ދ. މީދޫން: އަހުމަދު ސާއިލް އަލީ

ދ. މީދޫ, 17.5 ހެކްޓަރުގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ރައީސުލްޖުމްހޫއްރިއްޔާ އަބުދުﷲ ޔާމީން ފައްޓަވައި ދެއްވައިފި އެވެ.

އާބާދީގައި 1300 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ 12 ހެކްޓަރުގެ މީދޫ އަށް އިތުރަށް 17.5 ހެކްޓަރުގެ ބިން ހިއްކަނީ ނެދަލޭންޑްސްގެ ބޮސްކާލިސް ކުންފުންޏާ ހަވާލުކޮށްގެންނެވެ.

އެ ކުންފުންޏަށް އެ މަސައްކަތް ހަވާލުކޮށްފައި ވަނީ 10 ދުވަހުގެ ތެރޭގައި ބިން ހިއްކުމަށާއި އެހެނިހެން މަސައްކަތްތަކާ އެކު އެއް މަސް ދުވަހުގެ ތެރޭގައި ހުރިހާ ކަމެއް ނިންމާ ގޮތަށެވެ.

އެ ޕްރޮޖެކްޓްއަކީ ސަރުކާރުގެ ހަރަދުގައި ހިންގާ ޕުރޮޖެކްޓްއެކެވެ.

މީދޫ ކައުންސިލް ރައީސް އަހުމަދު އަސްލަމް ވިދާޅުވި ގޮތުގައި އެ ރަށް ފުރި އެރަށުން ގޯތި ދޫނުކުރާތާ މިހާރު 23 އަހަރު ވެފައިވާ ކަމަށެވެ.

"ބިން ނެތުމަކީ ވަރަށް ބޮޑު ދައްޗެއް ތަރައްގީ އަށް، މިރަށަކީ ގިނަ ލާރި ލިބޭ ބަޔަކު ދިރިއުޅޭ ރަށެއް ނަމަވެސް ބިމުގެ ދަތިކަމުން ޒުވާނުންގެ ބިމެއް ދުލެއް ނުކުރެވޭ،" އަސްލަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އަލަށް ހިއްކާ 17.5 ހެކްޓަރުގެ ބިމުން 250 ފަރާތަކަށް ގެ އިމާރާތް ކުރުމަށް ޓަކައި ގޯތި ދޫކުރެވޭނެ އެވެ.

ބިން ހިއްކުމުގެ މަސައްކަތް ފެއްޓުމުގެ ރަސްމިއްޔާތުގައި ދ. މީދޫ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ސިޔާމް އާއި ސަރުކާރުގެ ގިނަ އިސްވެރިންތަކެއް ބައިވެރިވެވަޑައިގަތެވެ.