގެންދާނެ ކަމަށް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވި އެފަދަ ބޮޑެތި ގިނަ ޕުރޮޖެކްޓްތައް ހިންގާނީ ބަޖެޓުން ހަރަދުކޮށްގެން ނޫން ކަމަށާއި ހަރަދު ކުޑަކޮށް "އިސްރާފް" ކުޑަކޮށްގެން ކަމަށެވެ.

ރައީސް ޔާމީންގެ ވާހަކަފުޅުގައި ވަނީ މީދޫ ދާއިރާއަށް މަޖިލިސް އިންތިހާބުގައި ވާދަކުރައްވާ އަހުމަދު ސިޔާމް އާއި ކުޑަހުވަދޫ ދާއިރާއަށް ވާދަކުރައްވާ އަހުމަދު އާމިރުއަށް ވޯޓް ދިނުމަށް އެދިވަޑައިގެންފައެވެ.

ބިން ހިއްކުމަށް އަލި އަޅުވާލައި ރައީސް ވިދާޅުވީ މިއަދަކީ "މީދޫއަށް އައި ބޮޑު އީދެއް" ކަމަށެވެ.

އާބާދީގައި 1300 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ 12 ހެކްޓަރުގެ މީދޫއަށް އިތުރަށް 17.5 ހެކްޓަރުގެ ބިއްހިއްކަނީ ނެދަލޭންޑްސްގެ ބޮސްކާލިސް ކުންފުއްޏެވެ.