މީދޫއިން އަހުމަދު ސާއިލް އަލީ

ދ. މީދޫ ޒުވާނުންނަށް ގިނަ ކަންތައްތަކެއް ކޮށްދެއްވާނެ ކަމުގެ ވައުދު އެ ދާއިރާގެ މަޖިލިސް ގޮނޑި ދިފާއު ކުރެއްވުމަށް ނުކުމެވަޑައިގެން ހުންނެވި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ވެވަޑައިގެންފި އެވެ.

މީދޫ ބިންހިއްކުމުގެ ރަސްމިއްޔާތު ފެއްޓެވުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސިޔާމް ވިދާޅުވީ އަލަށް ހިއްކާ 17.5 ހެކްޓަރުގެ ބިމުގައި ޒުވާނުން ފުޓްބޯލަ ކުޅުމަށް ޓާފްޑަނޑަކާއި އަންހެނުންނަށް ބަށި ކުޅެވޭނެ ދަނޑެއްގެ އިތުރުން ބިލިއާޑާއި ޓޭބަލް ޓެނިސް ފަދަ ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމް ހަމަޖައްސައި ދެއްވާނެ ކަމަށެވެ.

"ދެ ޖިންސުގެ ޒުވާނުންނަށް ވަކިން ދެ ޖިމް ހަދައިދޭނަން،" ސިޔާމް ވައުދުވެވަޑައިގެންނެވި އެވެ.

އެމަނިކުފާން ވިދާޅުވީ މި އަހަރުން ފެށިގެން މީދޫގެ ޒުވާނުންނަށް އަތޮޅު ފެންވަރުގެ މުބާރާތެއް ވެސް އެމަނިކުފާންގެ އަމިއްލަ ހަރަދުގައި ބާވައި ދެއްވާނެ ކަމަށެވެ.

ސިޔާމް ވިދާޅުވީ މީދޫގައި ބިމުގެ ދަތިކަން ބޮޑުވެ އެ ރަށުން ބިން ދޫނުކުރެވޭތީ އިޖްތިމާއީ ގިނަ މައްސަލަތަލެއް ކުރިމަތި ވެފައިވާ ކަމަށާއި އަލަށް ހިއްކޭ 17.5 ހެކްޓަރުގެ ބިމާއެކު މީދޫގެ ޒުވާނުންނަށް ކުރިއެރުންތައް ލިބޭނެ ކަމަށެވެ.