މަންމަ އަށް ސިއްރުން ގެންދިޔަ ދަރިފުޅު މަންމައާ ހަވާލުކުރަން ފެމެލީ ކޯޓުން ބައްޕަގެ މައްޗަށް ނެރުނު އަމުރަށް އަމަލުކުރުން ވަގުތީގޮތުން ހުއްޓާލުމުގެ އަމުރެއް ހައިކޯޓުން ނެރެފި އެވެ.

ސ. މަރަދޫ ކަންމަތީގޭ އަހްމަދު ޝަރުއާންގެ މައްޗަށް ފެމެލީ ކޯޓުން އަމުރުކޮށްފައި ވަނީ ޖަރުމަންގެ ރައްޔިތެއް ކަމަށްވާ ތާނިއާ ނަމަކަށް ކިޔާ މީހަކާއި ކައިވެނިކޮށްގެން ލިބުނު ފަސް މަހުގެ ކުއްޖާ ގޮވައިގެން އަނބިމީހާ އަށް ސިއްރުން އޭނާ ފިލާފައިވާތީ އެވެ.

ޝަރުވާން އުޅޭތަނެއް ނޭގިގެން އޭނާ ހޯދުމަށް ފުލުހުން އާންމުކޮށް އިއުލާންކުރި އެވެ.

ހައިކޯޓުން އެފަދަ އަމުރެއް ނެރެފައި ވަނީ ކުއްޖާ ހަވާލުކުރަން ފެމެލީ ކޯޓުން ނެރުނު އަމުރު ޝަރުވާން އެ ކޯޓުގައި އިސްތިއުނާފުކޮށްފައިވާތީ އެވެ.

ޝަރުވާން ހުށަހެޅި މައްސަލަ ނިމެންދެން ފެމެލީ ކޯޓުގެ އަމުރު ތަންފީޒު ކުރުން ފަސްކޮށްފައި އޮތުމަކީ މުހިންމު ކަމެއް ކަމަށް ގަބޫލުކުރެވޭ ކަމަށް ހައިކޯޓުގެ އަމުރުގައި ވަނީ ބުނެފަ އެވެ.

އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ހައިކޯޓުގައި މިއަދު ތާވަލް ކުރި އެވެ. ނަމަވެސް އަޑުއެހުން ވަނީ ކެންސަލް ކޮށްފަ އެވެ.

ގާނޫނީ ވަކީލާއި އެކު ޝަރުވާން ވެސް މިއަދު ކޯޓަށް ދިޔަ އެވެ. އެވަގުތު ފުލުހުން ޝަރުވާނާ ސުވާލުކުރަން ފެށުމުން އޭނާ ވަނީ ހައިކޯޓުން ނެރުނު އަމުރު ފުލުހުންނަށް ދައްކާލާފަ އެވެ.
އިތުރަށް ސުވާލުކޮށް މައުލޫމާތު އޮޅުންފިލުމުމަށް ފުލުހުން ވަނީ އޭނާ ގެންގޮސްފަ އެވެ.

ޝަރުވާންގެ އަންހެނުން ތާނިއާ ވެސް މިއަދު ކޯޓަށް ދިޔަ އެވެ. ދަރިފުޅު ހަވާލު ކުރުމުގެ އަމުރަށް އަމަލު ކުރުން ފަސް ކުރުމުގެ އަމުރެއް ނެރުނުކަން ތާނިއާ އަށް އެނގުނީ ހައިކޯޓަށް ދިޔުމުންނެވެ. އެކަން އެނގުމާ އެކު ކޯޓުތެރޭގައި ހުރެގެން އޭނާ ވަނީ ރޯން ފަށާފަ އެވެ.