21 Dec 2010, 15:41
މާލޭގައި ދިރިއުޅެން ދަތި ފަރާތްތަކަށް "ވެށިފަހި މާލެ" ޕްރޮގްރާމްގެ ދަށުން ބިން ތަނަވަސް، ބޯހިޔާވަހިކަމަކަށް ބަދަލުކުރުމުގެ އުސޫލު ވަޒީރުންގެ މަޖިލީހުން މިއަދު ކަނޑައަޅުއްވައިފި އެވެ.
މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ އުސޫލުގައިވާ ގޮތުގެ މަތިން ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން މައިގަނޑު ތިން ގިންތިއެއްގެ ބަޔަކަށް އެކަށީގެންވާ ބޯހިޔާވަހިކަން ލިބިގަތުމުގެ ފުރުސަތު އޮންނާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެ ތިން ގިންތިއަކީ، "ކުދި ބިންތަކުގައި ދިރިއުޅޭ މާލޭ ރަށްވެހިންނާއި، ބިން ނުވަތަ ދިރިއުޅޭނޭ އަމިއްލަ ތަނެއް ނެތް މާލެއަށް އުފަން ރަށްވެހިންނާއި އަދި މުނިސިޕަލްޓީ ދަފްތަރުގައި މިއަހަރުގެ ޖޫންމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ރަޖިސްޓްރީ ކުރެވިފައިވާ މީހުންނާއި، މާލޭގައި ވަޒަންވެރިވެފައިވާ މީހުން" ކަމަށް ރައީސް އޮފީހުން ބުނެފައި ވެއެވެ.
ވެށިފަހި މާލެ ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހީގައި ހުޅުވާލެވޭ ފުރުސަތުގެ ދަށުން ކުދި ބިންތަކުގައި ދިރިއުޅޭ މާލޭގެ ރަށްވެހިންގެ ގިންތި ހުޅުވާލެވެނީ ޖުމްލަ 1000 ފަރާތަކަށެވެ. އެފަރާތްތަކަށް ޚާއްސަ ކުރެވިފައިވަނީ މާލެއިން 500 ހައުސިންގ ޔުނިޓާއި، ހުޅުމާލެއިން 250 ހައުސިންގ ޔުނިޓާއި، ހުޅުމާލޭގައި ކަނޑައެޅޭ 1200 އަކަފޫޓްގެ 250 ގޯއްޗެވެ.
ބިން ނުވަތަ ދިރިއުޅޭނޭ އަމިއްލަ ތަނެއް ނެތް މާލެއަށް އުފަން ރަށްވެހިންގެ ގިންތިއަށް ހުޅުވާލެވޭނީ ޖުމްލަ 450 ފަރާތަށެވެ. އެފަރާތްތަކަށް ޚާއްޞަ ކުރެވިފައިވަނީ، މާލޭގައި އަޅާ ހައުސިންގ ޔުނިޓުގެ ތެރެއިން 150 ހައުސިންގ ޔުނިޓާއި، ހުޅުމާލެއިން 300 ހައުސިންގ ޔުނިޓެވެ.
މީގެ އިތުރުން، މުނިސިޕަލްޓީ ދަފްތަރުގައި ޖޫން 30، 2010 ގެ ނިޔަލަށް ރަޖިސްޓްރީ ކޮށްފައިވާ މީހުންނާއި، މާލޭގައި ވަޒަންވެރިވެފައިވާ މީހުންގެ ގިންތިއަށް ހުޅުވާލެވޭނީ ޖުމްލަ 300 ފަރާތަށެވެ. އެފަރާތްތަކަށް ޚާއްޞަ ކުރެވިފައިވަނީ، މާލޭގައި އަޅާ ހައުސިންގ ޔުނިޓުގެ ތެރެއިން 100 ޔުނިޓާއި، ހުޅުމާލެއިން 200 ހައުސިންގ ޔުނިޓެވެ.
ވެށިފަހި މާލެ ޕްރޮގްރާމަކީ ބޯހިޔާވަހިކަމަށް ދަތިވެފައިވާ މާލޭގެ ރަށްވެހިންނަށް ހައްލެއް ހޯދައިދިނުމުގެ އިތުރުން، މާލެ ތޮއްޖެހުންވެސް ކުޑަކުރުމުގެ ބޭނުމުގައި ހިންގޭ ޕްރޮގްރާމެކެވެ. ސަރުކާރުގެ 10،000 ހައުސިންގ ޔުނިޓް ބިނާކުރުމުގެ މަޝްރޫއުގެ ތެރެއިން މާލެ ސަރަޙައްދުގައި ބިނާކުރުމަށް ހަމަޖެހިފައިވާ 3000 ހައުސިންގ ޔުނިޓުގެ ބޮޑުބައެއް އަމާޒުކުރެވިފައިވާނީ މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން ބޯހިޔާވަހިކަން އެންމެދަތި ޢާއިލާތަކަށް ބޯހިޔާވަހިކަމެއް ހޯދައިދިނުމަށެވެ. އެ 3000 ހައުސިންގ ޔުނިޓުގެ ތެރެއިން 1000 ޔުނިޓް ބިނާކުރުމުގެ މަސައްކަތް މިހާރުދަނީ ހުޅުމާލޭގައި ހިނގަމުންނެވެ. އަނެއް 2000 ޔުނިޓުގެ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ފެށޭނެ ކަމަށް ސަރުކާރުން އުންމީދު ކުރެ އެވެ.