16 Mar 2014, 15:24
ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާ އަށް އެމްޑީޕީ ޓިކެޓުގައި ވާދަކުރައްވާ މުހައްމަދު ނިހާދުގެ ކެންޑިޑެސީ ހުއްޓުވައިދިނުމުގެ އަމުރަކަށް އެދި ފޭދޫ ދާއިރާގެ މެމްބަރު އަލްހާން ފަހުމީ ހައިކޯޓަށް ހުށަހެޅުއްވި އިސްތިއުނާފުގެ މައްސަލަ އަނބުރާ ގެންދަވައިފި އެވެ.
ހައިކޯޓުގައި މިއަދު ބޭއްވި އެ މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި އަލްހާން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވަން ކުޑަ ދުވަސްކޮޅަކަށް ވެފައިވާ އިރު، މިއޮތް ކުޑަދުވަސްކޮޅުގެ ތެރޭގައި އެ މައްސަލަ ހުށަހެޅި މަގުސަދު ހާސިލު ނުވާނެ ކަމަށެވެ. އެހެންކަމުން އެ މައްސަލަ އަނބުރާ ގެންދިޔައީ ކަމަށް އަލްހާން ވިދާޅުވި އެވެ.
އަލްހާން މިއަދު އަބުރާ ގެންގޮސްފައި ވަނީ ސިވިލް ކޯޓުގައި އޭނާ ވަގުތީ އަމުރަކަށް އެދިވަޑައިގަތުމުން އެފަދަ އަމުރެއް ނެރެދެވެން ނެތްކަމަށް އެ ކޯޓުން ނިންމި ނިންމުމެވެ.
ނިހާދުގެ ކެންޑިޑެސީ ހުއްޓުވައިދިނުމުގެ ވަގުތީ އަމުރަކަށް އަލްހާން ސިވިލް ކޯޓުގައި އެދުމުން އެ ކޯޓުން ނިންމާފައި ވަނީ އެބާވަތުގެ އަމުރުތައް ނެރުމަކީ ހައިކޯޓުގެ އިހްތިސޯސްގެ ތެރޭގައި ހިމެނޭ ކަމެއް ކަން އިންތިޚާބާ ބެހޭ އާންމު ގާނޫނާއި ކޯޓުތަކާ ބެހޭ ގާނޫނު ބެލުމުން އެނގެން އޮންނަ ކަމަށެވެ. އެހެންކަމުން ފޭދޫ ދާއިރާ އަށް އެމްޑީޕީ ޓިކެޓުގައި ވާދަކުރައްވާ ނިހާދުގެ ކެންޑިޑެސީ ހުއްޓުވުމުގެ ވަގުތީ އަމުރެއް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ސިވިލް ކޯޓުން ނެރެދެވޭނެ ތަނެއް ނެތްކަމަށް އެ ކޯޓުން ވަނީ ކަނޑައަޅާފަ އެވެ.