16 Mar 2014, 15:22
ޗެލްސީން އުޅެނީ އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކުރަން ނޫން ކަމަށް އެކްލަބުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.
ޕްރިމިއާ ލީގުގެ އެއް ވަނައިގައި އޮތް ޗެލްސީ ވަނީ ރޭ އެސްޓަން ވިލާ އަތުން 1-0 ލަނޑުން ބަލިވެފަ އެވެ. ވިލާ އަތުން ބަލިވި މެޗުގައި ޗެލްސީގެ ބްރެޒިލް ދެ މިޑްފީލްޑަރުން ކަމަށްވާ ވިލިއަން އާއި ރަމިރޭސް އަށް ރަތް ކާޑު ދައްކާފައިވެ އެވެ.
"އަހަރެމެން މިއުޅެނީ ޕްރިމިއާ ލީގު ކާމިޔާބު ކުރާކަށް ނޫން. އަހަރެމެން މިއުޅެނީ މެޗުތަކުން މޮޅުވުމަށް މަސައްކަތް ކުރުމުގައި،" މޮރީނިއޯ ބުންޏެވެ. "މެޗުތަކުން މޮޅެއް ހޯދުމަށް އަހަރެމެންނަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަން. ބައެއް ފަހަރު މޮޅުވާނެ، އަދި ބައެއް ފަހަރު ބަލިވާނެ."
ވިިލާއާ ދެކޮޅަށް ޗެލްސީ ކުޅުނު މެޗުގައި ވިލިއަން އާއި ރަމިރޭސް އަށް ރަތް ކާޑު ދެއްކައި ދަނޑުން ފޮނުވާލުމަށް ފަހު، ޗެލްސީގެ ބެންޗުން މޮރީނިއޯ ވެސް ފޮނުވާލައިފައިވެ އެވެ. މެޗަށް ފަހު، މެޗުގެ ރެފްރީ ކްރިސް ފޯއީ އާ މެދު މޮރީނިއޯ ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ.
"އަހަރެން ރެފްރީ އަށް އެދުނީ ރަމިރޭސް އަށް ރަތް ކާޑު ދެއްކި ސަބަބަކީ ކޮބައިތޯ އޮޅުން ފިލުވުމަށް ފަސް ސިކުންތު ދިނުމަށް،" މޮރީނިއޯ ބުންޏެވެ. "އަހަރެން ރެފްރީންނާ މެދު ހިތްހަމަނުޖެހި ފާޑު ކިޔައިފިއްޔާ އެކަން ވާނީ އަހަރެންނަށް ނުރައްކަލަކަށް. ރެފްރީން އަބަދުވެސް ކަންތައްތައް ބޭނުންވާ ގޮތަށް ނިންމުމަށް ފަހު، ދެން ދާނީ ގެޔަށް. އެމީހުން މިހެން އައިސް ނޫސްވެރިންގެ ބައްދަލުވުންތަކަކު ބައިވެރިއެއް ނުވާނެ."