ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ "ސްޕޯޓްސް އެރީނާ ޕްރޮޖެކްޓް"ގެ ދަށުން ގދ. ތިނަދޫގައި އެޅުމަށް ހަމަޖެހިފައިވާ ސްޕޯޓްސް އެރީނާގެ ބިންގާ އަޅައިފި އެވެ.

ސްޕޯޓްސް އެރީނާ ބިނާ ކުރުމަށް ހަމަޖެހިފައިވާ، ތިނަދޫ ޒޯން ހަތެއް ސްޓޭޑިއަމް ހިމެނޭ ސަރަހައްދުގައި، އިއްޔެ ހަވީރު އެ މަޝްރޫއު ރަސްމީކޮށް ފައްޓަވައި ދެއްވީ، ކުޅިވަރާބެހޭ ވަޒީރު މުހައްމަދު މަލީހު ޖަމާލު އާއި، ރައީސް އޮފީހުގެ މިނިސްޓަރު އަބްދުﷲ އަމީނާއި ތިނަދޫ ކައުންސިލްގެ ރައީސް އަހްމަދު ނަސީރެވެ.

ތިނަދޫ ކައުންސިލުން ބުނީ، އެރަށުގައި ސްޕޯޓްސް އެރީނާއެއް ގާއިމްވެގެން ދިއުމަކީ، ރަށުގެ ރައްޔިތުންނާއި އަދި ކައުންސިލުން ވެސް ވަރަށް ބޮޑަށް ދެކެމުންއައި ހުވަފެނެއް ހަގީގަތަކަށް ވެގެން ދިއުން ކަމަށެވެ.

ތިނަދޫ ސްޕޯޓްސް އެރީނާގެ ބިންގާ އެޅުއްވުމަށްފަހު، އެ ހަފްލާގައި މިނިސްޓަރު ދެއްކެވި ވާހަކަފުޅުގައި، ކުޅިވަރުގެ ޒަމާނީ ވަސީލަތްތައް ކޮންމެ ރަށެއްގައި ގާއިމްކުރުމަކީ ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ ވައުދެއްކަން ފާހަގަކުރަށްވަމުން ވިދާޅުވީ، ތިނަދޫގައި ބިންގާ އެޅިގެން ދިޔަ ސްޕޯޓްސް އެރީނާ ބިނާކުރުމުގެ މަޝްރޫއުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުމަށް، ހަފްތާއެއްގެ ތެރޭގައި ބީލަމަށް ހުޅުވައިލެވޭނެ ކަމަށެވެ.

ޒުވާނުންނަށް ބޭނުންވާ ކުޅިވަރު އިންފްރާސްޓްރަކްޗާތައް ގާއިމް ކުރުމަށް، ރާއްޖޭގައި ކުޅެވޭ އިންޑޯ އަދި އައުޓްޑޯ ކުޅިވަރުތަކަށް ހާއްސަ ކުރެވިގެން އެންމެ ޒަމާނީ ވަސީލަތްތަކާއެކު 16 އަތޮޅެއްގައި 34 ސްޕޯޓްސް އެރީނާ އެއް އެޅުމަށް ސަރުކާރުން ވަނީ ޑިޒައިނެއް ތައްޔާރުކޮށްފަ އެވެ.

ތިނަދޫގައި ސްޕޯޓްސް އެރީނާއެއްގެ ބިންގާ އަޅާފައިވާއިރު، ކުޅިވަރާ ބެހޭ ވަޒީރު ވަނީ، ހޮނިހިރު ދުވަހު ގދ. ގައްދޫގައި ވެސް ސްޕޯޓްސް އެރީނާއެއްގެ ބިންގާ އަޅުއްވައި ދެއްވައިފަ އެވެ.

ޖެނުއަރީ މަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑރ. މުހައްމަދު ޖަމީލް އަހްމަދު ފުވައްމުލަކަށް ކުރެއްވި ދަތުރު ފުޅެއްގައި އެރަށުގައި ވެސް ތިން ސްޕޯޓްސް އެރީނާގެ ބިންގާ ވަނީ އަޅުއްވައި ދެއްވައިފަ އެވެ.