މާލޭގައި ބޯހިޔާވަހިކަމުގެ ދަތިކަން ކުރިމަތިވެފައިވާ މީހުން ދެނެގަތުމަށް ގޭގެއަށް ޓީމުތަކެއް ފޮނުވައިގެން ހާލަތު ބަލަން ސަރުކާރުން ނިންމައިފި އެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވީ މާލޭގައި މީހުން ދިރިއުޅޭ ތަންތަނުގެ ހާލަތު ބަލައި، މައުލޫމާތު އެއްކުރުމުގެ މަސައްކަތް ދެދުވަހެއް ތެރޭގައި ފައްޓަވާނެ ކަމަށެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރައީސް އޮފީހުގެ މިނިސްޓަރު އަބުދުﷲ އަމީން އަރިހުގައި އެ އޮފީހުގައި މިއަދު ބޭއްވެވި ނޫސްކޮންފަރެންސެއްގަ އެވެ.

"... އަޅުގަނޑުމެން މިހާރު ގަސްދުކޮށްފައި ވަނީ މާލޭގައި މީހުން ދިރިއުޅޭ ހާލަތު ބަލައި ޑޭޓާ އެއްކުރަން. ގޭގެއަށް ޓީމުތައް ފޮނުވައިގެން އަޅުގަނޑުމެން އަމިއްލައަށް އެކަން ބަލަން، ދެދުވަހެއްގެ ތެރޭގައި އެމަސައްކަތް ފެށޭނެ،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެގޮތަށް މަސައްކަތް ކުރަން ނިންމީ ސޯޝަލް ހައުސިން ސުކީމްގެ ދަށުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އެކުލަވާލާފައިވާ ޕޮއިންޓް ސިސްޓަމްގެ ނާޖާއިޒު ފައިދާ ބަޔަކު ނަގާފާނެތީ ކަމަށެވެ. ސަރުކާރުން ކުރާ އެ ސާވޭގެ ބޭނުމަކީ ބޯހިޔާވަހިކަން ކޮންމެހެން ބޭނުންވާ މީހަކަށް ފުރުސަތު ނުބިލި ނުދާނެކަން ކަށަވަރު ކުރުން ކަމަށް ވެސް ވިދާޅުވި އެވެ.

އަދި ވިދާޅުވީ މީހުން ދިރިއުޅޭ ހާލަތު ބެލުމަށް ކުރާ މަސައްކަތުން އެއްކުރާ މައުލޫމާތާ މެދު ތަފުސީލީ ގޮތެއްގައި މަޝްވަރާކުރައްވާނެ ކަމަށެވެ. ހާލަތު ބެލުމުގެ މަސައްކަތް ކުރައްވާނީ ރައީސް އޮފީހުގެ ސީދާ ބެލުމުގެ ދަށުން ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް އޮފީހުގެ މިނިސްޓަރު އަބުދުﷲ އަމީން ވިދާޅުވީ ސޯޝަލް ހައުސިން ސުކީމްގެ ދަށުން ބޯހިޔާވަހިކަން ހޯދުމަށް އެޕްލައިކޮށްފައި ނުވާ (ފޯމް ހުށަހަޅާފައި ނުވާ) ފަރާތްތަކުގެ ތެރެއިން ވެސް ދަތި ހާލުގައި އުޅޭ ފަރާތްތަކަށް ވެސް ފުރުސަތުދޭން ސަރުކާރުން ބޭނުންވާ ކަމަށެވެ. ޓީމުތައް ފޮނުވައިގެން ހާލަތު ބެލުމަށް ފަހު، ދަތި ހާލުގައި އުޅޭ ފަރާތްތަކުގެ ތެރެއިން އެޕްލައި ނުކޮށް ތިބި ފަރާތްތަކާ ވާހަކަ ދައްކައި، އެޕްލައި ކުރުމަށް ބާރު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"... އެފަދަ ފަރާތްތައް ފާހަގަ ކުރެވިއްޖެއްޔާ، އެފަރާތްތަކާ ވާހަކަ ދައްކައި، އަޅުގަނޑުމެން އެންކަރޭޖް ކުރާނަން އެޕްލައި ކުރަން." އަމީން ވިދާޅުވި އެވެ.