21 Dec 2010, 15:49
ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓު ތަންފީޒު ކުރާނީ ލާމަރުކަޒީ އުސޫލަށް ބަލައިގެން ކަމަށް ކަނޑައަޅުއްވައި، އެޚަރަދުތައް ކުރާނެ ގޮތުގެ އުސޫލެއް ވަޒީރުންގެ މަޖިލީހުން މިއަދު ހަމަޖައްސަވައިފި އެވެ.
ރައީސް އޮފީހުން ބުނީ، އަތޮޅުތަކަށާއި، ސަރަހައްދީ މަރުކަޒުތަކަށް ބަހާލެވޭގޮތަށް ބަޖެޓު ތަންފީޒުކުރުމުގެ އުސޫލެއް ކެބިނެޓުން ނިންމެވީ، ލާމަރްކަޒީ އުސޫލުން ރަށު ފެންވަރުގަޔާއި، އަތޮޅު ފެންވަރުގަޔާއި އަދި ސަރަޙައްދީ މަރްކަޒުތަކުގައި ޕްރޮގްރާމްތައް ހިންގުމަށް ކަމަށެވެ.
އެ ޕްރޮގްރާމްތަކުގެ އަންދާޒާ ޚަރަދުތައް ކުރުމަށް ފައިސާ ކަނޑައެޅޭނީ ޕްރޮގްރާމެއްގައި ހިމެނޭ ރިކަރަންޓް ޚަރަދަށް ބަލައިގެން ކަމަށް ރައީސް އޮފީހުން ބުނެ އެވެ. އެގޮތުން ކޮންމެ ޕްރޮގްރާމެއްގައި ހިމެނޭ ރިކަރަންޓް ޚަރަދުތައް، ބަހާލެވިފައި ވަނީ، މައި ސަރުކާރަށް 30 ޕަސަންޓް، ރަށްތަކަށް 50 ޕަސަންޓު، އަތޮޅުތަކަށް 13 ޕަސަންޓު އަދި ސަރަހައްދީ މަރުކަޒުތަކަށް ހަތް ޕަސަންޓު ޚަރަދުކުރާ ގޮތަށެވެ.
ބަޖެޓުގައި ހިމެނިފައިވާ ޕްރޮގްރާމްތައް ހިންގުމުގެ ޚަރަދާއި، އަދި ކެޕިޓަލްޚަރަދު، އެ އުޞޫލުގައި ނުހިމެނޭ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
އަދި ރަށްތަކަށް ޚަރަދުތައް ބަހާލާގޮތަށް ހަމަޖައްސަވާފައިވަނީ، ރަޖިސްޓްރީ ކުރެވިފައިވާ އާބާދީގެ ނިސްބަތުން ކަމަށާއި އަތޮޅުތަކަށާއި ސަރަޙައްދީ މަރްކަޒުތަކަށް ޚަރަދުތައް ބަހާލެވޭނީ، ހަމަހަމަ އުސޫލެއްގެ މަތިން ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.